ރިޕޯޓް

ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް އައްބާސް އިބްރާހީމަށް!


ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ވަރަށްގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ބޭފުޅެއް ކަމުގައިވާ ނިޝާން ޢިއްޒުންދީންގެ ޢިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމަށް ނޫސްވެރިކަމުގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް އަރުވައިފިއެވެ. 

މި އެވޯޑް އާބާސް އިބްރާހީމަށް އެރުވީ "ނޫސްވެރިންގެ އިނާމް 2016" ގެ ނަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އިނާމު ނޫސްވެރިންނަށް ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ. 

ނިޝާން ޢިއްޒުންދީންގެ ޢިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމަކީ މެދުކެނޑުމެއް ނެތި އެތައް ޖީލެއް ވަންދެން ދިވެހި ނޫސްވެރިކަމަށް އަގު ނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މަދަރުސީ ތަޢުލީމް ނިންމާލެއްވުމަށްފަހު އައްބާސް އެންމެ ފުރަތަމަވެސް ނުކުމެވަޑައިގަތީ ނޫސްވެރިކަމުގެ ދާއިރާއަށެވެ. އެގޮތުން އޭނާގެ ނޫސްވެރިކަމުގެ ރަސްމީ އެންމެ ފުރަތަމަ މަސައްކަތްޕުޅަކީ ސަރުކާރުން އޭރު ނެރުއްވަމުން ގެންދެވި ވިޔަފާރި މިއަދު ނޫހަށް ބޭރު ދުނިޔޭގެ ޚަބަރު ލިއުއްވުމުގެ މަސައްކަތެވެ.

އޭނާވަނީ، ރާއްޖެއާއި ދުނިޔޭގައި ހިނގާ ކަންކަމުގެ މަޢުލޫމާތު ދިވެހިންގެ ކިބައިގާ ނެތް އަދި ހޭލުންތެރިކަންވެސް ކުޑަ ޒަމާނެއްގައި ދިވެހިންގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކޮށްދެއްވާފައެވެ. އަދި އެތަކެއް ނޫސް މަޖައްލާތަކަކަށް ލިއުއްވާފައެވެ. ނޫސްވެރިކަމުގެ މި ޒަމާނުގެ ފެށުން ކަމުގައިވީ ބްރޯޑްޝީޓުގެ ނޫސްވެރިކަން ފަށްޓަވައި ތިރީހަށް ވުރެ ގިނަ އަހަރުދުވަހު "އާފަތިސް" ގެ ނަމުގައި ނޫހެއް ހިންގަވާފައެވެ. އައްބާސް ފާހަގަވެގެން ގޮސްފައިވަނީ ނޫސްވެރިކަމުގެ ތެރެއިން ދިވެހި ބަހަށް އާއްމުން ހޭލުންތެރިކުރުވައި ބަހާ އަދަބާއި ސަގާފަތް ދިރުއްވި ބޭފުޅެއްގެގޮތުގައިވެސްމެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން އޭނާއަށް އެރުއްވި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގަތުމަށްފަހު އައްބާސް ވަނީ މިއަދުގެ ނޫސްވެރިންނާ މުޚާޠަބުކުރައްވާފައެވެ. 

މީޑިއާ ކައުންސިލުގެ ނޫސްވެރިކަމުގެ އިނާމް 2016ގައި އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ހާސިލްކުރީ އަވަސް އޮންލައިންގެ މޫސާ ރަޝީދެވެ. މޫސައަކީ އަވަސް އޮންލައިންގައި ސިޔާސީ ދާއިރާ ކަވަރު ކުރަމުން އަންނަ ނޫސްވެރިއެކެވެ.

img:http://s4.psmnews.mv/images/660x400/15077580638769.jpg|އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ހާސިލްކުރި އަވަސް އޮންލައިންގެ މޫސާ ރަޝީދު - ފޮޓޯ: ޕީއެސްއެމް

ކުޅިވަރުގެ ދާއިރާއިން މިހާރު ނޫހުގެ އައްޒާމް އަލިފުޅު އެވޯޑް ހާސިލްކުރިއިރު އިޖްތިމާޢީ ދާއިރާއިން އެވޯޑް ހާސިލް ކުރީ ހަމަ އެ ނޫހުގެ އާސިޔަތު މުޙައްމަދު ސަޢީދެވެ. 

img:http://s1.psmnews.mv/images/660x400/15077581603173.jpg|ކުޅިވަރުގެ ދާއިރާއިން އެވޯޑް ޙާސިލްކުރި މިހާރު ނޫހުގެ އައްޒާމް އަލިފުޅު - ފޮޓޯ: ޕީއެސްއެމް

img:http://s3.psmnews.mv/images/660x400/15077582555674.jpg|އިޖްތިމާޢީ ދާއިރާއިން އެވޯޑް ހާސިލް ކުރި މިހަރުނޫހުގެ އާސިޔަތު މުޙައްމަދު ސަޢީދުގެ ފަރާތުން އޭނާގެ ކޮށްކު އެވޯޑާ ޙަވާލުވަނީ - ފޮޓޯ: ޕީއެސްއެމް

ޝަރުއީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމް ހޯދާފައިވަނީ އެ އެވޯޑް މީގެކުރިންވެސް ހާސިލްކޮށްފައިވާ މިހާރު ނޫހުގެ މުޢިއްޒު އިބްރާހީމެވެ. img:http://s3.psmnews.mv/images/660x400/15077583259104.jpg|ޝަރުއީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމް ހޯދި މިހާރު ނޫހުގެ މުޢިއްޒު އިބްރާހީމް - ފޮޓޯ: ޕީއެސްއެމް އަހަރުގެ އެންމެ މޮޅު ފީޗާ ރިޕޯޓް މިހާރު ނޫހުގެ ނިޢުމަތުﷲ އިދުރީސް ހޯދިއިރު ސިޔާސީ ދާއިރާވެސް ލިބުނީ މިހާރު ނޫހުގެ އަލީ ނާފިޒަށެވެ.

img:http://s2.psmnews.mv/images/660x400/15077584192074.jpg|އަހަރުގެ އެންމެ މޮޅު ފީޗާ ރިޕޯޓް ލިޔުއްވި މިހާރު ނޫހުގެ ނިޢުމަތުﷲ އިދުރީސް - ފޮޓޯ: ޕީއެސްއެމް img:http://s4.psmnews.mv/images/660x400/15077585153535.jpg|ސިޔާސީ ދާއިރާއިން ނޫސްވެރިކަމުގެ އެވޯޑް ލިބުނު މިހާރު ނޫހުގެ އަލީ ނާފިޒު - ފޮޓޯ: ޕީއެސްއެމް

ވިޔަފާރިއާ އިގްތިސާދީ ދާއިރާ ސަން އޮންލައިންގައި މަސައްކަތްކުރާ ޒުވާން ނޫސްވެރިޔާ އިބްރާހިމް މާހިލް މުޙައްމަދަށް ލިބުނުއިރު ފޮޓޯ ޖާނަލިޒަމްގެ ދާއިރާއިން އެވޯޑް ހާސިލްކުރީ ސަން އޮންލައިންގެ ފަޔާޒް މޫސާއެވެ. img:http://s4.psmnews.mv/images/660x400/15077591798160.jpg|ފޮޓޯ ޖާނަލިޒަމްގެ ދާއިރާއިން އެވޯޑް ހާސިލްކުރި ސަން އޮންލައިންގެ ފަޔާޒް މޫސާ - ފޮޓޯ: ޕީއެސްއެމް އަދި ވީޑިއޯ ޖާނަލިޒަމް އެވޯޑް ހާސިލްކުރީ ވީމީޑިއާގެ އައިމިނަތު އަމީނާއެވެ. img:http://s1.psmnews.mv/images/660x400/15077593404559.jpg|ވީޑިއޯ ޖާނަލިޒަމް އެވޯޑް ހާސިލްކުރި ވީމީޑިއާގެ އައިމިނަތު އަމީނާ - ފޮޓޯ: ޕީއެސްއެމް

ނޫސްވެރިކަމުގެ އެވޯޑަކީ ނޫސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން 2013ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.