ތަރައްްޤީ

5 ރަށެއްގައި ހިންގި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ނިމިއްޖެ


މީހުން ދިރިއުޅޭ ކޮންމެރަށެއްގައި ދުވާލުގަޑީގައި ބޭނުންކުރާ ކަރަންޓުގެ އެންމެމަތީ ޢަދަދުގެ 30 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ހިންގާ މަޝްރޫޢުގެދަށުން 5 ރަށެއްގެ މަސައްކަތް ނިމިފައިވާކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

2018ގެ ނިޔަލަށް މީހުން ދިރިއުޅޭ ކޮންމެރަށެއްގައި ދުވާލުގަޑީގައި ބޭނުންކުރާ ކަރަންޓުގެ އެންމެމަތީ ޢަދަދުގެ 30 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ ޢަމާޒެކެވެ. އިއާދަކުރަނިވި ހަކަތަގެ މި މަޝްރޫޢުބެހިފައިވަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ އޭޑީބީއިން އެޑްމިނިސްޓަރކުރާ ޕަބްލިކް ސެކްޓަރ ޕްރޮގްރާމް "ޕޮއިސްޑ"އާއި، ވަރލްޑްބޭންކުން އެޑްމިނިސްޓަރކުރާ އިއާދަކުރަނިވި ހަކަތައިގެ ޕްރައިވެޓް ޕްރޮގްރާމެކެެވެވެ.

ޕަބްލިކް ޕްރޮގްރާމްގެދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ފަށާފައިވާކަމަށް އެންވަރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އެންވަރރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ ފުރަތަމަ ފިޔަވަހީގެދަށުން ހުޅުމާލޭގައި 1.5 މެގަވޯޓްގެ އަވިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި މަޝްރޫޢުގެ މަސައްކަތްތައް އެކި މަރްޙަލާތަކުގައި ފަށާފައިވާކަމަށް އެންވަރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

އަޙްމަދު ޢަލީ ވިދާޅުވި ބައެއް އަތޮޅުތަކުގައި ޢަމަލީ މަސައްކަތްތައް ފަށާފައިވާއިރު، އަނެއްބައި އަތޮޅުތަކުގައި ކަމާގުޅޭ ސަރވޭތަކާއި ސްޓަޑީތައް ހަދަމުންދާކަމަށެވެ. އަދި ބައެއް އަތޮޅުތަކުގެ މަސައްކަތް ޓެންޑަރަށް ހުޅުވާލުމަށް ތައްޔާރުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާރު މި މަޝްރޫޢުގެ ދަށުން 5 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމިފައިވާކަމަށްވެސް އަޙްމަދު ޢަލީ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މަސައްކަތުގެދަށުން ހ.އގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ޤާއިމުކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާއިރު، ށ އަދި ނ އަތޮޅުގެ ރަށްތަކުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ތައްޔާރުވަމުންދާކަމަށް އަޙްމަދު ޢަލީ ވިދާޅުވިއެވެ. އަދި ރ، ބ، ކ، އއ، އދ، ވ، ފ، ގއ، ގދ، ސ އަތޮޅުގެ ސަރވޭގެ މަސައްކަތް ނިމިފައިވާކަމަށާއި ވަރަށް އަވަހަށް މި އަތޮޅުތަކުގައި މި މަސައްކަތް ފެށުމަށް ބީލަމަށް ހުޅުވާލާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މ، ފ، ދ އަތޮޅުގައި އިއާދަކުރަނިވި ހަކަތައާއި ގުޅޭ ސަރވޭތައްހެދުމުގެ މަސައްކަތައް މިނިސްޓްރީގެ ޓީމުން ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާއިރު ތ، ލ، އސދި ޏ އަތޮޅުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢުގައި އަވިން ކަރަންޓު އުފައްދާ ނިޒާމާއި، ވައިން ކަރަންޓު އުފައްދާ ނިޒާމުގެ އިތުރުން ކުނި އަންދައިގެން ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. ސަރުކާރުގެ ޢަމާޒަކީ އަންނައަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލުގަޑީގައި ބޭނުންކުރާ ކަރަންޓުގެ އެންމެމަތީ ޢަދަދުގެ 30 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށް ބޭނުންކުރަންފެށުމެވެ.