ތަރައްްޤީ

8 ރަށެއްގައި ކުނިކޮށި ތަރައްޤީކުރަން 5 ކުންފުންޏަކާ ހަވާލުކޮށްފި


އަށް ރަށެއްގައި ކުނިކޮށި ތަރައްގީކުރުމަށް އެންވަރރަމެންޓް މިނިސްޓްރީން ފަސް ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މީގެތެރޭގައި 5 ރަށެއްގައި ޒަމާނީ ކުނިކޮށިއެޅުމާއި، އެއް ރަށުގައި މިހާރު ބޭނުންކުރަމުންދާ ކުނިކޮށި އަޕްގްރޭޑްކުރުމާއި، ދެ ރަށެއްގައި ކުނި ނައްތާލުމަށް ބޭނުންވާ މެޝިނަރީޒް ޤާއިމުކުރުން ހިމެނެއެވެ.

އަލަށް ކުނިކޮށި އެޅުމަށް ސޮއިކުރި ރަށްތަކުގެތެރޭގައި ހިމެނެނީ ހއ.ހޯރަފުއްޓާއި، ހދ.ނޮޅިވަރަމްފަރާއި، ގއ.ކަނޑުހުޅުދުއާއި، ނ.މާފަރާއި ވ.ފުލިދޫއެވެ.

ކުނި އަންދާ ނިޒާމު ޤާއިމުކުރުމަށް ސޮއިކުރި އެއްބަސްވުމުގެދަށުން ގއ.ކޮލަމާފުއްޓާއި ގއ.ދާނދޫގައި މިނިޒާމު ޤާއިމުކުރާއިރު، މި ދެރަށުގެ ކުނި މެނޭޖުކުރުމުގެ މަޝްރޫޢުއަށް ޕީއެސްއައިޕީ ބަޖެޓުން 1.9 މިލިއަންނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ. މި ނިޒާމަކީ މެޝިނަރީ ބޭނުންކޮށްގެން ކުނި އެންދުމަށް ޤާއިމުކުރާ ނިޒާމެކެވެ. މީގެއިތުރުން ތިނަދޫ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑްކުރުމަށްވެސްވަނީ ބަޔަކާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުއަކީ ޕީއެސްއަޕީ ބަޖެޓުން ޙަރަދުކޮށްގެން ކުރިއަށްގެންދާ 1.1 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ސޮއިކުރުމަށް ވޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަރރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ އާމިރު ވިދާޅުވީ ކުނިކޮށިތައް ތަރައްޤީކުރަނީ ޒަމާނީ ކުނިކޮށިތަކެއްގެ ގޮތުގައިކަމަށެވެ. އެގޮތުން ވަކިވަކި ބާވަތްތައް ވަކިކޮށް އުކުމާއި، ކުނި ނައްތާލުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރާނެކަމަށެވެ.

އެންވަރަމެންޓް މިނިސްޓްރީން ގެންދަނީ ރަށުފެންވަރުގަޔާއި، އަތޮޅުފެންވަރުގައި ކުނި މެނޭޖުކުރުމުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން ރާއްޖެ 7 ރީޖަނަކަށް ބަހާލައިގެން ކުރިއަށްގެންދާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. މި މަޝްރުޢުގެ މަސައްކަތްތައް މިހާރު ވަނީ ބައެއް ރީޖަންތަކުގައި ފަށާފައެވެ. މި މަޝްރޫޢުއަކީ އެކި އަތޮޅުތަކުން އެއްތަނަކަށް ކުނި ޖަމާކޮށް ނައްތާލެވޭނެ ނިޒާމު ޤާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.