ތަރައްްޤީ

4 ރަށެއްގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި


ހަތަރު ރަށެއްގެ ބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. 

އެމްޓީސީސީޢާ މިއަދު ހަވާލުކޮށްފައިވަނީ ހއ. ވަށަފަރާއި ރ. ހުޅުދުއްފާރާއި ށ. މާއުގޫދޫ މ. ވޭވަށުގެ ބަނދަރުގެ މަސައްކަތެވެ. މިގޮތުން ހއ. ވަށަފަރާއި ރ.ހުޅުދުއްފާރު ނެރުގެ ފައިކަށި ދިގުކުރުމާއި، ށ.މާއުނގޫދު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢާއި، މ.ވޭވަށް ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މިމަޝްރޫޢުތަކުގެ ދަށުން ކުރިއަށްދާނެއެވެ. 

މިކަމުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހީމް ޒިއަތުއެވެ.

ހއ. ވަށަފަރާއި ރ.ހުޅުދުއްފާރާއި ށ.މާއުނގޫދު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ ސަރުކާރުގެ ބަޖެޓުން 14.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. 

މި މަޝްރޫޢުގެދަށުން ހއ.ވަށަފަރު ބަނދަރު ނެރުފައިކަށި 42 މީޓަރަށް ދިގުކުރުމާއި ނެވިގޭޝަން ލައިޓް ހަރުކުރުމަށް ހަމަޖެހިފައިވެއެވެ. ރ. އުގޫފާރު ބަނދަރު ތަރައްޤިކުރުމަށް ބަނދަރުގެ ފައިކަށި 79 މީޓަރަށް ދިގުކުރުމުގެ އިތުރުން މެއިންޓަނަންސް ޑްރެޖިންގް ހެދުމާއި ނެވިގޭޝަން ލައިޓް ހަރުކުރުމުގެ މަސައްކަތް ހިމޭނެއެވެ. މިގެ އިތުރުން ށ. މާއުނގޫދޫ ބަނދަރު އަޕްގްރޭދް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މ.ވޭވަށު ބަނަދަރު ބޮޑުކުރުމުގެ މަޝްރޫޢުއަކީ 9.4 މިލިއަންވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 58 މީޓަރުގެ ކީވޯލްއެއް ހެދުމާއި، ބަނދަރުގެ މެއިންޓަނަންސް އެންޑް ޑްރެޖިންގ ހެދުމާއި ބަނދަރު ސަރަހައްދުގައި ޕޭވްމަންޓް ހެދުމުގެ އިތުރުން މަގުބައްތިޖެހުން ހިމެނެއެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިމަޝްރޫޢުގެ ސަބަބުން މިރަށްރަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ޚައްލުވެގެންދާނެކަމަށެވެ.

ހއ. ވަށަފަރާއި ރ.ހުޅުދުއްފާރާއި ށ.މާއުނގޫދު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް 200 ދުވަހުގެ ތެރޭގައި ނިންމުމަށް ސޮއިކޮށްފައިވާއިރު، ވޭވަށުގެ ބަނދަރު ނިންމުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައެވެ. އެމްޓީސީސީގެ ސީއިއޯ އިބްރާހީމް ޒިއަތުވަނީ މުއްދަތުގެ ކުރިން މަސައްކަތް ނިންމާނެކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ށ.ފޮނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމްވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. ސަލީމް ވިދާޅުވީ މިއީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުވެފައިވާ ކަމެއްކަމަށާއި، ބަނދަރު އަޕްގްޑް ކުރުމާއިއެކު، ރަށުގެ އޮޑިވެރިންނާއި، ރަށްޔިތުންނަށް ގިނަ ފައިދާތަކެއް ވެގެންދާނެކަމަށެވެ.