ތަރައްްޤީ

"މަޖިލީހުގެ ތެރެއިން ޤައުމަށް ގެއްލުންދޭން ފުރުސަތެއް ނުދޭނަން"


ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ދިވެހި ޤައުމަށް ގެއްލުންދޭން އިދިކޮޅު މެންބަރުން ކުރާ މަސައްކަތްތަކަށް ފުރުސަތު ނުދޭނެކަމަށް ޕީ.ޕީ.އެމްގެ ސެކްރެޓަރީ ޖެނަރަލް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރ ޑރ.އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ. 

ޕީ.އެސް.އެމް ނިއުސް އިން ގެނެސްދޭ "ގޮނޑިވިއްކުމާއި ވޯޓު ވިއްކުން ނިމުމަކަށް"   މިޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ، އިދިކޮޅު މެންބަރުން ބޭނުންވާހާ ގޮތްގޮތަށް ކަންކަން ނުދިއުމުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި  އެމެންބަރުންޖަހާ ސަކަރާތަށް ބަލާކަށް ސަރުކާރަށް ތާޢީދުކުރާ  މެންބަރުން ނުތިބޭނެކަމަށެވެ. ސަރުކާރަށް ތާޢީދު ކުރާ މެންބަރުން މީގެ ކުރިން މަޖިލިސްތެރެގައި މަސައްކަތްކުރީ ދިވެހިރައްޔިތުންނަށް ފައިދާކުރުވަނިވި އެތައްކަންތައްތަކެއް ހާސިލްކޮށްދިނުމަށްކަމަށާއި، މިއަހަރުގެ ތިންވަނަ ދައުރު ފެށިގެން އަންނައިރު އެމަސައްކަތް އާފެށުމަކުން ފަށާނެކަމަށްވެސް ޑރ. ޚަލީލު ވިދާޅުވިއެވެ. 

ޑރ. ޚަލީލު ވިދާޅުވީ، އިދިކޮޅު ފަރާތްތައް ބޭނުންވާހާ ގޮތަށް މަޖިލީހުގެ ޖަލްސާތައް ނުގެންދެވުމުން، މަޖިލީހުގެ ތެރޭގައި ގަޑުބަޑު އުފައްދަންފަށައި، ހަމަނުޖެހުންތައް ހިންގައި، އެއްމެންބަރަކު އަނެއް މެންބަރަކަށް ހުތުރު އެއްޗެހި ގޮވުމާއި، ރިޔާސަތުގެ ގޮޑިކޮޅަށް ހަމާލާދީ މަޖިލީހުގެ ސަލާމަތީކަންކަން ބަލަހައްޓަމުންދިޔަ ސަލާމަތީ ބާރުތަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް އެފަރާތްތަކުން ހިންގާފައިވާކަމަށެވެ. އަދި ފެނިގެންދިޔައީ މިހާތަނަށްވެސް މަޖިލީހުގައި ހިނގާފައި ނުވާފަދަ ހަޑިހުތުރު އަމަލިތަކެއް ކަމަށް ޚަލީލް ވިދާޅުވިއެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުން ރާއްޖެއަށް ބޭނުންވާ މުހިންމު އިންވެސްޓްމަންޓްތައް ގެނައުމަށާއި، އެކިއެކި މަޝްރޫޢުތަކަށް ބޭނުންވާ ޤާނޫނުތައް އަވަހައް ހަދައިދޭކަމަށާއި، އެކަން ހާމަވަނީ މިހާރުކުރިއަށް މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަޖިލީހުގެ ތާރީޚުގައިވެސް އެންމެ ގިނަ ޤާނޫނުތައް އެންމެ ހަލުވިކަމާއި ބާރުމިނުގައި ފާސްކޮށް، ނިންމަމުންދާ މަޖިލީހަށް ވުމުންކަމަށް ޑރ.ޚަލީލުވަނީ ފާހަގަކުރައްވާފައެވެ. ޚާލީލު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކަންކަން ބަލައިގަންނަށް ބޭނުންނުވާތީ، މަޖިލިސް ތެރޭގައި ހަމަނުޖެހުން ހިންގައި ޖަލްސާތައް ބޭއްވިޔަ ނުދިނުދީ، ސަރުކާރު ހުއްޓުވުމަށް މަޖިލިސްތެރޭގައި އެކުރާ މަސައްކަތްތަކަށް ޕީ.ޕީ.އެމް ޕާލިމެންޓްރީ ގްރޫޕުން ފުރުސަތު ނުދެއްވާނެކަމަށެވެ.