ސިޔާސީ

"މަޝްވަރާގެ ފުރުސަތު އެއްވެސް އިރެއްގައި ބަންދުކޮށްފައެއް ނުވޭ"


ސަރުކާރާއެކު ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޝްވަރާތަކުގައި ސަރުކާރު ތަމްސީލު ކުރައްވާ އެންމެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މަޝްވަރާތްތައް ސަރުކާރުން ފެއިލްކޮށްލި ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތްކަމަށެވެ.

ސިޔާސީ ޕާޓީތަކުން ސަރުކާރާއި އެކު މަޝްވަރާ ކުރުމަށް ސަރުކާރުން ފުރުޞަތު ހުޅުވާލީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ. ނަމަވެސް އެ މަޝްވަރާތަކުގައި ބައިވެރިވާނީ އިދިކޮޅު ލީޑަރުން މިނިވަން ކުރުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ މީގެކުރިން ސަރުކާރާ ސިޔާސީ ޕާޓީތަކާއި އެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ސަރުކާރުން ދޫ ދެއްވާފައިވާކަމަށެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން މީގެކުރިން ދެ ޝަރުތެއް ކުރި ކަމަށް ވިދާޅުވެ ޝައިނީ ވިދާޅުވީ އިދިކޮޅު އެމްޑީޕީން ރައީސް މުޙައްމަދު ނަޝީދު މިނިވަންކޮށް އެމަނިކުފާނަށް 2018ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ޕާޓީތަކުން ހުށަހަޅާ ހުރިހާ ކަމަކީ ސަރުކާރަށްވެސް ކޮށްދެވޭނެ ކަމެއް ނޫން ކަން ޝައިނީ ފާހަގަކުރެއްވިއެވެ. ޝައިނީ ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަމުން ގެންދަނީ ވަކިވަކި ބޭފުޅުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށެވެ. މީގެކުރިން ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ސިޔާސީ ޕާޓީތަކާ ސަރުކާރާއި އެކު އެއްބަސްވުމެއްގައި ސޮއިކުރެއްވި ކަމަށް ވިދާޅުވެ ޝައިނީ ވިދާޅުވީ އެ އެއްބަސްވުމުގައި ހުރި ކަންކަން ސަރުކާރުން ތަންފީޒު ކޮށްފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިނީ ވިދާޅުވީ މަޝްވަރާތަކުގައި ސަރުކާރުން ކޮށްދޭނެ ކަމަށް ބުނެފައިވާ ކަންކަން މިހާތަނަށް ކޮށްދީފައިވާއިރު އެއްވެސް ކަމެއް ޤާނޫނާ ޤަވާއިދާ ޚިލާފަށް ކޮށްފައިނުވާނެ ކަމަށެވެ. އެގޮތުން އިދިކޮޅު ސިޔާސީ ޕާޓީތަކުން ސަރުކާރަށް ހުށަހެޅި ކަންކަން ކޮށްދިނުމަށް އެދި ކަމާ ގުޅުންހުރި މުޢައްސަސާތަކަށް ސިޓީ ފޮނުއްވުމުން އެ މުޢައްސަސާތަކުން ވެސް އެކަން ކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އެކަންކަމުގެ ތެރެއިންވެސް އިދިކޮޅު ފަރާތްތަކުން ބޭނުންވާ ޙައްލު ނުލިބުނުކަން ފިޝަރީޒް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްނަންގަވައިގެން ފެށްޓެވި ސިޔާސީ ޕާޓިތަކުގެ މަޝްވަރާތައް ފަށްޓަވާފައި ވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ޝަރުތުތަކާ ގުޅިގެން އެ މަޝްވަރާތައް މެދުކަނަޑާލާފައި އޮތުމަށްފަހު އަލުން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. ސިޔާސީ ޕާޓިތަކުގެ މަޝްވަރާތައް މިހާތަނަށް 6 ފަހަރެއްގެ މަތިން ބޭއްވުމަށް މަސައްކަތްކުރި ނަމަވެސް އަދިވެސް ވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ. އަދި އދ. އާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް މެދުވެރިވެގެންވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައިވެއެވެ.