ކުޅިވަރު

2006ވަނަ އަހަރުގެ ފަހުން ކޮލިފައިން މެޗަކުން އިޓަލީ ބަލިވެއްޖެ!


ވޯލްޑް ކަޕަށް ކޮލިފައިވާން އިޓަލީ ޕްލޭއޮފް ކުޅެންޖެހޭކަން ނިންމުމުގެ ހުރިހާ ބާރެއް ސްޕެއިނުން ހޯދައިފިއެވެ.

ވާދަވެރި ދެ ގައުމުގެ ތެރެއިން ސްޕއިން ކޮންޓްރޯލް ހޯދީ ކޮލިފައިންގައި ރޭ މި ދެ ގައުމު ކުޅުނު މެޗު 3-0އިން ކާމިޔާބުކޮށްގެންނެވެ. މިއީ 2006 ވަނަ އަހަރުގެ ފަހުން ކޮލިފައިން މެޗަކުން އިޓަލީ ބަލިވި ފުރަތަމަ ފަހަރު ވެސްމެއެވެ.

ކޮލިފައިންގެ ގްރޫޕް އެޗްގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ތިން މެޗެވެ. ސްޕެއިން މިވަގުތު އޮތީ 19 ޕޮއިންޓާއެކު އެއްވަނާގައެވެ. އިޓަލީގެ ދެ ވަނާގައިވަނީ 16 ޕޮއިންޓާއެކުއެވެ. ވޯލްޑް ކަޕަށް ޔޫރަޕުން ކޮލިފައިވާނީ 13 ގައުމެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮލިފައިންގެ ގްރޫޕްތަކުން އެއްވަނަ ހޯދާ ގައުމުތަކާއި ދެ ވަނަ އަށް ދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަށް ގައުމު ޕްލޭއޯފް ކުޅެގެން މޮޅިވާ ހަތަރު ގައުމެވެ.

ސްޕއިނުގެ ތިން ގޯލުގެ ތެރެއިން ފުރަތަމަ ދެ ގޯލު ޖެހީ ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު އިސްކޯއެވެ. ފަހު ލަނޑު ޖެހީ ޗެލްސީގެ ފޯވަޑް އަލްވާރޯ މޮރާޓާއެވެ. 

މި މެޗުގައި ސްޕެއިނުގެ ތަޖުރިބާކާރު ފޯވަޑް ޑޭވިޑް ވިޔާ ވެސް ވަނީ ފަހު ފަސް މިނިޓްގައި ކުޅެން ނުކުމެފައެވެ. މިއީ ފާއިތުވެދިޔަ ތިން އަހަރު ގައުމީ ޓީމުން ރިޓަޔާކޮށްގެން ހުރި ފޯވަޑް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ. ވިޔާއަކީ ސްޕއިނުގެ ތާރީހުގައި ވެސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ފޯވަޑެވެ.