ޚަބަރު

އަމީތާއި، ސަޢުދުގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުޙައްމަދު އަމީތާއި، ސަޢުދު ޙުސެއިންގެ ބަންދުގެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފިއެވެ. 

މި ދެމީހުންވެސް ފުލުހުން ހައްޔަރުކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާކަމަށް ކަނޑައެޅިފަހުން ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ޤަވާއިދާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަތް ވަތް މައްސަލައިގައެވެ. 

img:http://s4.psmnews.mv/images/660x400/14906265754173.jpg|ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށްފަހު އަމީތް ނޫސްވެރިންނަށް މަޢުލޫމާތުދެއްވަނީ- ފައިލް ފޮޓޯ: ޕީއެސްއެމް

ކްރިމިނަލް ކޯޓުންވަނީ އަމީތާއި، ސަޢުދުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައެވެ. މި ދެމީހުންގެ ބަންދަށް މުއްދަތު އިތުރުކުރި މައްސަލަ ހައިކޯޓްގައި އިސްތިއުނާފްކުރުމުން މިއަދު ވަކިވަކިން ބޭއްވި ދެ ޝަރީޢަތުގެ މަޖިލީހުގައި، މި ދެމީހުންގެ ވަކީލުންވެސް ބުނެފައިވަނީ ބަންދުގައި ބަހައްޓަނެޖެހޭ ސަބަބެއް ނެތްކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ، މި ދެމީހުންނަކީ ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ހުއްދަނޫންތަކަށް ވަދެފައިވާ ބަޔަކަށްވާތީ، މިދެމީހުންގެ ސަބަބުން މުޖުތަމައަށް ނުރައްކާ ކުރިމަތިވެދާނެކަމަށެވެ. އަދި މި ދެމައްސަލައިގެ ތަޙްޤީޤް އަދި ނުނިމޭކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ހައިކޯޓުން މިއަދުވަނީ މި ދެމައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލާފައެވެ.