ތަރައްްޤީ

"ރާއްޖެ މި ދެކެނީ އުއްމީދުވެސް ނުކުރާ ވަރުގެ ތަރައްޤީއެއް"


މިއަދު ރާއްޖޭގެ ރައްޔިތުން ދެކެމުން އަންނަ ތަރައްޤީއަކީ މިއިން ދުވަހަކު ރާއްޖޭގެ ރައްޔިތުން އުއްމީދުވެސް ނުކުރާ ވަރުގެ ތަރައްޤީއެއް ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއަށް މެމްބަރުންތަކެއް ގުޅުމަށް ސްޓެލްކޯގައި ކުރިއަށްދިޔަ ޙަފްލާއެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ މިއަދު ދެކެމުން މިއަންނަ ތަރައްޤީއަކީ ޚުދު އެމަނިކުފާނުވެސް އުއްމީދު ނުކުރައްވާ ވަރުގެ ތަރައްޤީއެއް ކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ އިޤްތިޞާދީ ވިސްނުން ގެންގުޅުއްވާ ވެރިއެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ އިޤްތިޞާދު މިއިން ޒަމާނަކު ކުރިނާރާ ވަރަށް މިއަދު ކުރި އަރަމުން އަންނަ ކަމަށް މިނިސްޓަރ ޒަމީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ ރައީސް ޔާމީންގެ ވެރިކަމާ ފާއިތުވެދިޔަ ސަރުކާރުތަކާ އަޅާ ކިޔުއްވާފައެވެ.

މިނިސްޓަރ ޒަމީރުގެ ވާހަކަފުޅުގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ މިއަދު ޕީޕީއެމްގެ އެއްވެސް މެމްބަރަކު ޤަބޫލުކުރައްވަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ މަސައްކަތްތަކާއި އެ ފަރާތްތަކުގެ ޢަމަލުތައް ހުރި ގޮތުން އެބޭފުޅުންގެ ވިސްނުން މިއަދު ހުރީ ކޮން ދިމާލަކަށްކަން އެނގިލައްވާ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވާ މިނިސްޓަރ ޒަމީރު ވިދާޅުވީ ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާނުލެވޭނެ ކަމަށެވެ.