ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށްޓެވީ މިމަހުގެ ކުރީކޮޅުއެވެ. ނަމަވެސް ޢީދު ބަންދަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލިއިރު މަޖިލީހުން ވަނީ މުހިއްމު 2 ބިލެއްގެ މަސައްކަތް ނިންމާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށީ މި މަހުގެ 5 ވަނަ ދުވަހުއެވެ. ދެވަނަ ދައުރުގެ ތެރޭގައި މަޖިލީހުން މިހާތަނަށް 6 ޖަލްސާއެއް ބާއްވާއިރު މަޖިލީހުން ވަނީ އެ ދުވަސްތަކުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ބައެއް މަޤާމުތަކަށް ޢައްޔަންކޮށްފައިވާ ފަރާތްތަކަށް މަޖިލީހުން ރުހުން ދީފައިވެއެވެ. އަދި ބައެއް ވަޒީރުންނާ ސުވާލުކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.
ރައްޔިތުން މަޖިލީހުގެ 2 ވަނަ ދައުރުގެ ތެރޭގައި މުހިއްމު ބައެއް ބިލްތަކުގެ މަސައްކަތްތަކެއްވެސް ވަނީ ކޮށްފައެވެ. އެގޮތުން ސަރުކާރުގެ ފަރާތުން 2 ޤާނޫނަކަށް ހުށަހެޅި އިޞްލާހުތައް މަޖިލީހުން ފާސްކޮށްފައިވާއިރު މިހާރު އެ ދެޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީޤުވެސް ކުރައްވާފައެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިސްލާހުތަކަކީ އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ހުށަހެޅި އިޞްލާހާއި ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙެވެ.
އިމްޕޯޓް އެކްސްޕޯޓުގެ ޤާނޫނަށް ހުށަހެޅި އިޞްލާހުގައި ބަޔާންކޮށްފައި ވަނީ ތެލުގެ ބާވަތްތަކުން ކުރިން ނަގަމުން އައި %10 ގެ ޑިއުޓީ %5 އަށް ކުޑަކުރަން ހުށަހަޅާ ކަމަށެވެ. މި އިޞްލާހު މަޖިލީހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ހުސައިން މަނިކެވެ. ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާހުގައި ބަޔާންކޮށްފައިވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 9 އިން 11 އަށް ބަދަލުކުރަން ހުށަހަޅާކަމަށެވެ. މި އިޞްލާހު މަޖިލީހަށް ހުށަހެޅީ އިނގުރައިދޫ ދާއިރާގެ މެމްބަރ އިބްރާހީމް ފަލާހެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ތެރޭގައި ކުރި މުހިއްމު އެހެން މަސައްކަތްތަކުގެތެރޭގައި އަންނަ މަހުގެ ދެވަނަ ދުވަހު ޢަމަލު ކުރަން ފަށާ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރ އަޙްމަދު މުބީން ހުށަހެޅުއްވި މި އިޞްލާހަށް ސަރުކާރަށް ތާޢީދު ކުރައްވާ ބައެއް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދުމުން އިޞްލާހު ވަނީ އަނބުރާ ގެންދަވާފައެވެ.