ޚަބަރު

ރައީސް ޔާމީންގެ ޢީދު ތަހްނިޔާ މެސެޖު


ޢީދު ދުވަސްތައް ފަދަ ދުވަސްދުވަހަކީ އިސްލާމީ އަޤީދާ ހަރުދަނާކޮށް ޤައުމީ ވަޙްދަތުގެ ބިންގާ ހަރުދަނާ ކުރުމަށް އިތުރު ޢަޒުމުތަކެއް އާ ކުރުމަށް އެކަށީގެންވާ މުހިއްމު މުނާސަބަތުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ސަދަ ސަތޭކަ ތިރީސް އަށްވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރުމުގެ ގޮތުން އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ޔާމީން ވިދާޅުވީ ޢީދުދުވަހަކީ ޝުކުރު ކުރުމުގެ ދުވަސް ކަމަށާއި އުފާ ފާޅުކުރުމުގެ ދުވަސް ކަމަށެވެ. 

ޢީދު ދުވަހަކީ ހިތް ހެޔޮކަމާއި އެކުވެރިކަން ބަދަހި ކުރުމުގެ ދުވަހެއް ކަމަށްވެސް ރައީސް ޔާމީންގެ ޢީދު ތަހުނިޔާގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ. 

މި މެސެޖުގައި އެމަނިކުފާނު ވަނީ އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށް ފިޠުރު ޢީދުގެ ތަހުނިޔާ އަރިސް ކުރައްވާފައެވެ.