ޚަބަރު

އާޖެންޓީނާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި


އާޖެންޓީނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، ހަރ އެކްސެލެންސީ މިސް މާރިއާ ކްރިސްޓީނާ އުއެލްޗީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އާޖެންޓީނާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އާޖެންޓީނާގެ ރައީސަށް ތަޙުނިޔާ ވިދާޅުވެ، އަދި އެކަމަނާއަށް ސަފީރުކަމުގެ މަޤާމު ލިބިވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އާޖެންޓީނާއާ ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި، ރާއްޖެއާއި އާޖެންޓީނާއަކީ ބައިނަލްއަޤްވާމީ މައިދާނުގައި އެކި މައްސަލަތަކުގައި އެއްކަހަލަ ވިސްނުންތަކެއް ގެންގުޅުއްވާ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހި ވާނެކަމަށް އުއްމީދު ކުރައްވާކަމުގައާއި، ރާއްޖޭގެ ފަރާތުން އާޖެންޓީނާއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ އާޖެންޓީނާގެ އާ ސަފިރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައެވެ.

img:http://s2.psmnews.mv/images/660x400/14969179741841.jpg|އާޖެންޓީނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން

އާޖެންޓީނާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީނަށް އެޤައުމުގެ ރައީސް ތަޙުނިޔާ ދަންނަވާކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއަށް ޚިދުމަތް ކުރައްވަން ފުރުޞަތު ލިބިވަޑައިގެންނެވުމަކީ، އެކަމަނާއަށް ‏ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ‏‏ކަމުގައާއި، އެކަމަނާ ސަފީރުކަމުގެ މަޤާމުގައި ހުންނަވައިގެން ދެ ޤައުމުގެ ލާބަޔާއި މަންފާއަށް ކުރައްވަން ބޭނުންފުޅުވާ މަސައްކަތްޕުޅުތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާސިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.