ދެހާސް ސަތާރަވަނަ އަހަރު ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިޢާރެއްގެ ގޮތުން ކަނޑައަޅުއްވާފައިވަނީ "ކަނެކްޓިން ޕީޕަލް ޓު ނޭޗަރ"އެވެ. މި ޝިޢާރުގެ ދަށުން ތިމާވެއްޓާ އިންސާނުންނާ ހުރި ގުޅުމާ ތިމާވެއްޓަށް އިންސާނުން ބަރޯސާވެފައިވާ މިންވަރާ މެދު ވިސްނާ ފިކުރު ކުރުމަށް ބާރުއަޅައެވެ.
އދ. ގެ ތިމާވެށި ޖަމްޢިއްޔާއިން ކަނޑައެޅި ޝިޢާރުގެ ސަބަބުން ބަވަނަ ވެފައިވާ ދުނިޔޭގައި އިންސާނުންނަށް ވެށީގެ މުހިއްމުކަން އިހުސާސްކުރެވި ތިމާވެށީގެ އަގުވަޒަންކުރެވޭނެކަމަށް އެޖަމްއިއްޔާއިން ވިދާޅުވެއެވެ. އެގޮތުން ރަސްމީގޮތުން ތިމާވެށި ދުވަސް ފާހަގަ ކުރެވޭ ޤައުމުކަމަށްވާ ކެނެޑާގައި، އެޤައުމުގެ ޤައުމީ ޕާކުތަކަށް ޒިޔާރަތްކުރާ މީހުނަށް ހިލޭ އެފަދަ ތަންތަނަށް ވަދެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. އަދި އެހެނިހެން ޤައުމުތަކުންވެސް އެ ޝިއާރުގެ ދަށުން މަސައްކަތްކުރުމަށް އދ.އިން ބާރުއަޅައެވެ.
ތިމާވެށި ޙިމާޔަތްކުރުމުގެ މުހިންމުކަން ރާއްޖެއަށް އިންތިހާއަށް ބޮޑުވެފައިވާ މައިގަނޑު ސަބަބަކީ ތިމާވެށީގެ ސަބަބުން މޫސުމަށް އަންނަ ކޮންމެ ބަދަލަކަށް ކުރިމަތިލާންޖެހޭ ފުރަތަމަ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނޭތީއެވެ. އެގޮތުން ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ރާއްޖެދަނީ ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއިން ނަމޫނާ ދައްކަމުންނެވެ. ސަރުކާރުން ދަނީ ބައިނަލްއަޤުވާމީ އެތައް ވުޒާރާއަކަށް ތިމާވެއްޓާ ގުޅޭގޮތުން ރައްޖޭގައި ހުރި ކަންބޮޑުވުންތައް ޙިއްސާކުރަމުންނެވެ.
ވޯލްޑް އިކޮނަމިކް ފޯރަމްއިން ނެރޭ ގްލޯބަލް ރިސްކް ރިޕޯރޓްގައި ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ދެހާސް ސަތާރަ ވަނައަހަރާ ހަމައަށް ކޮންމެ އަހަރަކުވެސް ޝޯރޓްލިސްޓް ކުރެވޭ އެންމެ ބޮޑު ފަސް ކަންތަކުގެ ތެރޭގައި ތިމާވެއްޓާ ގުޅުން ހުރި ކަންކަން ހިމެނެއެވެ. މިގޮތުން މޫސުމަށް އަންނަށް ބަދަލުތަކާ، ޖައްވު ހޫނުވުމާއި ފެނުގެ ދަތިކަމާއި ގްރީންހައުސް މާއްދަތައް ޖައްވަށް ދޫކުރެވޭ ވަރު އިތުރުވުމާއި އާދަޔާ ޚިލާފަށް ނުރައްކާތެރި މޫސުމީ މައްސަލަތައް ހިމެނެއެވެ.
ދުނިޔެ ހޫނުވުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ދެތަނޑީގައިވާ ގަނޑުފެން ވިރި ކަނޑުތަކަށް އެޅުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެއެވެ. އޭގެ ނުރައްކާ އެންމެ ބޮޑުވާ ޤައުމުތަކަކީ ކުދި ޖަޒީރާ ޤައުމުތަކެވެ. ރާއްޖެ މިމައްސަލާއިގައި ބަހުސްކުރާ މައިގަނޑު ސަބަބކީވެސް މިއީއެވެ. ސަރުކާރުން ގެންދަވަނީ މިކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަނީ ތިމަވެއްޓާ ބެހޭގޮތުން، ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކޮށްފައިވާ ދުނިޔޭގެ ފުރަތަމަ ތިމާވެށީގެ ކޮންފަރެންސާ ގުޅުވައިގެންނެވެ. ރަސްމީ ގޮތެއްގައި މިދުވަސް ފަހަގަ ކުރަން ފަށާފައިވަނީ ނަވާރަސަތޭކަ ހަތްދިހަ ހަތަރުވަނަ އަހަރުއެވެ.