ތިމާވެށި

ތޫފާނުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ- މެޓް އޮފީސް


ރާއްޖޭގެ އަވަށްޓެރި ޤައުމުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ލަފާ ނުކުރެއްވޭކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސުން ވިދާޅުވި ގޮތުގައި ދެކުނު އިންޑިއާ އަދި ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގެ އިތުރަށް އެސަރަޙައްދުގައި އުފެދުނު ތޫފާނެއްގެ ވިއްސާރަކަމަށެވެ. އަދި ތޫފާން ދަތުރުކުރަމުންދަނީ ބަންގްލަދޭޝްއާ ދިމާލަށްކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއްވައެވެ. 

މި ތޫފާނަކީ ރާއްޖެއާ ދުރުހިސާބެއްގައި އުފެދިފައިވާ ތޫފާނަކަށްވެފައި، ތޫފާން ދަތުރުކުރާ މިސްރާބަށް ބަލާއިރު ރާއްޖެއަށް އެކަމުގެ އަސަރުކުރާނެ ކަމަށް ނުބެލެވޭކަމަށް ރާއްޖޭގެ މުސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

އެއިދާރާއިން ވިދާޅުވާ ގޮތުގައި ހުޅަނގު މޫސުން ފެށުމާއެކު ރާއްޖެއަށް ގަދަވަޔާއެކު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރަ އަދިވެސް އަލިވެފައެއް ނުވެއެވެ. އެހެންކަމުން މިހާރުވެސް ކަނޑު ދަތުރުފަތުރުކުރުމުގައި މޫސުމަށް ބެލުން ވަރަށް މުހިންމުކަމަށް އެއިދާރާއިން ވިދާޅުވެއެވެ. އެ އިދާރާއިން މިހާރުވެސް ދޭތެރެދޭތެރެއިން ގެންދަވަނީ ވައިޓް އެލާޓް ނެރުއްވަމުންނެވެ.