ތިމާވެށި

ރަމަޟާންމަހަކީ އާދަޔާ ޚިލާފަށް ކުނި އުފެދުން އިތުރު މަހެއް


މާލެ ސިޓީއަކީ ރާއްޖޭގެ އާބާދީއަށް ބަލާއިރު އެންމެ ބައިބޯ ސިޓީއެކެވެ.

މި ސިޓީގައި ކުނި އުފެދޭ މިންވަރު ނިސްބަތުން ރާއްޖޭގެ އެހެން ޞަރަޙައްދުތަކާއި އަޅާ ބަލާއިރު ވަރަށްބޮޑެވެ. ވަކިން ޚާއްސަކޮށް ރަމަޟާންމަހަކީ އެހެން މަސްމަހާ ޚިލާފަށް ކުނި އިތުރުވާ މިންވަރު ގިނަ މަހެކެވެ. ރަމަޟާން މަހަކީ ގޭގޭގައި ގިނައިން ކާބޯތަކެތި، ތައްޔާރު ކުރާ މަހެކެވެ. ތަފާތު ވައްތަރުގެ ހެދިކާާއި ބުއިމާއި، އެހެންވެސް ކާބޯތަކެތި ގިނަ ޢަދަދަށް ތައްޔާރުކުރުމަކީ ރޯދަމަހު ގިނަ ދިވެހިންގެ އާދައެކެވެ. img:http://s2.psmnews.mv/images/660x400/14955537428609.jpg|ކުނި އުކާލުމުގައި ހަރަކާތްތެރިވާ ބިދޭސީންތަކެއް - ފައިލް ފޮޓޯ: ޕީއެސްއެމް

އިސްރާފުވާ މިންވަރަށް ގޭގޭގައި ކާބޯތަކެތި ތައްޔާރުކުމާއެކު، ކުނީގެގޮތުގައި އުކާލަންޖެހޭ މިންވަރު އިތުރުވުމަކީ ގިނަ ގޭގޭގައި ރޯދަމަހު ޢާއްމު ކަމެކެވެ. ރޯދަމަހު އުފެދޭ ކުނިބުނި އިތުރުވެގެންދާ އެންމެބޮޑު ސަަބަބަކީ މިއީއެވެ. މާލޭއިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 500 ޓަނަށްވުރެ ގިނަ ކުނި ތިލަފުއްޓަށް ގެންދެއެވެ. މާލޭގެ ކުނި މެނޭޖްކުރުމުގެ މަސްއޫލިއްޔަތާ ޙަވާލުވެފައިވާ ކުންފުނި ވޭސްޓްމެނޭޖުމަންޓް ކޯޕަރެޝަން ވެމްކޯއިން ބުނާ ގޮތުގައި އާދައިގެ މަސްމަހު ތިލަފުށްޓަށް ގެންދަނީ މުޅިޖުމުލަ 4 ދޯނީގެ ކުންޏެވެ. އެހެންނަމަވެސް ރަމަޟާން މަހު 7 ދޯނީގެ ކުނި ތިލަފުށްޓަށް ގެންދަންޖެހޭ ކަމަށް ވެމްކޯއިން ބުނެއެވެ. އަދި މި އަހަރުގެ ރަމަޟާންމަސް ފެށުމުގެ ކުރިންވެސް ރަމަޟާންމަހަށް ގޭގެ ސާފުކުރުމަށްފަހު ގިނަ ޢަދަދެއްގެ ކުނި ގެންގޮސްފައިވާ ކަމަށް ވެސް ވެމްކޯއިން ބުނެއެވެ. img:http://s1.psmnews.mv/images/660x400/14826797226156.jpg|ވެމްކޯގެ މުވައްޒަފުން ކުނި އެއްކުރުމުގެ މަސައްކަތުގައި މާލޭގައި ހަރަކާތްތެރިވަނީ - ފައިލް ފޮޓޯ: ޕީއެސްއެމް

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޤާއިމުކޮށްފައިވާ އިންތިޒާމުތަކާއެކު، މިހާރު މާލޭގައި ގިނައިރު ކުނި ނުބަހައްޓައި ވަގުތުން ތިލަފުއްޓަށް ގެންދިއުމުގެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. ވެމްކޯއިން ދަނީ މާލޭ ސިޓީގެ އިތުރުން، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައިވެސް ރަނގަޅު ފެންވަރުގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އެންމެ އެދެވޭގޮތުގައި ކުނީގެ މައްސަލަ ޙައްލުކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެންނޫންނަމަ މިކަން ހައްލުކުރުމަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭނެއެވެ. img:http://s4.psmnews.mv/images/660x400/14914933438437.jpg|އައްޑޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ވެމްކޯގެ ސްޓާފުން ހަރަކާތްތެރިވަނީ / ފުވައްމުލަކުގައިވެސް ވެމްކޯގެ ޚިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފައި