ތިމާވެށި

ޤަވައިދާ ޚިލާފަށް ކުނިއުކާ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަށަނީ


ޤަވައިދާ ޚިލާފަށް ކުނިއުކާ ފަރާތްތައް ހުއްޓުވާ އަންނަ ޖުލައިމަހުގެ އެއްވަނަދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށްޓަވާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ އަކީ ސާފު އަދި ޞިއްޙީގޮތުން ރައްކާތެރި ތަނަކަށް ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ޤަވައިދާ ޚިލާފަށް ކުނިއުކާ ބިދޭސީންނަށް އެ ފުރުޞަތު ނުދެއްވާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވެއެވެ.  

މާލޭ ސަރަހައްދުގެ ކުނި ނައްތާލުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ ވެމްކޯއާއެވެ. އެކުފުންނިން ގެންދަނީ މާލެއާއި ހުޅުމާލޭގެ ގޭބީސީތަކުން އުކާލާ ކުނިތައް ޖަމާކޮށް އެތަކެތި ނައްތާލުމުގެ މަސައްކަތްކުރަމުންނެވެ. އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ މާލެ ސިޓީއަކީ ސާފު އަދި ޞިއްޙީގޮތުން ރައްކާތެރި ތަނަކަށް ހެއްދެވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި މަސައްކަތުގެ ދަށުން އަންނަ ޖުލައިމަހުން ފެށިގެން ރަޖިސްޓްރީނުކޮށް ޤަވައިދާ ހިލާފަށް ކުނި އުކާލާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށެވެ. އަދި ގޭބީސީތަކުން ކުނި އުކާލާ ބިދޭސީންގެ މަސައްކަތް އިމިގްރޭޝަނުން ބަލާ މޮނީޓަރކުރަމުން ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14944320560729.jpg|އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ - ފައިލް ފޮޓޯ: ޕީއެސްއެމް

ސާފު ރާއްޖެ، މަވެސް ބައިވެރިވާނަން، މި ޝިއާރުގެ ދަށުން މާލޭގެ ކުނި މެނޭޖްކުރުމަށް ވެމްކޯއިން ކުރިޔަށްގެންދާ މަޝްރޫއުގެ ދަށުން މާލޭގެ ގެތަކުންނާއި ސްކޫލްތައް އަދި އޮފީސްތަކުންނާއި އެކިއެކި މަސައްކަތްކުރާ ތަންތަނުން އުފައްދާ ކުނި ވަކި ހާއްސަ ނިޒާމެއްގެ ދަށުން އުކާލަންޖެހެއެވެ.

މާލޭގައި ވަކިވަކިން ކުނި އުކާލުމުގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް އަންނަމަހުން ފެށިގެން ދެވޭނީ ރަޖިސްޓްރީކޮށްގެނެވެ. ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. 

މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީއާއި ވެމްކޯއާއި އެކު މި ޕްރޮޖެކްޓްގައި ހަރަކާތްތެރިވާ ސްޓޭކް ހޯލްޑަރުންނަކީ މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ޕޮލިސް ސާރވިސް، ޓްރާންސްޕޯޓް އޮތޯރިޓީ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އަދި ހެލްތް މިނިސްޓްރީއެވެ.