ސިއްހަތު

އައިޖީއެމްއެޗު ނަރުހުންގެ ރިސަރޗް ކޮމިޓީ އިފްތިތާޙު ކުރައްވައިފި


އިންދާރީ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ނަރުހުންގެ ރިސަރޗް ކޮމިޓީ އިފްތިތާޙު ކުރައްވައިފި. ނަރުހުންގެ ދުވަހުގެ ޖަލްސާގައި މިކޮމިޓީ އިފްތިތާޙުކޮށްދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޡިމް އިބްރާހީމެވެ.

އައިޖީއެމްއެޗު ނަރުހުންގެ ރިސަރޗް ކޮމިޓީއަކީ، ނަރުހުންނާ ގުޅޭ ތަފާތު ސިޔާސަތުތައް އެކުލައްވާލުމުގައި ލަފަޔާ އިރުޝާދު ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ، ތަފާތު ދިރާސާތައް ހެދުމަށް އެކުލަވާލެއްވި ކޮމިޓީއެކެވެ. ތަޖުރިބާކާރު 8 ނަރުހުން ހިމެނޭ ގޮތައް އެކުލަވާލައްވާފައިވާ މިކޮމިޓީ އިފްތިތާޙުކޮށްދެއްވީ ހެލްތް މިނިސްޓަރ އަބްދު ﷲ ނާޡިމް އިބްރާހީމެވެ. img:http://s2.psmnews.mv/images/660x400/14946309769192.jpg|ނަރުހުންގެ ދުވަސް ފާހަގަކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން، އައިޖީއެމްއެޗްގެ ސީއީއޯ ފަރުޙަތު ޝަހީރު ވާހަކަދައްކަވަނީ - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

ނަރުހުންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމްއެޗުގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަހީރު ވިދާޅުވީ، ނަރުހުން ވާންވާނީ ބަލިމީހާއަށް އޯގާތެރިކަމާ ހިނިތުންވުމާއެކު ޚިދުމަތްދޭ ބަޔަކަށް ކަމަށެވެ. ސީއީއޯގެ ވާހަކަފުޅުގައި، ނަރުހުންގެ ޚިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ދެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާ ،ޚިދުމަތުގައި ދެމިތިބުމަށް ހުރިހާ ނަރުހުންނަށް އިލްތިމާސްކުރެއްވިއެވެ.

"ނަރުހުންނަކީ އޯގާތެރެރިކަމާ، ހިނިތުންވުމާއެކު ޚިދުމަތްދޭ ބަޔަކަށް ވާންޖެހޭ، އަދި އެގޮަތަށް ދަމަަހަށްޓަންވެސް ޖެހޭ. އެއީ ނަރުުހުންގެ ފަރާތުން ހޮސްޕިޓަލުން ބޭނުންވާ މިންގަނޑަކީވެސް" އައިޖީއެމްއެޗުގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަހީރު ވިދާޅުވިއެވެ.

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ނަރުހުންގެ ޚިދުމަތުގައި 30 އަހަރާއި 40 އަހަރު މެދުނުކެނޑި ޚިދުމަތް ކުރައްވާފައިވާ ނަރުހުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދެއްވިއެވެ. ނަރުހުންނަށް ފިލާ ޙަވާލުކޮށްދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޡިމް އިބްރާހީމެވެ. img:http://s1.psmnews.mv/images/660x400/14946311084499.jpg|ނަރުހުންގެ ދުވަސް ފާހަގަކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

މީގެ އިތުރުން މި ޖަލްސާގައި ވަނީ ނަރުހުންގެ ލަވައާއި، ނަރުހުންގެ ޚިދްމަތްތައް ދައްކުވައިދޭ ވީޑިއޯ ސްޕޮޓް އާންމުކޮށްފައެވެ. މިޖަލްސާގައި ހެލްތް މިނިސްޓްރީއާއި، އައިޖީއެމްއެޗުގެ އިސްވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ނަރުހުން ބައިވެރިވިއެވެ.