ރިޕޯޓް

ހުޅުމާލޭގައި މީހުން އާބާދުވިތާ 13 އަހަރު


ރާއްޖޭގެ ތަރައްޤީ އެންމެ ބޮޑަށް ދައްކުވައިދޭ ތަނަކީވެސް ހުޅުމާލެއެވެ.

މީހުން އާބާދުވިތާ 13 އަހަރު މިއަދު ފާހަގަ ކުރާއިރު، ހުޅުމާލެއަކީ ހުރިހާ ފަންތިއަކަށްވެސް ފުރުސަތު އޮތް އުންމީދީ ސިޓީއެކެވެ. 2004 ވަނަ އަހަރު ހުޅުމާލޭގައި މީހުން އާބާދުކުރުމަށް އޭރުގެ ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތުގެ ފޮނި ނަތީޖާ ލިބިގެންދިޔައެވެ. ފަޅެއްގެ ގޮތުގައި އޮތް ތަނެއް ހިއްކައި، އެތަން އާބަދުކުރުމުގެ ވިސްނުމުގައި 1997 ވަނަ އަހަރު ފެއްޓެވި މަސައްކަތް ވަރަށްވެސް ކާމިޔާބެވެ. 188 ހެކްޓަރުގެ ބިން ހިއްކައި، 2004 ވަނައަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު ގާތްގަނޑަކަށް 1000 މީހުން ހުލުމާލޭގައި އާބާދުވިއެވެ. img:http://s1.psmnews.mv/images/660x400/14639074213967.jpg|ހުޅުމާލެ ސެންޓްރަލް ޕާރކް / ފޮޓޯ: އެޗްޑީސީ

އެހެންނަމަވެސް އަސާސީ ގިނަ ޚިދުމަތްތަކެއް އޭރު ލިބެން ނެތުމުން ކޮންމެ ދުވަހަކު ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށްޓަކައި ވެރިރަށް މާލެއަށް ދަތުރުކުރަން ގިނަ ބަޔަކަށް މަޖްބޫރުވިއެވެ. އެހެންނަމަވެސް މާޒީގެ ޞަފްޙާތައް ބަދަލުވެފައެވެ. ހުޅުމާލޭގެ އާބާދީ މިހާރު ސާޅީސްހާހަށްވުރެ މައްޗަށް އަރާފައިވާއިރު، އަސާސީ ހުރިހާ ޚިދުމަތްތަކާއިއެކު ހިތްހަމަޖެހޭ މާޙައުލެއް ހުޅުމާލޭގައި މިވަނީ ޤާއިމްކޮށްފައެވެ. ޒަމާނީ ސިޓީއަކަށް ހުޅުމާލެ މިސްރާބު ޖަހާފައިވާއިރު، ރާއްޖޭގެ ތަރައްޤީ އެންމެ ބޮޑަށް ފެނިގެންދާ ތަނަކީވެސް ހުޅުމާލެއެވެ. މީހުން އާބާދުވިތާ 13 އަހަރު ފާހަގަ ކުރަމުން އަންނައިރު، ހުޅުމާލޭގެ ތަރައްޤީ މިއަދު މިވަނީ މެކުހަށް ޖަހާފައެވެ. img:http://s3.psmnews.mv/images/660x400/1817.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ހުޅުމާލެ ބިންހިއްކުމުގެ ދެވަނަ ފިޔަވަހި އިފްތިތާޙްކުރުމުގެ ތެރެއިން، ސެލްފީއަކަށް ހުއްޓިލައިގެން - ފައިލް ފޮޓޯ: ރައީސް އޮފީސް

ޚާއްޞަ ގޮތެއްގައި ފާއިތުވެދިޔަ 3 އަހަރަކީ ހުޅުމާލޭގެ ތަރައްޤީއަށް އިންޤިލާބެއް ގެނުވި ތިން އަހަރެވެ. މިކަން ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް ބަލާލުމުން ފެނިގެންދެއެވެ. ހުޅުމާލޭގެ ބިންބޮޑުކޮށް، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ހުޅުމާލެއަށާއި، ގްރޭޓަރ މާލެ ޞަރަޙައްދަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަޤްޞަދުގައި، ހުޅުމާލޭގެ ބިން ބޮޑުކުރުމަށްޓަކައި، 2015 ވަނަ އަހަރު ތެރޭގައި 244 ހެކްޓަރުގެ ބިން 37.7 މިލިއަން ޑޮލަރު ޚަރަދުކޮށްގެން 77 ދުވަސް ތެރޭގައި ހިއްކާ ނިންމިއެވެ.

ދެވަނަ ފިޔަވަހީގެ އުމްރާނީ މަޝްރޫޢުގެތެރޭގައި ހިމެނޭ، 15 ކިލޯމީޓަރުގެ މަގުގެ މަސައްކަތް ދަނީ ކުރިއަށެވެ. ރާއްޖޭގައި ޢިމާރާތްކުރާ އެންމެ ބޮޑު އޮފީސް އިމާރާތުގެ މަސައްކަތް ދެވަނަ ފިޔަވަހީގައި ވަނީ ފަށާފައެވެ. ފަންސަވީސް ބުރީގެ މި ޢިމާރާތަކީ، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާނެ ތަފާތު ގިނަ ވަޞީލަތްތަކާއެކު ޢިމާރާތްކުރަމުން އަންނަ ތަނެކެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ ސަރުކާރުން އެންމެ އިސްކަން ދެއްވައިގެން ކުރިއަށްގެންދަވާ އެއް މަޝްރޫޢަށްވީހިނދު، ދެވަނަ ފިޔަވަހީގައި ޢިމާރާތް ކުރުމަށް ނިންމާފައިވާ ގާތްގަނޑަކަށް 30 ހާހާއި 35 ހާހާއި ދެމެދުގެ ހައުސިންގ ޔުނިޓް ތެރެއިން ހަތްހާސް ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. img:http://s1.psmnews.mv/images/660x400/14583914376946.jpg|ހުޅުމާލެ ސެންޓްރަލް ޕާކް ތަރައްޤީކުރުމުގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް

"ކޮލިޓީ ލިވިންގ" އަކަށް ހުޅުމާލެއިން ޖާގަ ދިނުމުގެ ގޮތުން، ޢާއްމުންނަށް އަރާމު ހިތްފަސޭހަ ވަގުތު ހޭދަކުރެވޭ ގޮތަށް ސެންޓްރަލް ޕާކްގެ ފުރަތަމަ ސެކްޓަރގެ މަސައްކަތް ވަނީ ނިންމާފައެވެ. ނެއިބަރހުޑް 3 ގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ފޯރުކޮށްދިނުމަށްޓަކައި، އެޞަރަޙައްދުގައި ޕާކްތަކެއް ޤާއިމްކުރުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރާއްޖޭގައި އަޅާ އެންމެ ބޮޑު އިންޓަރނޭޝަނަލް ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް ހުޅުމާލޭގައި އަންނަ އޮގަސްޓްމަހުގެ ތެރޭގައި ހުޅުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހުޅުމާލެއަކީ، އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް އޮތްތަނެކެވެ. މިކަން އެންމެ ބޮޑަށް ފެނިގެންދަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތްތަކުން އިމާރާތްކުރަމުން އަންނަ ލަގްޒަރީ ފެންވަރުގެ އެޕާރޓްމެންޓް ކޮމްޕެލެކްސްތަކުންނެވެ. ހަމަމިއާއެކު އިންޑަސްޓްރިއަލް އޭރިއާގެ ދިރުން މިހާރުދަނީ ފެންނަމުންނެވެ. 100 އަށްވުރެ ގިނަ ބިމުގައި ސިނާޢީ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ، ކޮންމެ ދުވަހަކީވެސް އިންވެސްޓަރުން ހުޅުމާލޭގެ އެކިތަންތަން ތަރައްޤީ ކުރުމަށް ޝައުގުވެރިކަން ފާޅުކުރާ ދުވަހެއް ކަމަށެވެ. img:http://s2.psmnews.mv/images/660x400/14874892894868.jpg|ހުޅުމާލެ އެކްސްޕްރެސް ޓާރމިނަލް ސަރަޙައްދު / ފައިލް ފޮޓޯ

ރައީސް ޔާމީންގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ޒުވާނުންގެ ޝަހަރު ޒުވާނުންނަށް ވާސިލްކޮށްދެއްވުމަށްޓަކައި، ޔޫތް ޕާކްގެ ނަމުގައި6000 އަކަމީޓަރަށްވުރެ ބޮޑު ޞަރަޙައްދެއް ދަނީ ތަރައްޤީ ކުރަމުންނެވެ. ދުވަހެއް ދުވަހަކަށް ހުޅުމާލެއިން ފެންނަމުންދަނީ އުންމީދީ ސިޓީއެއްގެ ކުލަވަރެވެ. 12 ބިލިއަން ޑޮލަރުގެ މި މަޝްރޫއު އޭގެ އެންމެ ފުރިހަމައަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއްވުމަށް އެޗްޑީސީން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.