ދުނިޔެ

ޔަމަންގެ 19 މިލިޔަން މީހުން އިންސާނީ އެހީއަށް ބޭނުންވެފައި!


ޔަމަންގެ ރައްޔިތުން ހައިހޫނު ކަމުން ސަލާމަތް ކުރުމަށްޓަކައި ކުއްލި އެހީގެ ގޮތުގައި އެއްބިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް އދ. ން ބައިނަލްއަޤްވާމީ މުޖްތަމަޢަށް އިލްތިމާސްކޮށްފިއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓޭރަސް ވިދާޅުވީ ޔަމަންގެ ރައްޔިތުންގެ ތެރެއިން ބާރަމިލިޔަން މީހުން ހައިހޫނުކަން ތަހައްމަލް ކުރަމުންގެންދާކަމަށާ އަވަސްގޮތެއްގައި އެމީހުންނަށް ކާބޯތަކެއްޗާއި ސިއްޙީ އެހީ ފޯރުކޮށް ނުދެވިއްޖެނަމަ އިންސާނީ ކާރިޘާއަކާ އެމީހުން ކުރިމަތިލާންޖެހޭނެ ކަމަށެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް މިމޭރުމުން ވާހަކަ ދެއްކެވީ ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ ޔަމަންގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އދ. ން ޖެނީވާގައި އިއްޔެ ބޭއްވި މަހާސިންތާގައި ވާހަކަ ދައްކަވަމުންނެވެ. ގުޓޭރަސް ވިދާޅުވީ ޔަމަންގެ ރައްޔިތުންގެ ތެރެއިން ނަވާރަ މިލިޔަން މީހުން ކާބޯތަކެއްޗާއި އެނޫންވެސް އިންސާނީ އެހީއަށް ބޭނުންވާކަމަށާ މީގެތެރެއިން ބާރަމިލިޔަން މީހުން މިހާރުވެސް ހައިހޫނުކަން ތަހައްމަލް ކުރަމުން ގެންދާ ކަމަށެވެ. ކުޑަކުދިންނާބެހޭ އދ. ގެ ފަންޑް ޔުނިސެފުން ބުނީ ޔަމަންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެޤައުމުގެ އެއްމިލިޔަން ކުޑަކުދިން މަރުގެ ތުންފަތްމަތީގައިވާކަމަށާ މިހާރުވެސް ދުވާލެއްގެ މައްޗަށް ޔަމަންގެ ފަންސާސް ކުދިން ކާބޯތަކެއްޗާއި ބޭސްފަރުވާ ނުލިބިގެން މަރުވަމުންދާކަމަށެވެ. އެހެންކަމުން ޔަމަންގެ ކުޑަކުދިންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އަވަސްގޮތަކަށް ކާބޯތަކެއްޗާއި ބޭސްފަރުވާ ފޯރުކޮށްދޭންޖެހޭ ކަމަށް އެފަންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޔަމަންގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމާބެހޭގޮތުން ޖެނީވާގައި އިއްޔެ ބޭއްވި ބައިނަލްއަގްވާމީ މަހާސިންތާގައި ދުނިޔޭގެ އެތަށް ޤައުމަކުންނާއި ބޮޑެތި ޖަމްޢިއްޔާ ޖަމާއަތްތައް ބައިވެރިވެފައިވެއެވެ. މި މަހާސިންތާ ނިމުނުއިރު އެކިޤައުމުތަކުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުންވަނީ ޔަމަންގެ ރައްޔިތުންގެ ތެރެއިން މިހާރު ހައިހޫނުކަން ތަހައްމަލްކުރާ ބާރަމިލިޔަން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ އެއްބިލިޔަން ޑޮލަރު ދޭނެކަމުގެ ޔަގީންކަން ދީފައެވެ.

އިންސާނީ އެހީއަށް ބޭނުވެފައިވާ ޔަމަންގެ ނަވާރަމިލިޔަން މީހުންނަކީ އެޤައުމުގެ ރައްޔިތުންގެ ތިންބައިކުޅަ ދެބައެވެ. މި ނަވާރަ މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި ބޭސްފަދަ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި މިއަހަރު ތެރޭގައި ދެ ބިލިޔަން ޑޮލަރު ބޭނުންވާކަމަށް އދ. ން ބުނެއެވެ. ޔަމަންގެ ރައްޔިތުންގެ މިހާ ގިނަ ބަޔަކު ހާލުގައިޖެހި ބިކަވެފައި މިވަނީ މީގެ ދެއަހަރު ކުރިން ފެށިގެން އެޤައުމުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުންނެވެ. ޔަމަންގެ ސަރުކާރާއި އެޤައުމުގެ އިދިކޮޅު ފަރާތްތައް ކަމަށްވާ ކުރީގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙް ގެ ބާރުތަކާއި ހޫޘީ ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ ޔަމަންގެ ސަރުކާރަށް އަސްކަރީ ގޮތުން އެހީތެރިވަނީ ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ އަރަބި ކޯލިޝަނުންނެވެ. މިކޯލިޝަންގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ ސައޫދީ ގެ އިތުރުން ޤަތަރާއި ޔުނައިޓެޑް އަރަބް އިމަރޭޓްސްއެވެ.