މުނިފޫހިފިލުވުން

ކުރިއަށްހުރި ޝޯވތަކުން 3 ޖަޖުން އެކުގައި ފެންނާނެބާ؟


މޯލްޑިވިއަން އައިޑަލްގެ ގަދަ ހަ ބައިވެރިންގެ ހުށަހެޅުންތައް ނިންމާލީ ބެލުންތެރިންނަށް ހައިރާންކަމެއް ގެނުވާ، ހިތުގައި ގިނަ ސުވާލުތަކެއް އުފައްދާފައެވެ.

ރޭގެ ޝޯވގައި ގަދަ 6 ބައިވެރިންގެ ހުށަހެޅުންތަކަށް ޖަޖުންގެ ފަރާތުން ތަފާތު ކޮމެންޓްތަކެއް ލިބިފައިވާއިރު، ޝޯވ ނިންމާލީ، އައިޑަލްގެ ކުރިއަށް ހުރި ޝޯވތަކުން 3 ޖަޖުން އެކުގައި ފެންނާނެކަމާމެދު ބެލުންތެރިންގެ ހިތުގައި ސުވާލު އުފައްދާފައެވެ. ރޭގެ ޝޯވގައި ބައެއް ބައިވެރިން ލަވަ ހުށަހަޅައިދިން ގޮތާމެދު ހިންހަމަ ނުޖެހިގްނެ ޝޯވގެ އެއް ޖަޖު، އިސްމާޢިލް އައްފާ ވަނީ ޝޯވ ނިމުމުގެ ކުރިން ޖަޖުންގެ ޕެނަލް ދޫކޮށް ޝޯވ ކުރިއަށްދިޔަ ހޯލުންވެސް ބޭރަށް ނުކުމެފައެވެ.

ޖަޖުންގެ ޕެނަލް ދޫކޮށް ދިއުމުގެ ކުރިން އައްފާން ބުނީ "މިހާ ހިސާބަށް އަންނައިރު މިއަށްވުރެ މާ ސަޅިވާން ޖެހޭނެ، އެ އެއްޗެއް އަހަންނަކަށް ނުފެނޭ".

ޝޯވގެ ގަދަ ހަޔަކާ ހަމައަށް އަންނައިރު ބައިވެރިންގެ ހުށަހެޅުންތައް މިހާރަށްވުރެ ފުރިހަމަ ވާންޖެހޭނެކަމަށް ޝޯވގެ ތިން ޖަޖުންވެސް އެއްބަސްވެއެވެ. ނަމަވެސް ތިން ޖަޖުންގެ ޚިޔާލު ބައިވެރިންގެ ހުނަރާމެދު ކޮންމެވެސް ވަރަކަށް ތަފާތެވެ. އެގޮތުން ބައިވެރިންގެ ހުށަހެޅުންތަކުން ރަނގަޅުކުރަންޖެހޭ ކަންތައްތައް ހުރިކަން ފާހަގަކޮށް މަރިޔަމް އުނޫޝާ (ކިޑީ)، ވަނީ ހިތްވަރު ދީ ތަޢުރީފް ކޮށްފައެވެ. ނަމެސް އައްފާން ބުނީ ޝޯވގެ ގަދަ ހަޔަކާ ހަމައަށް އަންނައިރު މިހާރަށްވުރެ ފުރިހަމަ ހުށަހެޅުންތަކެއް ފެންނަންޖެހޭނެ ކަމަށާ، ޝޯވގެ ހަ ބައިވެރިންގެ ހުށަހެޅުންތަކާމެދު ތަޢުރީފްކޮށް ހިތްވަރުދޭވަރު ނުވާކަމަށެވެ. ޝޯވގެ އަނެއް ޖަޖު އިބްރާހިމް ޒައިދު ޢަލީ (ކުޑަ އިއްބެ) ވެސް ވަނީ އައްފާންގެ މި ކޮމެންޓަށް ތާޢީދުކޮށް ވާހަކަ ދައްކާފައެވެ. ކުޑަ އިއްބެ ބުނީ، ބައިވެރިންނަށް ބޭނުން ލަވައެއް އިޚްތިޔާރު ކުރުމުގެ ފުރުޞަތު ލިބުނުއިރު، ފަސޭހައިން ކިޔޭ ރީތި ލަވައެއް ނަގަން އަމިއްލައަށް އެނގެން ޖެހޭނެކަމަށެވެ.

ކޮންމެއަކަސް ގަދަ 6 ބައިވެރިންގެ ހުށަހެޅުންތަކާމެދު ޖަޖުންގެ މެދުގައި ޚިޔާލުތަފާތުވެ، ރޭގެ ޝޯވގެ ޖަޖުންގެ ޕެނަލް ދޫކޮށް އައްފާން ގޮސްފައިވާއިރު، ކުރިއަށްހުރި ޝޯވތަކުން އައްފާން ފެންނާނެތޯ އުފެދޭ ސުވާލުގެ ޖަވާބް ލިބިގެންދާނީ ކުރިއަށްހުރި ޝޯވތަކުންނެވެ.

މޯލްޑިވިއަން އައިޑޮލްގެ ގަދަ 6 ބައިވެރިންގެ ހުށްހެޅުން ރޭ ފެނިގެންގޮސްފައިވާއިރު، މި ބައިވެރިންގެ ތެރެއިން ގަދަ 5 ބައިވެރިން ޔަޤީންވެގެންދާނީ މިރޭ އޮންނަ އެލިމިނޭޝަން ޝޯވއިންނެވެ. ގަދަ 5 ބައިވެރިން ހޮވިގެން ދާނީ ޖަޖުންގެ ފަންސާސް އިންސައްތަ ވޯޓާއި ބެލުންތެރިންގެ ފަންސާސް އިންސައްތަ ވޯޓުންނެވެ.

img:http://s1.psmnews.mv/images/660x400/14922053657818.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ގަދަ 6 ބައިވެރިން - ފޮޓޯ: ޕީއެސްއެމް

ގަދަ 6 ގައި ވާދަކުރާ ބައިވެރިންނަކީ:

- ޝަމްވީލް މުޙައްމަދު

- ޢިބްރާހީމް ވަޙީދު

- މުޙައްމަދު ތަސްނީމް

- އަޙްމަދު ނަބީލް މުޙައްމަދު

- ޙަމޫދު އަޙްމަދު

- ޢަބްދުﷲ ހިޝާން

ގަދަ 5 ބައިވެރިން ހޮވުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިއަދު  މެންދުރުފަހު 3 ޖެހުމާއި ހަމައަށް މިހާރު ވަނީ ހުޅުވާލާފައެވެ. ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްފައި، އެ ބައިވެރިއެއްގެ ނަން ޖެހުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ. ބެލުންތެރިން މި ޝޯވއަށް ފޮނުވާ ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.