ތަރައްްޤީ

ރައުދާގެ މަރާ ގުޅިގެން ދިވެއްސަކާ ސުވާލުކޮށް ބަޔާން ނަގައިފި


ބަންގްލަދޭޝްގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި ކިޔަވާ ދަރިވަރު ރަޢުދާ އާޠިފްގެ މަރުގެ މައްސަލައާ ގުޅިގެން ދިވެއްސަކާ ސުވާލުކޮށްފައިވާ ކަމަށް ދިވެހި ފުލުހުން ހާމަކުރައްވައިފިއެވެ. 

ރައުދާގެ މަރާ ގުޅިގެން ބަންގްލަދޭޝަށް ދިޔަ ދިވެހި ފުލުހުންގެ ޓީމުން ކުރެއްވި ތަހުޤީޤާ ގުޅޭގޮތުން އިސްކަންދަރު ކޮށީގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ މައްސަލަ ތަހުޤީގު ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ރައުދާގެ ފޯނުން ލިބުނު މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް ދިވެއްސަކާ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި އޭނާގެ ބަޔާން ނަގާފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ. ނަމަވެސް އެ މީހާގެ އެއްވެސް ތަފްޞީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

ރައުދާގެ މަރާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ރައުދާ ބަލިވެގެން ޑޮކްޓަރަށް ދިޔަކަން ތަހުޤީގަށްވެސް ތިލަވެފައިވާ ކަމަށެވެ. އަދި އޭނާ ޑޮކްޓަރަށް ދެއްކުމަށްފަހު އަންހެން ކުދިން އުޅޭ ހޮސްޓެލްއަށް ވަންނަންދިޔަ މަންޒަރު ބައެއް ކުދިންނަށް ފެނުނު ކަމަށާއި ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވަނީވެސް ދިވެހި ކުއްޖަކަށް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ކޮލެޖުގައި ރައުދާއާ އެންމެ ގާތްކޮށް އުޅޭ ސީރަތު ޕަރްވީން މުޙައްމަދަށް ރައުދާގެ އާއިލާއިން ތުހުމަތުތަކެއް ކުރަމުން އަންނާތީ އެކަމާ ގުޅޭގޮތުން ރިޔާޒު ވިދާޅުވީ ސީރަތުގެ ފޯނުންވެސް އަދި ރައުދާގެ ފޯނުންވެސް ސީރަތުގެ މައްޗަށް ޝައްކު ކުރެވޭ އެއްވެސް ސަބަބެއް ފެނިފައި ނުވާ ކަމަށެވެ. އަދި ރައުދާއަށް ނިދާ ބޭސް ކާން ދިނުމަށް ސީރަތު މަސައްކަތް ކޮށްފައިވާ ކަމަށް ރައުދާއާ ހަވާލާދީ އޭނާގެ އާއިލާއިން ސީރަތަށް ތުހުމަތު ކޮށްފައިވީ ނަމަވެސް ސީރަތު އެކަމަށް އިންކާރު ކުރާ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

ރައުދާ މަރުވުމުގެ އެއްރޭ ކުރިން އޭނާ ޑޮކްޓަރަށް ގޮސް އެނބުރި ހޮސްޓެލްއަށް ވަންނަ މަންޒަރު ކޮލެޖުގެ ސީސީޓީވީ ފުޓޭޖުތަކުން ފެންނަން ނެތް ކަމަށް ރައުދާގެ އާއިލާއާ ހަވާލާދީ ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. މިވާހަކަތަކާ ގުޅިގެން ރިޔާޒު ވިދާޅުވީ މިއަހަރުގެ ފެބުރުއަރީ 17 ވަނަ ދުވަހުން ފެށިގެން އެ ކޮލެޖްގެ ސީސީޓީވީ ބައެއް ކެމެރާތަަކުގެ މައްސަލަތައް އުޅޭތީ އެއްވެސް ރިކޯޑިންއެއް އޭރުން ފެށިގެން ނެތް ކަމަށް ފުލުހުންގެ ތަހުޤީގަށް އެނގިފައިވާ ކަމަށެވެ. އެހެންކަމުން އެ ފްޓޭޖްތައް ފޮހެލީކަމަށް ބުނެވެން ނެތް ކަމަށް ރައުދާގެ މަރުގެ ތަހުޤީގުގައި ދިވެހި ފުލުހުންގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވި ރިޔާޒު ވިދާޅުވިއެވެ.

ފުލުހުން ބުނީ ރައުދާގެ އިންސްޓަގްރާމް އެކައުންޓުން ދެ މީހަކު އަންފޮލޯ ކޮށްފައިވާތީ އެ މައްސަލަވެސް ބަލަމުން އަންނަ ކަމަށެވެ. އަދި ރައުދާ މަރުވުމަށްފަހު އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑީއެކްޓިވޭޓް ކޮށްލީ ކޮންބައެއްކަން ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.