ރިޕޯޓް

ސަޢުދީ ރަސްގެފާނުގެ ދަތުރުފުޅާއެކު ބޮޑެތި އިންވެސްޓުމަންޓުތަކެއް!


ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އޭޝިއާގެ ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިހާތަނަށް 2 ޤަމަކަށް ވަނީ ވަޑައިގެންފައެވެ.

އެ ދެޤައުމުގައިވެސް ބޮޑެތި އިންވެސްޓްމެންޓްތަކެއް ސަޢޫދީ ސަރުކާރުން ކުރެއްވަން ވަނީ ނިންމަވާފައެވެ. ސަޢޫދީ ޢަރަބިއާއަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ވަރުގަދަ އިޤްތިޞާދެކެވެ. އެޤައުމުގެ ބޮޑެތި އިންވެސްޓްމެންޓްތައް މެދުއިރުމަތި، ޔޫރަޕް އަދި އެމެރިކާގައިވެސް ހުރެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އޭޝިއާގެ ބައެއް ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިޤްތިޞާދީ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެ ދަތުރުފުޅެއްކަމަށް ސަޢުދީ ގެޒެޓުން ވަނީ ރިޕޯޓްކޮށްފައެވެ. އޭގެތެރޭގައި ސަޢޫދީ ސަރުކާރުގެ ބޮޑެތި އިންވެސްޓްމަންޓްތައް އޭޝިއާގެ ޤައުމުތަކުގައި ޤާއިމުކުރެއްވުމުގެ އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތައް ހިމެނެއެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި މިހާތަނަށް ވަޑައިގެންފައިވަނީ މެލޭޝިއާއާއި އިންޑޮނޭޝިއާއަށެވެ. އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި މެލޭޝިއާގެ ތެލުގެ ސިނާޢަތަށް 7 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އެއީ ދިވެހި ރުފިޔާއިންނަމަ 100 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މީގެ އިތުރުންވެސް އިޤްތިޞާދީ ގުޅުން ޤާއިމުކުރުމުގެ އެއްބަސްވުންތަކުގައި އެމަނިކުފާނުގެ މެލޭޝިއާ ދަތުރުގައި ވަނީ ސޮއިކުރައްވާފައެވެ. އިންޑޮނޭޝިއާގެ އިޤްތިޞާދީ ކަންކަމަށް 1 ބިލިއަން ޑޮލަރު އިންވެސްޓްކުރެއްވުމަށް ނިންމަވާފައިވާއިރު، އެޤައުމުގެ ތެލުގެ ސިނާޢަތަށް 6 ބިލިއަން އިންވެސްޓްކުރެއްވުމަށް ސަޢޫދީ ރަސްގެފާނު ވަނީ ނިންމަވާފައެވެ.

ސަޢޫދީ ޢަރަބިއްޔާއަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ވަރުގަދަ އިޤްތިޞާދެއް އޮންނަ ޤައުމެކެވެ. އެޤައުމުގައި ބޮލަކަށް ޖެހޭ ޢާމްދަނީ 22 ހާސް އެމެރިކާ ޑޮލަރަށް އަރައެވެ. އެޤައުމުގެ ތެލުގެ ސިނާޢަތުގެ އަގު ދިހަހާސް ބިލިއަން ނުވަތަ 10 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް އިކޮނޮމިކް ޓައިމްސްއިން ރިޕޯޓް ކޮށްފައިވެއެވެ.

ސަޢޫދީ ޢަރަބިއާއިން ގެންދަނީ، ބޭރު ޤައުމުތަކުގައި އެޤައުމުގެ އިންވެސްޓްމެންޓްތައް އިތުރުކުރަމުންނެވެ. އެގޮތުން ސަޢޫދީ ސަރުކާރާއި، ޝާހީ ޢާއިލާގެ ބޭފުޅުންގެ އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓްމެންޓްތައް، މެދުއިރުމައްޗާއި، އެމެރިކާ އަދި ޔޫރަޕްގެ ޤައުމުތަކުގައިވެސް ހުރެއެވެ. ދުނިޔޭގެ ޤައުމުތަކުގައި ސަޢޫދީ ޢަރަބިއާއިން އިންވެސްޓް ކުރައްވަމުން ގެންދަވަނީ އެޤައުމުގެ އިޤްތިޞާދު ތެލަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމުގެ މަޤްޞަދުގައެވެ.

ރަސްގެފާނުގެ އޭޝިއާ ދަތުރުފުޅުގައި ދިވެހިރާއްޖެއަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މިދަތުފުޅުގައި ދިވެހިރާއްޖޭގައިވެސް އެޤައުމުގެ އިންވެސްޓްމެންޓްތައް ޤާއިމުކުރެވުމުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާނެކަމަށް ބެލެވެއެވެ.

އެގޮތުން ފ. އަތޮޅުގައި ކުރިއަށްގެންދެވުމަށް ނިންމާފައިވާ، ދިވެހިރާއްޖެ މީގެ ކުރިން ނުދެކޭފަދަ، ބިޔަ އިޤްތިޞާދީ މަސްރޫޢުވެސް ކުރިއަށްގެންދަވާނީ ސަޢޫދީ ޢަރަބިޔާއިންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މި މަޝްރޫއުއާ ގުޅޭ މަޝްވަރާތައް ދެޤައުމުގެ މެދުގައި ކުރިއަށްދާއިރު، ސަޢޫދީ ރަސްގެފާނުގެ މިދަތުރުފުޅުގެ ތެރެއިން މިކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރައްވާނެކަމަށް ބެލެވެއެވެ.

ސަޢޫދީ ޢަރަބިއާއިން ރާއްޖޭގައި ކުރައްވާ އިންވެސްޓްމެންޓަކީ، އެޤައުމުން އެހެން ޤައުމުތަކުގައިވެސް ކުރައްވާފަދައިން ކުރައްވާ އިޤްތިޞާދީ މަސައްކަތްތަކެކެވެ. އިޤްތިޞާދީ މަޝްރޫޢެއް ހިންގެވުމަށް ރާއްޖެއިން ބިމެއް ދޫކުރުމަކީ، ދިވެހިރާއްޖޭގެ ސިޔާތަތާއި، އަމިއްލަވަންތަކަމާއި، އިސްތިޤްލާލަށް އުނިކަން އަންނާނެކަމެއް ނޫނެނެވެ. އެއާ ޚިލާފަށް އެއީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ހެޔޮފާލެކެވެ.

ދުނިޔޭގެ އިޤްތިޞާދު ކުރިއަރަމުން އަންނައިރު، ދިވެހިރާއްޖެއަކީ ހަވާސާވެގެންދާ ޤައުމަށް ވިޔަ ނުދިނުމަށްޓަކައި، މިފަދަ މަޝްރޫޢުތަކަށް ރާއްޖޭގައި ފުރުޞަތު ދޭންޖެހެއެވެ. މިއީ ވަކި ޤައުމަކަށް ރާއްޖެއިން ބައެއް ވިއްކާލުންކަމަށް ބުނުމަކީ ހަމަޖެހޭ ވާހަކައެއް ނޫންނެވެ. ސަބަބަކީ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުން، ތަރައްޤީގެ ހަރުފަތްތައް ގިރާކޮށްފައިވަނީ ބޭރުގެ މުއްސަނދި ދަޢުލަތްތަކުގެ އިންވެސްޓްމެންޓްތަކަށް ޖާގަދިނުމާއެކުއެވެ.