ޓުއަރިޒަމް

ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އާ ކުންފުންޏެއް އުފައްދަވައިފި


ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަސައްކަތްކުރާނެ އައު ކުންފުންޏެއް، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް ލިމިޓެޑް ނަމުގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އަލަށް އުފެއްދެވި މި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައަޅާފައިވާ ދިވެހި ސަރުކާރު ސައްތައިން ސައްތަ ޙިއްޞާގެ މައްޗަށް ބިނާކުރެވިފައިވާ ކުންފުންޏެކެވެ.

މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް ލިމިޓެޑް ނަމުގައި އަލަށް އުފެއްދެވި ކުންފުންނީގެ ބޭނުމަކީ ބޭރު ދުނިޔޭގައި ރާއްޖެ، "ފަތުރުވެރި މަންޒިލް" އެއްގެ ގޮތިގައި ޕްރޮމޯޓްކޮށް، އިޝްތިހާރު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ސޮއިކުރައްވާ މިއަދު ނެރުއްވި ޤަރާރުގައި ވެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ދިވެހި މުޖްތަމަޢަށް ކުރާ ހެޔޮ ލާބައާއި މަންފާ އިތުރަށް ފުޅާކުރުމާއި ފަތުރުވެރިކަން ބާޒާރަށް ނެރެވެމުންދާ ގޮތާއި އެ ދާއިރާގައި ކަންކަން ވަމުންދާގޮތް ދިރާސާކުރައްވައި އިތުރަށް ހަރުދަނާ ކުރެއްވުމަކީވެސް އެ ކުންފުނީގެ މަސައްކަތެއް ކަމަށެވެ.

މި ޤަރާރުގައި ވަނީ އަލަށް އުފެއްދެވި ކުންފުނީގެ ޖުމްލަ ރައުސުލްމާލަކީ ޙިއްޞާއެއް 10 ރުފިޔާގެ މަގުން 100 މިލިއަން ޙިއްޞާގެ މައްޗަށް ބަހާލެވިފައިވާ 1 ބިލިއަން ރުފިޔާ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން ބޭރު ޤައުމުތަކުގައި އިޝްތިހާރު ކުރެއްވުމަށް އަލަށް އުފެއްދެވި މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް ލިމިޓެޑަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ގޮތުން އަމިއްލަ ޝަޙްސެއް ކަމަށްވެސް ރައީސްގެ ޤަރާރުގައި ބަޔާން ކުރައްވާފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރައީސް މައުމޫންގެ ވެރިކަމުގައި މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ނަމުގައި ކުންފުންޏެއް ހިންގަވާފައިވެއެވެ. ނަމަވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން 2011ވަނަ އަހަރުގެ ޖޫން މަހުގެ 15ވަނަ ދުވަހު ވަނީ އެ ކުންފުނި އުވާލައްވައި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް، އެމްއެމްޕީއާރްސީގެ ނަމުގައި އައު ކުންފުންޏެއް އުފައްދަވާފައެވެ.

ރާއްޖޭގެ ތާރިޚްގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް އެމްއެމްޕީއާރުސީގެ ތެރެއިން ހިންގާފައިވާއިރު އެކަމާ ގުޅޭ ގިނަ މައްސަލަތަކެއް އަންނަނީ ބަލަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔޭގައި އިޝްތިހާރު ކުރެއްވުމުގެ ގޮތުން މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް ލިމިޓެޑްގެ ނަމުގައި ރައީސް ޔާމީން އައު ކުންފުންޏެއް އުފެއްދެވިއިރު ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން "މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގެ ނަމުގައިވެސް ސަރުކާރުން ވަނީ ކުންފުންޏެއް އުފައްދަވާފައެވެ.