ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލައި، އެފަދަ މީހުންނަށް ހަމަހަމަ ފުރުޞަތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަށްޓަވާފައިވަނީ ތާރީޚީ މަސަކަތްޕުޅެއްކަމަށާއި، މިއީ ވޭތުވެދިޔަ ދިގު ތާރީޚުގައިވެސް ދިވެހި ދައުލަތުން މިފަދަ މަސައްކަތްޕުޅެއް ފެއްޓެވި ފުރަތަމަ ފަހަރުކަމަށް ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ނުކުޅެދުންތެރިކަން ހުންނަ 157 މީހަކަށް ދައުލަތުގެ 18 ކުންފުންޏަކުން އަލަށް ވަޒީފާ ދިނުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ، މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ދެއްވުމަށް ދިވެހި ދައުލަތުން އިސްނެންގެވި ފުރަތަމަ ފަހަރުކަމަށާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މި އިސްނެންގެވުމަކީ، ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ ކަމެއްކަމަށެވެ.
އިކްރާމް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދެއްވާފައިވަނީ އާދައިގެ ވަޒީފާތަކެއް ނޫންކަމަށާއި، މިކަމުންވެސް ދޭހަވަނީ މުޖުތަމަޢު ބިނާކުރުމުގައި އެމީހުން ބައިވެރިކުރެއްވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަންކަމުގައެވެ.
މިރަސްމިޔާތުގައި ދައުލަތުގެ ކުންފުނިތަކުގެ ފަރާތުން ވާހަކަދައްކަވަމުން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުން ރާއްޖޭގައި މީގެ ކުރިންވެސް ތިބޭކަމަށާއި، ނަމަވެސް މިދިޔަ 3 އަހަރުގެ ތެރޭގައި މިފަދަ މީހުންނަށް އަޅާލައި އެމީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، މުޖުތަމަޢު ބިނާކުރުމުގައި އެމީހުންގެ ބޭނުން ހިފަމުންދާކަމީ ފާހަގަކުރުން ޙައްޤުކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަތިތައް އަމިއްލަފުޅަށް ބައްލަވައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަންބަލުން ފާޠިމަތު އިބްރާހީމް، އެމީހުންނަށް އެހީތެރިކަން ދެއްވާކަމަކަމަށާ، އެއީ ޝުކުރު ޙައްޤު މަސައްކަތްޕުޅެއްކަމަށެވެ.
ޢަބްދުއްރައްޒާޤް އިބްރާހީމް ވިދާޅުވީ 90 ހާސް ވަޒީފާގެ ފުރުޞަތާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ލިބިވަޑައިގެންނެވި ކުރިއެރުމެއްކަމަށެވެ. ކުންފުނިތަކުން މީގެ ކުރިން ވިސްނަމުން ގެންދަނީ އެ ކުންފުނިތަކުގެ ވިޔަފާރި ކުރިއެރުވުމަށް ކަމަށެވެ. ނަމަވެސް މިފަދަ މާތް މަސައްކަތެއް ކުރުމުގެ ޚިޔާލު ދެއްވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމް ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރު ޙިއްޞާވާ ހުރިހާ ކުންފުންޏެއްގައިވެސް މިހާރު ވަޒީފާ އަދާކުރަމުން ގެންދެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނިކަމެތިކަމެއް ލިބިދާނެ އެއްވެސް ކަމެއް ކުންފުނިތަކުން ނުކުރާނެކަމުގެ ޔަޤީންކަން ކުންފުނިތަކުން ދެއްވައެވެ.