މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 2 ޕްރިމިއަރ ކުރުން މިރޭ


މޯލްޑިވިއަން އައިޑަލް ސީޒަން 2 މިރޭ ޕްރިމިއަރ ކުރާނެއެވެ. ސީޒަން 2 ޕްރިމިއަރ ކުރަން ހަމަޖެހިފައިވަނީ މިރޭ 9:30 ގައި ޝްވެކް ސިނަމާގައެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހުޅުވާލަދިން އެންމެ އަގުހުރި ފުރުޞަތަކަށް ވެފައިވަނީ ޕަބްލިކް ސަރވިސް މީޑިއާއިން ހުޅުވާލި މޯލްޑިވިއަން އައިޑަލްއެވެ.

ތާރިޚުގެ ތެރެއަށް މޯލްޑިވިއަން އައިޑަލް ވަދެފައިވަނީ ފުރަތަމަ ފަހަރަށް ފްރެންޗައިޒް އުޞޫލުން ރާއްޖޭގައި ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ ބްރޭންޑްގެ ގޮތުގައެވެ. މިއާއެކު ލަވައާއި މިއުކިޒްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވެފައި ތިބި ޒުވާނުންނަށް ވަނީ މިދާއިރާއިން މުޅިން އައު ޕްލެޓްފޯމެއް ހުޅުވިފައެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާ އަގުބޮޑު ރިއަލިޓީ ޝޯވއެއް ރާއްޖޭގެ ޓީވީ ޗެނަލަކުން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ކާމިޔާބަށްފަހު ސީޒަން 2 މިރޭ ޕްރިމިއަރކުރާނެއެވެ. އެގޮތުން ފުރަތަމަ ދެއްކުމަށް ހަމަޖެހިފައިވަނީ އޮޑިޝަންތަކުގެ ޝޯވތަކެވެ. މިފަހަރުގެ އޮޑިޝަންތައް ކުރިއަށްގެންގޮސްފައިވަނީ މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ.ގަން، ބ. އޭދަފުށި، ހދ.ކުޅުދުއްފުށި، މި ސަރަޙައްދުތަކުގައެވެ.

މިފަހަރުގެ ސީޒަނުގައިވެސް ބެލުންތެރިނަށް ހެއްވާ މަޖާ، އަދި މުނިފޫހިފިލުވުމުގެ ހުރިހާ ރަހައެއް، އެކުލެވިގެންވާ ތަފާތު ކަންތައްތަކެއް ފެނިގެންދާނެކަމަށް އައިޑަލް ޓީމުން ބުނެއެވެ. މޯލްޑިވިއަން އައިޑޮލްގެ ސީޒަން 2 ، މިރޭ ޓީވީއެމުން ދައްކަން ފަށާއިރު މިހަފްތާއިން ފެށިގެން ކޮންމެ ހަފްތާއެއްގެވެސް ހުކުރު ހޮނިހިރު މި ދެރޭ ދިހަގަޑި ބައިގައި މި ޝޯ ޓީވީއެމުން ދައްކާނެއެވެ.

ގާލާ ރައުންޑް ފެށުމުން ކޮންމެ ހުކުރު ދުވަހެއްގެ ރޭ އޮންނާނީ ޕާފޯމެންސް ރައުންޑެވެ. ހޮނިހިރު ދުވަހުގެ ރޭ ދައްކާނީ އެލިމިނޭޝަން ޝޯވއެވެ.  

މިފަހަރުގެ ސީޒަނުގައި ޖަޖުންގެ ޕެނަލުން ފެނިގެންދާ 3 ފަންނާނުންނަކީ، މަރިޔަމް އުނޫޝާ، އިބްރާހީމް ޒައިދު ޢަލީ އަދި އިސްމާޢީލް އައްފާނެވެ. އަދި ޕްރެޒެންޓަރުންގެ ގޮތުގައި ފެންނާނީ މޫސާ ވަސީމާއި، ކުޅަދާނަ ލަވަކިޔުންތެރިޔާ އާމިނަތު ލަމްހާ ލަޠީފެވެ.