ތަރައްްޤީ

ހުޅުމާލޭގައި އައު ސްކޫލެއް ޢިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި


ހުޅުމާލޭގައި 1600 ކުދިންގެ ޖާގައިގެ ސްކޫލެއް ޢިމާރާތްކުރުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފިއެވެ.

ހުޅުމާލޭގެ ނެއިބަރހުޑް 1 ގައި ހުންނަ ކޮމިއުނިޓީ ސެންޓަރ ސަރަޙައްދުގައި 7 ބުރިއަށް ޢިމާރާތްކުރާ މިސްކޫލަކީ އެއްހާސްހަސަތޭކަ އަށްޑިހަ ކުދިންގެ ޖާގައިގެ ސްކޫލެކެވެ. ޖުމްލަ 50 ކްލާސްރޫމް ހިމެނޭގޮތަށް ޢިމާރާތްކުރާ މިސްކޫލްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކަށޭނެގޮތަށް 2 ކްލާސްރޫމް ޢިމާރާތްކުރެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.

132 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކޫލްގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 14 މަސްދުވަހުގެ ތެރޭގައެވެ. މިތަނުގައި ތަރައްޤީކުރެވިގެންދާނީ ގްރޭޑް 1 އިން 12 އަށް ކިޔަވައިދޭ ޖާގައިގެ ސްކޫލެއްކަމަށް އެޗްޑީސީން ބުނެއެވެ.

މިއަދު އެޗްޑީސީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މިސްކޫލް ޢިމާރާތްކުރުމުގެ އެމްއޯޔޫގައި އެޗްޑީސީގެ ފަރާތުން ސޮއިކުރީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަންއެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުޙައްމަދުއެވެ.