ޓުއަރިޒަމް

އިތުރު 4 ރަށެއް ފަތުރުވެރިކަމަށް ދޫކުރަން ނިންމަވައިފި


ފަތުވެރިކަމާބެހޭ ކަންކަމަށް ދޫކުރާ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް އިތުރު 4 ރަށެއް އިތުރުކޮށްފިއެވެ. މި ލިސްޓުގައި އަލަށް ހިމަނާފައިވަނީ ގދ.ބައުޅަގައްލައާއި ނ.ކުންނުމަލި، ތ.ގާލީ އަދި އދ.ހުރައެޅިއެވެ.

މީގެކުރިން ޖުމްލަ 13 ރަށެއް ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރުމަށް ނިންމަވާފައިވީނަމަވެސް އަލަށް އިތުރު ކުރި މި ހަތަރު ރަށާއެކު ޖުމްލަ ސަތާރަ ރަށެއް ފަތުވެރިކަމާބެހޭ ކަންކަމަށް ދޫކުރުމަށްވަނީ ނިންމަވާފައެވެ. މި ލިސްޓަށް އަލަށް އިތުރުކުރި ގދ. ބައުޅަގައްލަ ވިއްކެވުމަށް ނިންމަވާފައިވަނީ އަށް ސަތޭކަ ފަންސާސް ހާސް ޑޮލަރަށެވެ. ނ، ކުންނަމަލި ވިއްކެވުމަށް ނިންމަވާފައިވަނީ ތިން މިލިއަން ހަތަރު ސަތޭކަ ތިރީސް ހާސް ޑޮލަރަށެވެ.

ތ. ގާލީ ވިއްކަވަން ނިންމަވާފައިވަނީ އެއްމިލިއަން ނުވަސަތޭކަ ފަންސާސް ހާސް ޑޮލަރަށެވެ. އަދި އދ. ހުރައެޅި ވިއްކަވަން ނިންމަވާފައިވަނީ ހައެއް ޕޮއިންޓް ހައެއް މިލިއަން ޑޮލަރަށެވެ. ޓޫރިޒަމް ޤާނޫނަށް މިދިޔަ އަހަރު ގެންނެވި އިސްލާޙުގެ ދަށުން މިރަށްތައް ކުއްޔަށް ދޭން ނިންމަވާފައިވަނީ ބިޑް ކުރުމެއްނެތިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ކުއްޔަށް ދޫކޮށްލުމަށް ނިންމާ ރަށްތައް ވިއްކާ އަގުތަކުގެ ގޮތުގައި އިއުލާނުގައި ހިމަނާ އަގުތަކަކީ އަންދާޒީ އަދަދުތަކެއްކަމަށެވެ. އެ އަދަދުތައް ކަށަވަރުކުރެވޭނީ މިނިސްޓްރީން ޤަބޫލުކުރާ ފެންވަރުގެ ސާވޭއެއް ހެއްދެވުމަށްފަހުކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.