ސީ ލައިފް ގްލޯބަލްއިން ހުޅުމާލޭގައި ތަރައްޤީކުރާ ހަމަޖެހިފައިވާ ފްލެޓްތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިމަހު ފަށާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ސީ ލައިފް ގްލޯބަލްއިން ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 3000 ހައުސިންގ ޔުނިޓާއި އޮފީސް ކޮމްޕްލެކްސް ހިމެނޭ ޢިމާރާތެކެވެ.
ގެދޮރު ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި 15،000 (ފަނަރަހާސް) ހައުސިންގ ޔުނިޓް ތަރައްޤީކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެތެރެއިން 7000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އަމިއްލަ ކުންފުނިތަކާ ޙަވާލުކުރައްވައިގެންނެވެ. މިގޮތުން ހުޅުމާލޭގައި ތިންހާސް ހައުސިންގ ޔުނިޓާއި އޮފީސް ކޮމްޕްލެކްސް ޢިމާރާތްކުރުމަށް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ ސީ ލައިފް ގްލޯބަލްއާއެވެ. އެ ކުންފުނިން ހިންގާ މަޝްރޫޢުގެ މަސައްކަތް އެކި މަރުޙަލާގައި މިހާރު ކުރިއަށްދާކަން އެކުންފުނިން ފާހަގަކުރެއެވެ.
މިމަޝްރޫޢުގެ ދަށުން ފުރަތަމަ ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 1000 ހައުސިންގ ޔުނިޓްގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ސްރީލަންކާގެ ކޮރަލް ހޯލްޑިންގސްއާ ޙަވާލުކޮށްގެން ތަރައްޤީކުރާ 350 ހައުސިންގ ޔުނިޓްގެ މަސައްކަތަށް ބޭނުންވާ ސާމާނު ރާއްޖެ ގެންނަން ވަނީ ފަށާފައެވެ. އަދި މި ހައުސިންގ ޔުނިޓައް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އެކުންފުނިން އަންނަނީ ވަމުންނެވެ.
ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ސީލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދު ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކޮންސްޓްރަކްޝަން މެޓީރިއަލްސްތައް ގެންނަން ފަށާފައިވާ ކަމަށާއި، މިމަހުގެ 15 ވަނަ ދުވަހު ފައުންޑޭޝަން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. މިފްލެޓްތަކުގެ މަސައްކަތް މުއްދަތާއި އެއްގޮތަށް ދުވަހަށް ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި 2018 ވަނަ އަހަރަށް ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"ވަގުތުކޮޅެއް ނަގާނެ އެކަމަކު ޓައިމްލައިނާއިއެއްގޮތަށް މަސައްކަތް ނިންމާނަން. ފުރަތަމަ ސައިޓްގެ 20 ޕަސެންޓް ކޮންސްޓްރަކްޝަން ސާމާނުތައް ގެނެސް ސައިޓަށް ޖަމާކުރަމުންދަނީ. މިމަހުގެ 15 އަށް ފައުންޑޭޝަން މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރ ތައްޔާރުވަމުންދަނީ. އެކްސްކަވޭޝަން މަސައްކަތުގެ ބޮޑުބައި ނިމިފަ. އަދި ޑީވޯޓަރިންގ ގެ މަސައްކަތްކުރުމަށް އެޗްޑީސީއާއި ވާހަކަދައްކަމުންދަނީ." އަޙްމަދު މޫސާ ވިދާޅުވިއެވެ.
ސީލައިފުން ތަރައްޤީކުރާ ފްލެޓްތަކުގެ ތެރެއިން ސްރީލަންކާގެ ކޮރަލް ހޯލްޑިންގސްއާ ޙަވާލުކޮށްގެން ތަރައްޤީކުރާ 350 އާއި ޗައިނާގެ ޓްވެންޓީ ތާރޑް އެމްސީސީއާ ޙަވާލުކޮށްގެން ތަރައްޤީކުރާ 278 ފްލެޓްތައް ގިނަ ފަރާތްތަކަކުން ބުކްކޮށް ބުކިންގ ފީ ދައްކަމުންދާކަން އެކުންފުނިންގ ފާހަގަކުރެއެވެ. އަޙްމަދު މޫސާ ވިދާޅުވީ މީގެތެރެއިން 20 ވަރަކަށް ފްލެޓް ފިޔަވައި އެހެން ފްލެޓްތަކަށް ބުކިންގ ފީ ދައްކާފައިވާކަމަށެވެ.
ސީލައިފް ގްލޯބަލްއިން ތަރައްޤީކުރާ ފްލެޓްތަށް ގަންނަ ފަރާތްތަކުން ބޭންކް މެދުވެރިކޮށް ލޯން ނަގަން ނުޖެހޭނެ ގޮތް އެކުންފުނިން ވަނީ ހަމަޖައްސާފައެވެ. އަޙްމަދު މޫސާ ވިދާޅުވީ ފްލެޓްތަކުގެ ބުކްކޮށްފައިވާ ފަރާތްތަކުން އެފްލެޓަށް ދައްކަންޖެހޭ 20 ޕަސެންޓް ދެއްކުމުން، ފްލެޓްގެ އަގަށްވާ ފައިސާ، 15 އަހަރުގެ މުއްދަތަށް ބަހާލައިގެން ދައްކަންޖެހޭ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.
" ބުކްކޮށްފައިވާ އެޕާޓްމަންޓަށް 20 ޕަސެންޓް ދެއްކުމުން، ބާކީވާ ބައި 15 އަހަރަށް އެ ޕޭމަންޓް ބަހާލައިގެން ދެއްކުމުން އަމިއްލަ ކުރެވޭނެ. މީގަ 6 ޕަސެންޓް އިންޓްރެސްޓް ސީލައިފް ކުންފުންޏަށް ދައްކަންޖެހޭގޮތަށް ބަހާލާފައިވާނީ. މި 20 ޕަސެންޓް ދައްކަންޖެހޭނީވެސް އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ 20 ޕަސެންޓް ނިމުމުން. ފައިނޭންޝަލް މޮޑެލް އަށް ބަލާލާއިރު މިތަނުގެ އަގަށް މަހަކު ދައްކަންޖެހޭނީ 9000 ރުފިޔާ އިން ފެށިގެން 22 ހާސް ރުފިޔާ އާއި ދެމެދުގެ އަގެއް." އަޙްމަދު މޫސާ ވިދާޅުވިއެވެ.
ސީ ލައިފް ގްލޯބަލްއިން ހުޅުމާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 3000 ހައުސިންގ ޔުނިޓް ތަރައްޤީކުރެވިގެންދާނީ 1 ކޮޓަރި، 2 ކޮޓަރި، އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކާއި، އެންމެ މަތީ ފްލޯތަކުގައި ޕެންޓްހައުސް ހިމެނޭގޮތަށްކަމަށް ސީލައިފް ގްލޯބަލްއިން މަޢުލޫމާތުދެއެވެ.