ޓުއަރިޒަމް

މޯލްޑިވްސް އެޓް ސަނީ ސައިޑް މިޔުޒިކް ފެސްޓިވަލް މިރޭ ފަށާނެ


ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ މަޝްހޫރުކަމަށް އައީ 1970ގެ އަހަރުތަކުގައެވެ. މިއަދު ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން ދަނީ ފަތުރުވެރިކަމުންނެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ މަޤްބޫލްކަން ދެމެހެއްޓެވުމަށް އަދުގެ ސަރުކާރުން އަންނަނީ ބުރަ މަސައްކަތެއް ކުރަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަކީ ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ އެއް މަސައްކަތެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ރާއްޖެ އޮތީ އެންމެ ކުރީ ސަފުގައެވެ. އަދި ރާއްޖެ އެގޮތުގައި ދެމިއޮތުމަށް އާ ސްޓްރެޖީތައް އެކުލަވާލައްވަންޖެހޭ ކަމަށާއި، އާ ތަޞައްވުރެއް އަދި އާ ހިތްވަރެއް ބޭނުންވާ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭ އެންމެ ބޮޑު އެއް މިސާލަކީ ކޮންމެ އާ އަހަރު ފާހަގަކުރުމަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުވުމެވެ. އަދި ލިސްޓުގައި ރާއްޖެއިން ބޭރުގެ މަޝްހޫރު ފަންނާނުންގެ އަދަދު އަންނަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ. މިހާރުވެސް އައު އަހަރަށް މަރުޙަބާކިޔާ ވަގުތަކީ ރާއްޖޭގެ އެކި ރިސޯޓްތައް ފުލްވެފައިވާ ވަގުތެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން އެންމެ ބޮޑަށް ކުރިއަރާ ދުވަސްވަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެއްވުމަށް ކުރާ އެއް މަސައްކަތުގެ ތެރެއިން އާންމުންގެ އެންމެ ބޮޑު ތަރުޙީބެއް ލިބޭ އެއްކަމަކީ ޓޫރިޒަމް މިނިސްޓްރީން އިސްނަންގަވައިގެން ބާއްވަވާ މޯލްޑިވްސް އެޓް ސަނީ ސައިޑް މިޔުޒިކް ފެސްޓިވަލެވެ. މި ފެސްޓިވަލަކީ މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިމެނޭ ފެސްޓިވަލެކެވެ. ރާއްޖެއާ ރާއްޖެއިން ބޭރުގެ މަޝްހޫރު އަދި ކުޅަދާނަ ފަންނާނުން ބައިވެރިކޮށްގެން ކުރިއަށްގެންދާ މި ފެސްޓިވަލް ސަރުކާރުން ވަނީ ވޭތުވެދިޔަ ތިންއަހަރު ދުވަހުވެސް ބާއްވާފައެވެ.

އެގޮތުން މިއަހަރު ބާއްވާ މި ފެސްޓިވަލްގައިވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަޝްހޫރު ފަންނާނުން ބައިވެރިވެއެވެ. އަދި މި ފެސްޓިވަލްގައި ބައިވެރިވުމަށް އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ އަރްމާން މާލިކްވެސް މިހާރު ވަނީ ރާއްޖެއަށް އައިސްފައެވެ. "ކިންގް އޮފް ރޮމޭންޓިކް ސޯންގްސް"ގެ ގޮތުގައި އާއްމުންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދަމުން އަންނަ އަރްމާން ވަނީ މިހާތަނަށް އިންޑިއާގެ 100 އަށްވުރެ ގިނަ ކޮމާޝަލް ފިލްމަށް ލަވަ ކިޔާދީފައެވެ. އަދި ބޮލީވުޑްގެ 16 ފީޗަރ ފިލްމަކަށްވެސް އޭނާ ލަވަ ކިޔައިދީފައެވެ. މިރޭގެ ޝޯވގައި އޭނާގެ ޚާއްޞަ ހުށައެޅުންތަކެއް ފެންނާނެއެވެ.

މި ޝޯވ ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާއިރު މިހާތަނަށް ބާއްވާފައިވާ ޝޯވތަކަކީވެސް އާންމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ޝޯވތަކެކެވެ.

މި ޝޯވއާއެކު، މިރޭ އިތުރު ބޮޑު އިޙްތިފާލެއްވެސް ރާއްޖޭގައި ބޭއްވޭނެއެވެ. އެއީ، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ނަން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ނަމަށް ބަދަލުކުރެއްވުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތަކީވެސް މަތީފެންވަރުގައި ބާއްވަވާ ރަސްމިއްޔާތެކެވެ. މިރޭގެ ޝޯވވެސް އަދި މިރޭ އެއަރޕޯޓްގެ ނަންބަދަލުކުރެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ.

މިރޭ ބޮޑު ދެރަސްމިއްޔާތެއް ބޭއްވޭއިރު، ރާއްޖޭގެ ރިސޯޓްތައް ވަނީ ފުލްވެފައެވެ. ރިސޯޓްގައި އެކި ރޮނގުތަކުން ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ފަންނާނުންނާއި ތަރިން އެބަތިއްބެވެ. ރިސޯޓްތަކުގައި މިރޭ ބަޑިބޭހުގެ ކުޅިވަރުތައްވެސް ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފައެވެ.