ޓުއަރިޒަމް

ހޮޓެލިއަރ މޯލްޑިވްސްއިން ވެލްނަސް ސަމިޓެއް ބާއްވަނީ


ފަތުރުވެރިކަމުގެ ދާއިރާއާއި ވިޔަފާރީ ތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ނެރޭ މަޖައްލާ ހޮޓެލިއަރ މޯލްޑިވްސްއިން އަންނަ ފެބްރުއަރީމަހު ވެލްނަސް ސަމިޓެއް ބޭއްވުމަށް ނިންމައިފިއެވެ. 

ގުޅުން ބަދަހިކޮށް މަޢުލޫމާތު ހިއްސާ ކުރުމުގެ މަޤްސަދުގައި ބާއްވާ އެއްދުވަހުގެ މި ސަމިޓްގައި، ވެލްނަސް ދާއިރާގެ ތެރެއިން ފާހަގަކޮށްލެވޭ އިސް ބޭފުޅުންނާއި ވެލްނަސްއާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައި ގަންނަވާނެ ކަމަށް ހޮޓެލިއަރ މޯލްޑިވްސްއިން މައުލޫމާތުދެއެވެ. އަދި ހޮޓެލިއަރ މޯލްޑިވްސް ވެލްނަސް ސަމިޓް 2017 ގެ ޙަރަކާތްތަކުގެ ތެރޭގައި ކީނޯޓް ޚިތާބުތަކާއި ޕްރެޒެންޓޭޝަންތަކާއި ޕެނަލް މަޝްވަރާތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.  

ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ މައިދާނުގައި ރާއްޖެ ބްރޭންޑް ކުރެވިފައިވަނީ މަތީ ފަންތީގެ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ނަމަވެސް ފަހަކަށް އައިސް ވެލްނަސް ސިނާއަތަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ލިބެމުންދާ ތަރުޙީބުގެ ސަބަބުން، ވެލްނަސްއަކީ ރާއްޖޭގެ ރިޒޯޓްތަކަށް އާމްދަނީ އިތުރުކުރުމުގައި ބޭނުން ކުރެވިދާނެ ކަމެއްކަމަށް ހޮޓެލިއަރ މޯލްޑިވްސްއިން ބުނެއެވެ. އަދި މިކަމުގެ ސަބަބުން އާ ވިޔަފާރީތަކާއި ވަޒީފާގެ އާ ފުރުސަތުތަކެއް އުފެދިގެން ދާނެކަމަށްވެސް އެ މައްޖާލައިން ބުނެއެވެ.  

ހޮޓެލިއަރ މޯލްޑިވްސް ވެލްނަސް ސަމިޓް 2017 ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުލެ އައިލަންޑް ހޮޓެލްގައެވެ.