ތަރައްްޤީ

އޫރިދޫ އަންޑަރސީ ކޭބަލް ތިނަދޫ ލޭންޑިންގ ސްޓޭޝަނާ ގުޅާލައިފި


އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ދެކުނުން އުތުރަށް އެޅުމަށް ހަމަޖެހިފައިވާ ނޭޝަންވައިޑް އަންޑަރސީ ކޭބަލް ގދ.ތިނަދޫގައި ޤާއިމްކޮށްފައިވާ ލޭންޑިންގ ސްޓޭޝަނާ ގުޅާލައިފިއެވެ.

އުރީދޫ މޯލްޑިވްސްއިން މުޅި ރާއްޖޭގައި އަޅާ ނޭޝަން ވައިޑް ސަބްމެރިން ކޭބަލްގެ މަސައްކަތް މިމަހުގެ 8 ވަނަ ދުވަހު ފަށާ، ސ. ހިތަދޫގައި ވާ ކޭބަލް ލޭންޑިންގް ސްޓޭޝަނާ ވަނީ އެދުވަހު ގުޅާލާފައެވެ. 25 މިލިއަން ޑޮލަރުގެ މި މަޝްރޫޢުއަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށްވެސް އެއްފެންވަރެއްގައި ހައިސްޕީޑް އިންޓަރނެޓްގެ ޚިދުމަތް ދިނުމުގެ މަޤްޞަދުގައި ފެށި ޕްރޮޖެޓެކެވެ. ހުއާވޭގެ އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީގެ ބާރުގައި، ނޭޝަންވައިޑް އަންޑަރސީ ކޭބަލް މެދުވެރިކޮށް އުރީދޫގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަވެ، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަރނެޓް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ލިބިދެވޭނެކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ މި ޕްރޮޖެކްޓްގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް މިއަދުގެ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ މަންފާ ފޯރުކޮށްދިނުމެވެ. މީގެތެރޭގައި ޓެލެމެޑިސިން، ޓެލެވަރކިންގް، އޮންލައިން އެޑިއުކޭޝަން އަދި އީ-ގަވަންމަންޓްގެ ޙިދުމަތްތަށް ހިމެނެއެވެ.

އުރީދޫގެ ނޭޝަން ވައިޑް އަންޑަރސީ ކޭބަލް އެޅުމުގެ ޢަމަލީ މަސައްކަތް ނިމޭނެކަމަށް ބެލެވެނީ އަންނަ ޖެނުއަރީމަހުއެވެ.