ޓުއަރިޒަމް

އޮކްޓޫބަރުމަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން


މީގެ އަހަރުތަކެއް ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުވެރިން އަންނަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ. އަދި ރާއްޖޭގެ ފަތުވެރިކަން ބޮޑަށް އިޝްތިހާރުކުރުމުގައި އިސްކަމެއް ދީފައިވަނީ ޔޫރަޕްގެ ޤައުމުތަކަށެވެ. ނަމަވެސް ރާއްޖޭގެ ފަތުވެރިކަމުގެ ސިނާޢަތަކީ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ސިނާޢަތަކަށް ހައްދަވައި، މިހާރު މި ސިނާޢަތުން ދައުލަތައް ލިބޭ ޢާމްދަނީގެ މިންވަރުވެސް މިވަނީ އިތުރުވެފައެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ފަތުވެރިން ޒިޔާރާތްކުރާ ޤައުމަކީ ޗައިނާގެ ގޮތުގައި މިހާރު މިވަނީ ރިކޯޑް ކުރެވިފައެވެ. 

މިއަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީން ޢާންމުކުރައްވާފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އޮކްޓޫބަރުމަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް އައި ފަތުވެރިންގެ އަދަދަކީ ދުއިސައްތަ އަށްޑިހަ ނުވަހާސް އެއްސަތޭކަ ތޭވީސް ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 10 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ ތިންސަތޭކަ ތޭވީސް ހާސް ހަތަރުސަތޭކަ ތިން ފަތުވެރިންނެވެ. މިއަހަރުގެ ރާއްޖެއަށް އައި ފަތުވެރިންނަށް ބަލާއިރު އަނެއްކާވެސް ޔޫރަޕް މާކެޓްތަކުން އަންނަ ފަތުވެރިންގެ ނިސްބަތް މިވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުވެރިން އައި ގައުމަކީ ޖަރުމަނުވިލާތެވެ. 

ޖަރުމަނުވިލާތުން އޮކްޓޫބަރުގެ ނިޔަލަށް އަށްޑިހަ ހަތްހާސް ހަސަތޭކަ އަށްޑިހަ ހަތަރު ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 2.2 އިންސައްތައިގެ ކުރިއެރުމެއް. މިދިޔައަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ޖަރުމަނުން ރާއްޖެއަށް އައިސްފައިވަނީ އަށްޑިހަ ފަސްހާސް އަށްސަތޭކަ ދިހަ ފަތުރުވެރިންނެވެ. މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ތިންވަނައަށް އެންމެ ގިނައިން ފަތުވެރިން ރާއްޖެއަށް އައިސްފައިވާ ޤައުމަކީ އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާތުން މި މުއްދަތުގައި ރާއްޖެއަށް އައި ފަތުވެރިންގެ އަދަދަކީ އަށްޑިހަ ފަސްހާސް އެއް ސަތޭކަ ނުވަދިހަ ހަތަރެކެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރުގެ މަހުގެ ނިޔަލަށް އައި ފަތުވެރިންގެ ނިސްބަތާއި އަޅާބަލާއިރު 11.7 އިންސައްތައިގެ ކުރިއެރުމެކެވެ. 

މިދިޔައަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ ހަތްދިހަ ހަހާސް ދުއިސައްތަ ސާޅީސް ތިން ފަތުވެރިންނެވެ. ރާއްޖޭގެ ފަތުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ ގުޅިގެން އަންނަނީ ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުވެރިން އައި މަންޒިލްތަކުގައި އެމްއެމްޕީއާރުސީން ވަނީ ގިނަ ޕްރޮމޯޝަނަލް ޙަރަކާތްތަކެއް ހިންގަވާފައެވެ. މީގެ ނަތީއަޖާއަކީ މި ސަރަޙައްދުތަކުން އަންނަ ފަތުވެރިންގެ ނިސްބަތް އިތުރުވުމެވެ.