ޚަބަރު

"ޤައުމާއިގެން ކުރިއަށްދިއުމަށް އައު ޢަޒުމްތަކެއް ކަނޑައަޅަންޖެހޭ"


މިއަދުގެ ޒުވާނުންނާއި، އަންނަން އޮތް ޖީލުތައް، އަޅުގަނޑުމެންގެ ޤައުމީ އަބްޠާލުންގެ ޤުރްބާނީތަކުން ޢިބްރަތް ޙާޞިލުކޮށް، ޤައުމާއިގެން ކުރިއަށްދިއުމުގެ އައު ޢަޒުމްތަކެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ‏ދިވެހިރައްޔިތުންނަށް ފޮނުއްވި ޚިޠާބުގައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވި މެސެޖްގައި، ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި ޤައުމީ ދުވަހުގެ ބަޠަލު، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޒަމް، މާތްވެގެންވާ އިސްލާމްދީނާއި މި ލޮބުވެތި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށްޓަކައި ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާން އާކުރައްވައި، އެ ތަކުރުފާނުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާކުރައްވާފައިވެއެވެ. ހަމައެއާއެކު، މި ޤައުމުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރެއްވި ޤައުމީ އަބްޠާލުންގެ ހަނދާން އާކުރައްވައި، އެ އަބްޠާލުންނަށްވެސް ހެޔޮ ރަޙްމަތްލެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚިޠާބުގައި ވަނީ މިއަދުގެ ޒުވާނުންނާއި، އަންނަން އޮތް ޖީލުތައް، އަޅުގަނޑުމެންގެ ޤައުމީ އަބްޠާލުންގެ ޤުރްބާނީތަކުން ޢިބްރަތް ޙާޞިލުކޮށް، ޤައުމާއިގެން ކުރިއަށްދިއުމުގެ އާ ޢަޒުމްތަކެއް ކަނޑައެޅުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިޤައުމުގެ އެއްބައިވަންތަކަމަށް ލޮޅުންއަރާފަދަ އެއްވެސް ކަމަކަށް ފުރުޞަތު ނުދިނުމަށާއި، އަންނަން އޮތް ޖީލުތަކަށް މި ޤައުމު ވާޞިލުކޮށްދިނުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއް ވުމުގައި ފަސްނުޖެހުމަށް ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޤައުމީ ދުވަހުގެ ޚިޠާބުގައި، އަޅުގަނޑުމެންގެ ޤައުމީ އަބްޠާލުންނަކީ، މި ލޮބުވެތި ޤައުމަށްޓަކައި މަތިވެރި ޤުރްބާނީތަކެއް ވެވަޑައިގެންފައިވާ އަބްޠާލުންތަކެއް ކަމަށް ބަޔާންކުރައްވާފައިވެއެވެ. އެބޭފުޅުންގެ ޖިހާދަކީ، މި ޤައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޖިހާދެއް ކަމަށް ސިފަކުރައްވައި، އެ އަބްޠާލުން ހިތްވަރުފުޅު ގަދަކަމާއެކު، ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ތިއްބެވީ އެބޭފުޅުންގެ ހިތްޕުޅުގައި ޤައުމަށްޓަކައި އުފެދިފައިވާ މަތިވެރި ލޯތްބެއްގެ ސަބަބުން ކަމަށް ވިދާޅުވެފައިވެއެވެ. 

އެހެންކަމުން، މި ލޮބުވެތި ޤައުމަށްޓަކައި ފަޚުރުވެރިވުމާއި، ޤައުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއް ވުމާއި، ޤައުމުދެކެ ލޯބިވުމަކީ، އަޅުގަނޑުމެންގެ ޤައުމީ އަބްޠާލުން ފަދައިން ކޮންމެ ދިވެހި ފަރުދެއްގެ ހިތުގައި ދިރިގެން އަންނަ އެންމެ މަތިވެރި ޝުޢޫރު ކަމުގައި ވާންޖެހޭނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވެފައިވަނީ ޤައުމީ ޝުޢޫރާއި ޤައުމީ ލޯބި އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައި އޮންނަންވާނީ، ޒަމާނެއްގެ ކޮޅުންވެސް އެއަށް ބަދަލެއް ނާންނާނެ މިންވަރަކަށް ކަމަށެވެ.