ހއ. ހޯރަފުށީގައި ހުންނަ ހއ އަތޮޅު މަދަރުސާއަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12އާ ހަމައަށް ތަޢުލީމު ފޯރުކޮށްދެމުންދާ ސުކޫލެކެވެ. މި ސްކޫލުގައި މިވަގުތު 380 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދެއެވެ.
މި ސްކޫލުގެ ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް، ދަރިވަރުންނަށާއި މުވައްޒަފުންނަށް އެކަށީގެންވާ ރައްކާތެރި އަދި ފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް މިހާރުވެސް ސަރުކާރުން އަންނަނީ ކުރިއަށްދަމުންނެވެ.
ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިދާރީ މަސައްކަތްތަކަށް އައު އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ވޭތުވެދިޔަ ދިގު މުއްދަތުގައި އިދާރީ އޮފީހެއް ނެތުމުގެ ސަބަބުން އިދާރީ ވަސީލަތްތައް ބެހެއްޓުމަށާއި އިދާރީ މަސައްކަތްތައް ކުރުމަށް ދަތިތަކާ ކުރިމަތިލާންޖެހުނެވެ. ނަމަވެސް، އިދާރީ ބްލޮކްގެ މަސައްކަތް ނިމުމުން، ސްކޫލުގެ ހިންގުމުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، ދިމާވެފައިވާ އިދާރީ ދަތިތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ.
ދަރިވަރުންގެ ޖިސްމާނީ އަދި އިޖުތިމާޢީ ތަރައްޤީއަށްޓަކައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ޓާފް ދަނޑެއް ހެދުމުގެ މަޝްރޫޢެއްވެސް އެ ސުކޫލުގައި ދަނީ ހިންގަމުންނެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ސްކޫލުގެ ޕީޓީއޭގެ ފަރާތުން ފަންޑު ހޯދައިގެން ފެށި މި މަޝްރޫޢަކީ ބޮޑު ހޭދައެއް ހިނގާ މަސައްކަތަކަށްވާތީ، އެމްޓީސީސީގެ ފަރާތުން މިހާރު ދަނީ ހިލޭސާބަހަށް، ސީއެސްއާރް މަޝްރޫޢެއްގެ ގޮތުން ދަނޑުގެ މަސައްކަތް ކޮށްދެމުންނެވެ. މި މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، މިއީ އެންމެ ތުއްތު ކުދިންނަށްވެސް ރައްކާތެރި މާޙައުލެއްގައި ކުޅެއުޅުމަށާއި، ޕީއީ ގަޑިތައް ކުރިއަށްގެންދިއުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
މީގެއިތުރުން، ސަރުކާރުގެ "ކޫލް ސްކޫލް" ޕްރޮޖެކްޓުގެ ދަށުން ސްކޫލުގެ ވަސީލަތްތައް އޭސީކުރުމުގެ މުހިންމު މަސައްކަތްތަކެއްވެސް ދަނީ ކުރަމުންނެވެ. އެގޮތުން ހުރިހާ ކްލާސްރޫމްތަކަކާއި ހޯލުގައި އޭސީ ހަރުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި މަލްޓިޕާރޕޯސް ހޯލަށް ކަރަންޓު ގުޅައި ނިމިފައިވާއިރު، މިތަނުގެ އޭސީތަކަށް ބޭނުންވާ ކަރަންޓު ގުޅުމުގެ މަސައްކަތްވެސް މިމަހުގެ ތެރޭގައި ފެށިގެންދާނެއެވެ.
މި ސުކޫލުގައި މިހާރު ކުރިއަށްދާ އިދާރީ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ ކުރިން ހުރި އެއްބުރީގެ އިދާރީ އިމާރާތް ތަޅާލުމަށްފަހު އެ ބިމުގައެވެ. އެހެންކަމުން، މިވަގުތު އޮފީހާއި އެހެނިހެން އިދާރީ ވަސީލަތްތައް ވަގުތީގޮތުން ބަދަލުކޮށްފައިވަނީ ބައެއް ކްލާސްރޫމްތަކަށާއި ކުރިން ބޭނުންކުރި މީޓިންގ ރޫމަށެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހއ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ޙުސައިން ނައީމް އަހުމަދު ވިދާޅުވީ، މި ވަގުތީ އިންތިޒާމުތަކާއެކު އިދާރީ މަސައްކަތްތައް ކުރިއަށްދިޔަކަމުގައި ވީނަމަވެސް، މިހާރު ކުރިއަށްދާ މަޝްރޫޢުތައް ނިމުމުން ހއ އަތޮޅު މަދަރުސާއަށް ތަޢުލީމީ އަދި އިދާރީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
"މި ސްކޫލުގެ އިދާރީ އަދި އެކަޑަމިކް ބައެއް މަސައްކަތްތައް ކުރުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް އަންނާނެ އިދާރީ އިމާރާތް ނިމިގެންދާ ހިސާބުން. އަދި އޭގެ އިތުރުން މި ޤާއިމްކުރެވޭ ޓާފް ދަނޑު ނިމުމުން ދަރިވަރުންނަށް ރައްކާތެރި މާޙައުލެއް އެންމެ ތުއްތުކުދިންނަށްވެސް، އެ ކުދިންގެ ޕީއީ ގަޑިތައް ނެގުމާ މިކަހަލަ ކަންތައްތަކަށް ވަރަށްބޮޑު ފަސޭހަތަކެއް ވެގެންދާނެ. އަދި ޚާއްޞަކޮށް ކްލާސްރޫމްތައް އޭސީ ކުރެވިގެންދާ ހިސާބުން ދަރިވަރުންނަށް ވަރަށް ހިއްފަސޭހަ މާޙައުލެއްގައި ކިޔުމުގެ ފުރުޞަތުވެސް ލިބިގެންދާނެ." ހއ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ޙުސައިން ނައީމް އަހުމަދު ވިދާޅުވިއެވެ.
މިފަދަ ތަރައްޤީގެ މަޝްރޫޢުތަކާއެކު ހއ އަތޮޅު މަދަރުސާ ވެގެންދަނީ އެ ރަށުގެ ތަޢުލީމީ މުސްތަޤުބަލަށް އުންމީދީ އައު އަލިކަމެއް ގެނެސްދޭ މަރުކަޒަކަށެވެ. ޒަމާނީ ވަސީލަތްތަކާއި، ފަހި މާޙައުލެއް ޤާއިމުކުރުމަށް ކުރެވެމުންދާ މި މަސައްކަތްތަކުގެ ސަބަބުން ކިޔަވައިދިނުމުގެ ފެންވަރު މަތިވެ، ދަރިވަރުންނަށާއި މުވައްޒަފުންނަށް ލިބިގެންދާނެ ކުރިއެރުންތައް ވަރަށް ބޮޑެވެ. މިފަދަ މަޝްރޫޢުތަކަކީ މުޅި މުޖުތަމަޢުގެ ކުރިއެރުމަށް ލިބޭނެ އިތުރު ބާރަކަށް ވެގެންދާނެއެވެ.