"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ހެލްތު އެންޑް ފެމެލީގެ މިއަހަރުގެ އެކްސްޕޯ ފަށައިފިއެވެ.
ސިއްހަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި އެކްސްޕޯ އިފްތިތާޙު ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. އެކްސްޕޯ އިފްތިތާޙު ކުރުމުގެ އިތުރަށް އެމަނިކުފާނު ވަނީ، ސިއްހީ ދާއިރާގެ 156 މަސައްކަތްތަކާ ގުޅޭ ފޮތެއްވެސް ނެރެދެއްވާފައެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ އެކްސްޕޯގެ ސްޓޯލްތައް ބައްލަވާލައްވާފައެވެ.
ހެލްތު އެންޑް ފެމެލީ އެކްސްޕޯ ކުރިއަށްދާނީ، މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއީ، މި އެކްސްޕޯ ބާއްވާ 3 ވަނަ ފަހަރެވެ. ފާއިތުވެދިޔަ ދެ އަހަރުވެސް މި އެކްސްޕޯއަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކާއި، ކްލިނިކުތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލަކާއެކު 60 އަށްވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ.
މި އެކްސްޕޯގައި ޞިއްޙީ އިޖުތިމާއި އަދި ދުޅަހެޔޮ އުފާވެރި އާދަތަކަށް އާއްމުން ހޭލުންތެރި ކުރުމާއި، ދެޖިންސުގެ ހަމަހަމަކަމާއި، ނާޒުކު ހާލަތްތަކުގައި އުޅޭ އެންމެހާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި ޤައުމީ، އިޖުތިމާޢީ، ޞިއްޙީ އިންޝުއަރަންސް ސްކީމުތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރި ކުރުވާނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވިއެވެ.
މިދާއިރާއާ ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ހެލްތު ފެސިލިޓީސްތަކުން ދެމުންދާ ޚިދުމަތްތައް އެއްތާކުން އެންމެންނަށް ފޯރުކޮށްދީ، އެ ވުޒާރާއާ ގުޅޭ ޝަކުވާތައް ބަލައިގަނެ ޖަވާބުދާރީވުމުގެ އިތުރުން އާއިލާއާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަ ކޮށްލެވޭނެ ގޮތަށް މި އެކްސްޕޯގެ ހަރަކާތްތައް ރާވާފައިވެއެވެ.
މިގޮތުން ކުޑަކުދިންނަށް ބާއްވާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންގެ ހެލްތު ޗެކަޕްއާއި، މިންހެޔޮ ކާނާއާއި ގުޅޭ މައުލޫމާތު، ހެދިބޮޑުވުމާއި ގުޅޭ މައުލޫމާތު، ވެކްސިން އަދި އެހެނިހެން ޞިއްޙީ މައުލޫމާތާއި ތަފާތު މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. އަދި ބިދޭސިންނަށް ޚާއްސަކޮށް ޞިއްހަތާއި ގުޅޭ މުހިއްމު މައުލޫމާތާއި، ހެލްތު ސްކްރީނިންގއާއި، ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކާއި، ނަފްސަނީ ދުޅަހެޔޮ ކަމާގުޅޭ މައުލޫމާތުތަކުގެ އިތުރުން ކާބޯތަކެތި ހިމެނޭ ސްޓޯލްތަކާއިއެކު ކެއުން ބުއިމުގެ އާދަތަކާއި ގުޅޭ މައުލޫމާތުވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ އެކްސްޕޯގައިވެސް މިއުޒިކް ޝޯތަކާއި، ބިރުވެރިހޮހޮޅަ އަދި މިނޫންވެސް މުނިފޫހިފިލުވުމުގެ އެކި ހަރަކަތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.