ޚަބަރު

ނެއްލައިދޫ ސިއްހީ މަރުކަޒުގެ އާއިމާރާތާއެކު އިތުރު ޚިދުމަތްތައް ލިބޭނެ


  • މިހާރު ޚިދުމަތް ދެނީ 16 ގަޑިއިރަށް

  • އެރަށުގައި ތަރައްޤީކުރަނީ 3 ފަންގިފިލާގެ އިމާރާތެއް

އަތޮޅުތަކުގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ބޭސްފަރުވާއަށް މާލެއަށް ނުވަތަ ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަމަށްޓަކައި ގިނަ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ އައު އިމާރާތް ތަރައްޤީކުރުމާއި އަޕްގްރޭޑްކުރުމުގެ އެކި މަސައްކަތް އެކި މަރުޙަލާގައި އަންނަނީ ކުރަމުންނެވެ. މީގެ ތެރެއިން ހދ. އަތޮޅުގެ އެކި ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްތަކާއި އައު އިމާރާތްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ހިމަނައިގެން ހދ.ނެއްލައިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ނެއްލައިދޫ ސިއްހީ މަރުކަޒުން މިހާރު ޚިދުމަތް ދެމުން އަންނަނީ 16 ގަޑިއިރަށެވެ. 16 ގަޑިއިރުތެރޭ ބަލި މީހުންނަށް ޚިދުމަތް ދިނުމަށް ހަރަކާތްތެރިވަނީ އެންމެ ޑޮކްޓަރަކާއި 6 ނަރުހުންނެވެ. އަދި ބަލި މީހުން އެޑްމިޓްކޮށްގެން ފަރުވާދިނުމަށް މިވަގުތު އެ މަރުކަޒުގައި ހުރީ 6 އެނދެވެ. ސިއްހީ މަރުކަޒުން ޑޮކްޓަރަށް ދައްކާލުން ފިޔަވައި މާބޮޑު އިތުރު ޚިދުމަތްތަކެއް މިވަގުތު ލިބެން ނެތުމަކީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ޚާއްސަކޮށް ރަށުގައި ތިބެގެން ލެބޯޓަރީގެ ޚިދުމަތް ނުލިބުމަކީ އޮތް ބޮޑު ކަންބޮޑުވުމެކެވެ. މި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުމުގެ ގޮތުން ނެއްލައިދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިހާރު ޚިދުމަތް ދޭ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު އައު އިމާރާތުގައިވެސް އެ ޚިދުމަތް ޤާއިމްކުރާނެއެވެ.

ޕީއެސްއެެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ނެއްލައިދޫ ސިއްހީ މަރުކަޒުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަބްދުﷲ ފިކުރީ ވިދާޅުވީ އެ ސިއްހީ މަރުކަޒުން މިވަގުތު 16 ގަޑިއިރަަށް ޚިދުމަތް ދޭ އިރު ދިމާވާ އެންމެ ބޮޑު ތަކުލީފަކީ އެންމެ ޑޮކްޓަރެއް ހުރުންކަމަށެވެ. ނަމަވެސް އައު މަރުކަޒާއެކު 24 ގަޑިއިރަށް ޚިދުމަތް ފުޅާވެ އިތުރު ޑޮކްޓަރުން ލިބުމަކީވެސް އުންމީދެއްކަމަށް ވިދާޅުވިއެވެ.

" 2 ޑޮކްޓަރުން ބޭނުންވޭ މިހާރުވެސް. އައު އިމާރާތް ނިމޭއިރު މިހާރު އޮތް ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ. ލެބޯޓަރީ ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު އައު އިމާރާތުގައި ޖާގަ އިތުރުކުރެވި، އޮފީސް އިތުރުވެ ބޮޑެތި ބަދަލުތަކެއް އަންނާނެ. ރައްޔިތުންނަށް މިހާރު ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާވެގެންދާނެ. "ނެއްލައިދޫ ސިއްހީ މަރުކަޒުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަބްދުﷲ ފިކުރީ ވިދާޅުވިއެވެ.

ފިކުރީ ވިދާޅުވީ އުންމީދު ކުރަނީ އަންނަ އަހަރު ތެރޭގައި އައު އިމާރާތުގެ މަސައްކަތް ނިންމާ ރައްޔިތުންނަށް ޚިދުމަތް ލިބެން ފެށޭނެކަމަށެވެ. އަދި މިވަގުތުވެސް އިމާރާތުގެ މަސައްކަތްތައް ކުރިއަށްދާކަމަށާއި އެ މަސައްކަތަށް ބޭނުންވާ ސާމާނުވެސް ރަށަށް ގެނެސްފައިވާކަމަށް ވިދާޅުވިއެވެ.

ނެއްލައިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ މަސައްކަތުގެ ބިންގާ މިދިޔަ އަހަރު އެޅިިއިރު މި މަސައްކަތަށް 11 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. ނެއްލައިދޫގައި ތަރައްޤީކުރަނީ 3 ފަންގިފިލާގެ އިމާރާތެކެވެ. މިއިމާރާތުގައި 10 އެނދުގެ ވޯޑަކާއި، ލެބޯޓަރީއާއި، ޕަބްލިކް ހެލްތު ޔުނިޓާއި، އެހެނިހެން މުހިއްމު ޚިދުމަތްތައް ޤާއިމުކުރާނެއެވެ.