ހދ. ހަނިމާދޫ އަކީ 5000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ކަމަކީ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ލުއިފަސޭހަކަމާއެކު އެ ޚިދުމަތްތައް ލިބުމެވެ. ރަށުގެ އާބާދީއަށް އަންނަ ބަދަލުތަކާއެކު، ދުވަހުން ދުވަހަށް ސިއްހީ މަރުކަޒަށް ބޭނުންވާ މިންވަރު އިތުރުވަމުން އަންނައިރު، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޖާގައިގެ ދަތިކަމާއި ޚާއްސަ ޑޮކްޓަރުންނާއި އިތުރު ވަސީލަތްތައް މަދުވުމެވެ.
މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ސަރުކާރުން އަންނަނީ މުހިންމު އަދި އުންމީދީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެރަށުގެ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް އެކްސްޓެންޝަން އިމާރާތެއް އެޅުމުގެ މަސައްކަތް ހަލުވި ދުވެލީގައި އަންނަނީ ކުރަމުންނެވެ. އަދި 30 އެނދުގެ ހޮސްޕިޓަލެއް ހަނިމާދޫގައި އެޅުމަށްވެސް ސަރުކާރުން ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ. އެރަށުގައި އަލަށް ގާއިމުކުރާ މިއިމާރާތުގައި ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ ކޮންސަލްޓޭޝަން ރޫމާއި އެކްސްރޭ ރޫމެއް ހުންނާނެއެވެ.
ލެވެލް ހަތަރެއްގެ ސިއްހީ މަރުކަޒެއްގެ ގޮތުގައި ޚިދުމަތް ދެމުން އަންނަ ހަނިމާދޫ ސިއްހީ މަރުކަޒުގައި، މެޑިކަލް 2 އޮފިސަރުން ކުރިން ތިއްބެވި ނަމަވެސް، ރައްޔިތުންގެ ބޭނުންތަކަށް ރިއާޔަތްކޮށް މިހާރު ޕީޑިއެޓްރިޝަނަކާއި، ގައިނޮކޮލޮޖިސްޓެއްގެ އިތުރުން ފިޒީޝަނެއްގެ ޚިދުމަތް ލިބެމުންދާކަން ފާހަގަކުރެވެއެވެ. މިއީ މިހާތަނަށް ރައްޔިތުން އެންމެ ބޮޑަށް އެދިއެދި ތިބި ޚިދުމަތްތަކެކެވެ. މީގެއިތުރުން، އަލްޓްރާސައުންޑް ސްކޭންގެ ޚިދުމަތް ވެސް މިހާރު ފަށާފައިވާއިރު، ކުރިއަށް އޮތްތަނުގައި ޑަޔަލިސިސްގެ ޚިދުމަތް ވެސް މި މަރުކަޒުން ފެށޭނެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހަނިމާދޫ ސިއްހީ މަރުކަޒުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެހުންނެވި ސީނިއާ ޕޮލިޓިކަލް އެޑްމިނިސްޓްރޭޓަރ އަހުމަދު ޝަމީމް ވިދާޅުވީ، ސިއްހީ ޚިދުމަތަކީ މިވަގުތު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ޚިދުމަތްކަމަށެވެ. މި ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކޮށްދެއްވާ މަސައްކަތްތައް ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.
"ހަނިމާދޫއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ޚިދުމަތަކީ ސިއްހީ ޚިދުމަތް އިތުރަށް ރަނގަޅުކުރުން. އެއީ ރައްޔިތުން އެންމެބޮޑަށް ބޭނުންވާ ޚިދުމަތް. މިސަރުކާރުން މިހާރު ހާސްކަންތައްތައް ކޮށްދެއްވާ. ދެން ކުރިއަށްއޮތް ތަނުގައިވެސް އެކަންތައްތައް ފުރިހަމަވެގެންދާނެކަމަށް އަޅުގަނޑު ގަބޫލުކުރަން." ސީނިއާ ޕޮލިޓިކަލް އެޑްމިނިސްޓްރޭޓަރ އަހުމަދު ޝަމީމް ވިދާޅުވިއެވެ.
ޝަމީމް އިތުރަށް ވިދާޅުވީ ހަނިމާދޫ ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަމަކީ މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ނަމަވެސް، މިހާރު ކުރިއަށްދާ އެކްޓެންޝަން އިމާރާތުގެ ސަބަބުން މި މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އިތުރު ޚިދުމަތްތަކާއެކު އެމަޖެންސީ ނުވަތަ އީއާރުގެ ޚިދުމަތް ފުޅާކުރުމަށް އޮތް ޖާގައިގެ ދަތިކަން ހައްލުކުރެވޭނެކަމަށެވެ. ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ހޯދުމުގައި ބައެއް ދަތިތަކާ ކުރިމަތިވި ނަމަވެސް، ސްޓޭޓް ފާމާ މެދުވެރިކޮށް އެކަންކަން މިހާރު މަޑުމަޑުން ހައްލުވަމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި މެޑިކަލް ސަޕްލައިގެ ކަންކަން ވަރަށް ފުރިހަމައަށް ކުރިއަށްދާނެ ކަމަށެވެ.
ހަނިމާދޫއެކޭ އެއްްފަދައިން ރާއްޖޭގެ އެކި ރަށްރަށުގައި ސިއްހީ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ގިނަ މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ. މިއީ ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބޭ ނުހަނު ބޮޑު ކުރިއެރުމެކެވެ. ރަށްރަށުގެ ސިއްހީ ޚިދުމަތްތައް ފުޅާވެ، ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ސްކޭން އަދި ކުރިއަށް އޮތްތަނުގައި ޑަޔަލިސިސް ފަދަ ޚިދުމަތްތައް ލިބެން ފެށުމާއެކު، އެ ޚިދުމަތްތައް ހޯދުމަށް ރަށުން ބޭރަށް ނުވަތަ އެހެން ރަށްރަށަށް ދާންޖެހުމުން ރައްޔިތުންނަށް އުފުލަންޖެހޭ ބޮޑެތި ތަކުލީފުތަކާއި މާލީ ދަތިތަކުން ސަލާމަތްވާނެއެވެ.