ޤައުމީ އުފެއްދުންތެރިކަން އިތުރުކޮށް އިގުތިސާދީ ދުވެލި ހަލުވިކޮށްދޭން އޮތް އާބާދީއަކީ ހަކަތަ ހުރި ބަޔަކަށް ހެދުމަށް ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
ގައިންގަޔަށް ނާރާ ބަލިތައް ޖެހޭ މީހުންގެ އަދަދު ގިނަވުމާއި، ކަންނެތްކަމާއި، ހާސްވުމާއި، ކަންބޮޑުވުމާއި މާޔޫސްވުން ފަދަ ނަފްސާނީ ބަލިމަޑުކަމާއި، ދިރިއުޅުމުގައި މާބޮޑު މިސްރާބެއްނެތި ހަވާސާވެގެންދާ އާބާދީއަކީ ދައުލަތަށް ބަރޯސާވާ އާބާދީއަކަށްވުމުގެ ކުރިން އަނބުރާ ހަކަތަ ހުރި އުފެއްދުންތެރި ބަޔަކަށް ހެދުން މުހިންމެވެ. މި ސަބަބަށްޓަކައި ސަރުކާރުން ކޮށައިދޭ މަގަކީ އިޖުތިމާއީ ހަރަކާތްތަކާއި ކަސްރަތާއި ހެލިފެލިވެ އުޅުމަށް ހުރި ފުރުސަތުތަކެވެ.
މި ކަންކަމަށް ދުރާލާ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ފާހަގަކުރެވި، އެކަމަށް އަހަންމިއްޔަތުކަމެއް ދެއްވާކަން ރަށްރަށުގައި ހިންގާ އެކިއެކި މަޝްރޫޢުތަކުން ހާމަވެގެންދެއެވެ. އެގޮތުން ކޮންމެ ރަށެއްގައި ބިނާކުރަމުންދާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް 21.9 ބިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވަނީ މި ސަބަބަށްޓަކައެވެ.
ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމާއި، ސިއްހަތަށް ގެއްލުންދޭ އާދަތަކާއި ދުރުހެލިވުމަށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމާއި، އެނާޖީ ޑްރިކްސް ބޭނުންކުރުން ހުއްޓުވުމަށް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ސިއްހީ ބޮޑެތި ބަލިތަކަށް ހުށަހެޅޭ ވޭޕާއި، ސިނގިރޭޓާއި، ބަނގުރާ ފަދަ ތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ހިލޭ ސެޝަން ކުލިނިކުތަކުން ފަރުވާ ހޯދޭނެ ނިޒާމާއި، ކައުންސިލިންގެ ނިޒާމުވެސް ވަނީ ގާއިމުކޮށްދީފައެވެ.
ކުރިޔަށް މިއޮތް 2027 ވަނަ އަހަރާއި ހަމައަށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނެސް ސެންޓަރުތަކާއި، އައުޓްޑޯ ޖިމްތައް ގާއިމުކުރައްވަނީ އެ މަގުސަދުގައި ކަމަށް ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮ ކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިއު ވިދާޅުވެފައިވެއެވެ. މިތަންތަން ނިމުމުން ހުރިހާ ގޮތަކުން ބަލާއިރުވެސް ފުރިހަމަ ސިއްހަތެއްގައި ތިބުމަށް ވަރަށް ބޮޑަށް ބާރު އެޅޭނެ ކަމަށާއި، ހުރިހާ ރައްޔިތުންނަށް މި ތަންތަނުގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ ކަމަށް ވިދާޅުވިއެވެ.
އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވެފައިވަނީ ސަރުކާރުން މިކަންކަން ކުރައްވަނީ ދުޅަހެޔޮ ސިއްހަތެއްގައި ދިވެހިން ބޭތިއްބުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަކަށްވާތީ ކަމަށާއި، އޭގެ ސަބަބުން ވަރަށް ގިނަ ކަންކަން ފަހިވެގެންދާނެ ކަމަށެވެ.
ގައިން ގަޔަށް ނާރާ ބަލިތަކުން ވީހާވެސް ބޮޑަށް ސަލާމަތްވެ ތިބުމާއި، ނަފްސާނީ ދުޅަހެޔޮކަންވެސް އޭގެ ސަބަބުން ކަށަވަރުވާނެކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މީގެ ސަބަބުން ސްޓްރެސްއާއި ގުޅިގެން ކުރިމަތިވާ އެކި ބަލިތަކުން ސަލާމަތްވާ ކަމަށާއި، ފިޓްކޮށް ތިބުމަކީ އިގުތިސާދަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
"އުފެއްދުންތެރިކަމަށް އޭގެ ސަބަބުން ވަރަށް ބޮޑަށް ކުރިއެރުން ލިބޭ. އޭގެ ސަބަބުން އަޅުގަނޑުމެންގެ އިކޮނޮމީއަށް ޕޮޒިޓިވް އިމްޕެކްޓެއް އެބައާދޭ. މުޅި މުޖުތަމައަށް މިކަމުގެ އަސަރު ޕޮޒިޓިވްލީ ވަރަށް ބޮޑަށް ކޮށްގެން އެބަދޭ މި މަރުކަޒުތަކާ ހެދި. އެހެންވީމަ މިއީ ވަރަށް މާތް މަގުސަދެއްގައި ވަރަށް މުހިންމު ބޭނުމެއްގައި ކުދިބޮޑު އެންމެނަށް ބޭނުން ކުރެވޭނެ ގޮތަށް ފަރުމާކުރެވިގެން ކުރާ ކަމެއް." ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދޮށީ އުމުރުގެ މީހުން އެހެން މީހަކަށް ބަރޯސާނުވެ ހެލިފެލިވެ އުޅެވޭ އަދި ނަފްސާނީ ގޮތުންވެސް ދުޅަހެޔޮ އާބާދީއަކަށް ރާއްޖެ ބޭނުން ޖެހިފައިވާ މިންވަރު އެކިއެކި އިދާރާތަކުގެ ތަފާސްހިސާބުތައް ހެކިދެއެވެ. ދުރާލާ ފިޔަވަޅުތައް އެޅިއްޖެނަމަ ދޮށީ އުމުރުގެ މީހުން ބަލަހައްޓާ ސެންޓަރުތަކާއި، ބޮޑެތި ބަލި ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ސޯޝަލް ވެލްފެއާގެ ބަޖެޓުން ދައުލަތުން ކުރާ ބޮޑު ހޭދައިން އެތަށް ގުނައެއް ކުޑަކުރެވޭނެއެވެ. މިގޮތުން ސަލާމަތް ކުރެވޭ ފައިސާއަކީ، ގައުމަށް ބޭނުން ޖެހިފައިވާ މުހިންމު ހިދުމަތްތަކާއި ވަސީލަތްތައް ޤާއިމުކުރަށް ބޭނުން ކުރެވިދާނެ ފައިސާއެވެ.
އެހެންކަމުން އަންނަ އަހަރުގެ ބަޖެޓަށް ނަޒަރު ހިންގާލާއިރު ފެންނަމުންދަނީ އުފާވެރި މަންޒަރެކެވެ. ކޮންމެ ރަށެއްގައި އެ ރަށެއްގެ ރައްޔިތުންނަށް ބޭނުން ކުރެވޭނެ ޖިމްތަކާއި، ފިޓްނެސް ސެންޓަރުތައް އެޅިގެންދާއިރު، ދޮށީ އުމުރުގެ މީހުންނަށް ބޭނުންވާ ނާދީތައްވެސް އަންނަނީި އަޅަމުންނެވެ. ނަފްސާނީ ބަލިމަޑުކަމުން ދުރުހެލިވެ، މުޖުތަމައަށް ބޭނުންތެރި ހިދުމަތެއްގައި ނުވަތަ ވިޔަފާރިއާއި އިޖުތިމާއީ މަސައްކަތްތަކުގައި އެމީހުންގެ ދުވަސްވީ ތަޖުރިބާގެ ބޭނުން ހިފިދާނެ އެތައް ދޮރެއް އަންނަނީ ހުޅުވެމުންނެވެ.
މަލްޓި ސްޕޯޓްސް އިންޑޯ ކޮމްޕްލެކްސްތަކާއި، އައުޓްޑޯ ޖިމްތަކާއި، އިސްރަށްވެހިންގެ ނާދީތަކަށް މުހިންމު އިސްކަމެއް ދެއްވާ އެންމެ ބޮޑު އެއް ސަބަބަކީ، ދުނިޔޭގެ ތަހުޒީބު މުޖުތަމައުތަކުން ފެންނަ ދުވަސްވީ އާބާދީގެ ހަކަތައާއި އެއްވަރުގެ ހަކަތައެއް މި ގައުމަށްވެސް މުހިންމުވާތީއެވެ. ބަލިދާންތައް ދޫކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެ އަލުން ހިނގައިގަނެވޭނެ މަގެއް ހޯދެން އޮތީ، އަދުގެ ޒުވާނުންނަށެވެ.
ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެނެސް ކަސްރަތާއި ހަށިހެޔޮކަމާއި، ނިދި މެނޭޖުކުރުމުގައި އިހަށްވުރެ ރަނގަޅު ގޮތެއް ހޯދެން އޮތްއިރު މުސްކުޅި އުމުރަށް ދިއުމުގެ ކުރިން އުފާވެރި މުސްތަގުބަލަކަށް މަސައްކަތް ކުރެވެން އޮތް ހުރިހާ މަގެއް ސަރުކާރުން އަންނަނީ ފަހިކޮށްދެމުންނެވެ. ފަރުވާ ކުރުމަށްވުރެ ރަނގަޅީ ރައްކާވެތިބުމެވެ. ވީމާ އެ ވަސީލަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުން މުހިންމެވެ. އަދި ސަރުކާރުން ދާދިފަހުން ފެއްޓެވި "ހަށިހެޔޮ ރާއްޖެ" ކަސްރަތު ޕްރޮގްރާމުގެ ބޭނުން ހިފުމާއި، ހަފުތާއަކު މަދުވެގެން ތިން ދުވަހު ކަސްރަތުކޮށް ހެލިފެލިވެ އުޅުމާއި، ސިއްހީގޮތުން ރައްކާތެރި އާދަތަކަށް މުޅި މުޖުތަމައު ހޭނުވުން މުހިންމެވެ.