ރ.ކިނޮޅަހަކީ 600 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. އެރަށުގައި ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތުގެތެރެއިން އެއް މަސައްކަތަކީ ރަށުގެ ސިއްހީ މަރުކަޒަށް ޖާގަ އިތުރުކުރުމުގެ މަސައްކަތެވެ.
ކިނޮޅަހު ސިއްހީ މަރުކަޒަކީ، މިހާރު 8 ގަޑިއިރަށް ޚިދުމަތްދޭ މަދު ސިއްހީ މަރުކަޒުގެތެރެއިން މަރުކަޒެކެވެ. ކިނޮޅަހު ސިއްހީ މަރުކަޒުން މިހާރު ޚިދުމަތް ދެނީ ހެނދުނު 8އިން ހަވީރު 4އާ ހަމައަށެވެ.
އަދި ޚިދުމަތް ދިނުމުގައި މަސައްކަތްކުރަނީ 1ޑޮކްޓަރެވެ. 12ވަރަކަށް މުވައްޒަފުން މުޅި ސިއްހީ މަރުކަޒުގައި މަސައްކަތް ކުރެއެވެ.
ކިނޮޅަހުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މިއާއެކު އެޑްމިޓްކޮށްގެން ފަރުވާދޭ އެނދުގެ އަދަދުވެސް އިތުރުވާނެއެވެ.
ކިނޮޅަހު ކައުންސިލްގެ ރައީސް އަޙުމަދު ޙުސައިން ވިދާޅުވީ، 8 ގަޑިއިރު ޚިދުމަތްދޭ ސިއްޙީ މަރުކަޒަކަށްވުމާއެކު، މުވައްޒަފުންނަށްވެސް އޭގެ ދަތިތައްހުރިކަމަށެވެ.
އޭނާ ވިދާޅުވީ އަލަށް ހަދާ އިމާރާތާއެކު، ޚިދުމަތުގެ ވަގުތު އިތުރުކުރެވި، ޚިދުމަތް ދޭން ތިބޭ މުވައްޒަފުންގެ އަދަދު އިތުރުކުރެވުމަކީ ލިބޭނެ ބޮޑު ލުޔަކަށްވާނެކަމަށެވެ.
"10ވަރަކަށް އަހަރުވަނީ މިކަމަށް ބޭނުންވެގެން ތިބޭތާ. މިއާއެކު ލެބޯޓްރީއާއި ޕަބްލިކް ހެލްތު ޔުނިޓެއްވެސް މިއާއެކު އަންނާނެ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކިނޮޅަހުގެ ސިއްހީ މަރުކަޒުގައި މިވަގުތު ޚިދުމަތް ދެނީ 1 ޑޮކްޓަރެކެވެ.
އެރަށުގައި ކުރިއަށް އޮތް ދެމަހެއްހާ ދުވަސްތެރޭ ލެބޯޓްރީގެ ޚިދުމަތް ފެށުމަށް މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.