މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
2027 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ވަޒީރުވަނީ، އިޖްތިމާޢީ ގޮތުން ދިމާވެފައިވާ މައްސަލަތަކާއި، އިޖްތިމާޢީ ރައްކާތެރިކަމަށް ކުރަން ރާވާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ވަޒީރު ޒަރީރު ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުތަކުގެ ތެރެއިން، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުން ސަލާމަތްކުރުމަށް ޚާއްޞަ އިސްކަމެއް މި ބަޖެޓުގައި ދީފައިވާނެކަމަށެވެ. މިހާރު ހުރި ރިހެބިލިޓޭޝަން ސެންޓަރުތަކުގެ އިތުރުން، ރާއްޖޭގެ އިތުރު ތިން ސަރަޙައްދެއްގައި ޒަމާނީ ފެންވަރުގެ ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ.
"މީގެ ސަބަބުން، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ޒުވާނުން އަލުން އަނބުރާ ތަޢުލީމާއި، ވަޒީފާ އަދި ޢާއިލީ ދިރިއުޅުމުގެ ތެރެއަށް ގެނައުމަށް، މި ސެންޓަރުތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ." މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވިއެވެ.
އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އަންނަ އަހަރު ކުރަން ރާވާފައިވާ މުހިންމު އެހެނިހެން ކަންކަމަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ބަޖެޓުން ފަހިކޮށްދޭކަމަށެވެ. ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އެފަދަ ފަރާތްތަކަށް ބޭނުންވާ ވަޒީފާ އުފައްދާނެކަމަށާ، މިއީ އެ ފަރާތްތަކަށް އިޖުތިމާޢީ ގޮތުން ބާރުވެރިކަން ލިބި، އިގްތިސާދީ ގޮތުން އަމިއްލަފުދުންތެރިކަން ހޯދުމަށް ލިބިގެންދާނެ ފުރުސަތެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، އަންނަ އަހަރުގެ ބަޖެޓާއެކު ޖެންޑަރ އީކުއަލިޓީ އެންޑް ސޯޝަލް އިންކްލޫޝަން، ނުވަތަ "ޖެސީ" ބަޖެޓު ތަރުތީބުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މުޖުތަމައުގައި ހަމަހަމަކަން ގާއިމުކޮށް، ސިޔާސަތުތައް ތަންފީޒުކުރުމުގައި ޖެންޑަރ އީކުއަލިޓީއަށް ދެވޭ އިސްކަން އިތުރުކޮށް، އެކަން މޮނިޓަރކުރުމުގެ ބޭނުމުގައި، މިންތިތަކަށް ކުރާ ޚަރަދު ދެނެގަނެވޭނެ ގޮތަށް އެކުލަވާލާ ބަޖެޓެކެވެ.
އިޖުތިމާޢީ ރައްކާތެރިކަން ޤާއިމްކޮށް، ނުުޅުދުންތެރިކަން ހުންނަ ފަރާތްތަކާއި، ހަވާސާވެފައިވާ ފަރާތްތަކަށް ފުޅާ ފުރުސަތުތަކެއް ހޯދައިދެއްވުމަށް ސަރުކާރުން އިސްކަންދެއްވައެވެ.