ވިޔަފާރި

5 ރުފިޔާގެ ފައިސާ ފޮތީގެ ބަދަލުގައި 5 ރުފިޔާގެ ޕޮލިމަރ ނޫޓެއް


ކުރިން ނެރުއްވުމަށް ނިންމާފައިވާ 5 ރުފިޔާގެ ފައިސާ ފޮތީގެ ބަދަލުގައި ރަންދިހަ ފަހެއް ސީރީޒްގެ ނޫޓެއްގެ ގޮތުގައި 5 ރުފިޔާގެ ނޫޓް ނެރުއްވުމަށް ނިންމަވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ހާމަކުރައްވައިފިއެވެ.

އެމްއެމްއޭގެ ގަވަރނަރ ޑރ. ޢަޒީމާ އާދަމް ވިދާޅުވީ މިހާރު ބޭނުން ކުރަމުން އަންނަ 5 ރުފިޔާގެ ނޫޓުގެ ބަދަލުގައި ފައިސާ ފޮއްޗެއް ނެރުމަށް ނިންމި ނަމަވެސް އެ ނިންމުން ބަދަލުކުރެއްވީ ގިނަ ފަރާތްތަކެއްގެ ޝަކުވާ އެމް.އެމް.އޭއަށް ލިބެމުން ދިއުމުން ކަމަށެވެ. އަދި 5 ރުފިޔާ ފައިސާ ފޮއްޗަކަށް ބަދަލުކޮށްފިނަމަ ވިޔަފާރިކުރުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ގިނަ ފަރާތްތަކަކުން އެމް.އެމް.އޭއަށް ހުށައަޅަމުން ދިޔަ ކަމަށް ވެސް ޑރ. ޢަޒީމާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޑރ. ޢަޒީމާ ވިދާޅުވީ ރަންދިހަ ފަހެއް ސީރީޒްގެ ނޫޓެއްގެ ގޮތުގައި އަލަށް ނެރޭ 5 ރުފިޔާގެ ޕޮލިމަރ ނޫޓް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގައި ކަމަށެވެ.