ޚަބަރު

ހަރުދަނާ ސިޔާސަތުތަކާއެކު ރާއްޖެއަށް ބައިނަލްއަގުވާމީ މުޖުތަމަޢުގެ އިޙްތިރާމު


  • ދެ ޤައުމެއްގެ މައި ޔުނިވަރސިޓީތަކުން ވަނީ ރައީސަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވާފައި

  • ސަރުކާރުން ގެންގުޅުއްވަނީ ދިވެހިން އިސްކުރާ ޚާރިޖީ ސިޔާސަތު

ކޮންމެ ވެރިކަމެއްގައިވެސް އެއިރެއްގައި ހުންނަވާ ރައީސަކު ގެންގުޅުއްވަނީ ޤައުމުގެ ކުރިމަގު އެ ބޭފުޅަކު ބައްޓަން ކުރައްވަން ބޭނުންފުޅުވާ ސިޔާސަތުތަކެކެވެ. ބައިނަލްއަގުވާމީ މުޖުތަމަޢުގައި ޤައުމުތަކާ އޮންނަ ގުޅުންވެސް ބައްޓަންވެގެންދަނީ އެސިޔާސަތުގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިންއޮތް ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ފެނިގެންދިޔައީ ވަކި ޤައުމަކަށް ބަރޯސާވެފައިވާ ސިޔާސަތުތަކެކެވެ. މީގެ ސަބަބުން އެހެން ބައެއް މުހިންމު ޤައުމުތަކާ އޮންނަ ގުޅުން ހީނަރުވެގެންދެއެވެ. ނަމަވެސް އަދުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ ޤައުމާއި ދިވެހިން އިސްކުރުމުގެ ސިޔާސަތެކެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ވިދާޅުވީ ޔަހޫދީ ދައުލަތް ފިޔަވައި ކޮންމެ ޤައުމަކާއެކުވެސް، ދިވެހިންނާއި ދިވެހިރާއްޖެއަށް ފައިދާވާނެ ކަންކަމުގައި ގުޅުން ބަދަހިކުރައްވާނެ ކަމަށެވެ.

މިއަދު އަޅުގަނޑުމެންނަށް ފެނިގެންދަނީ އެ ސިޔާސަތުގެ ނަތީޖާއެވެ. ވެރިކަމަށް 3 އަހަރު ފުރޭއިރު އެމަނިކުފާނު ގެންދަވަނީ މި ޚާރިޖީ ސިޔާސަތާއެކު ޤައުމުތަކުގެ އިހުތިރާމާއި ލޯބި ލިބޭނެކަން ސާބިތުކޮށްދެއްވަމުންނެވެ. ވެރިކަމުގެ ފުރަތަމަ ކޮޅުގައި އެމަނިކުފާނު މި ސިޔާސަތު ހާމަކުރެއްވުމުން އެއީ އަވަށްޓެރި ޤައުމުތަކާ އޮތް ގުޅުން ހީނަރުވާނެ ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެ ޤައުމުތަކާ އޮތް ގުޅުމަށްވެސް ހީނަރުކަމެއް ނާދެއެވެ. ބަދަލުގައި ފެނިގެންދަނީ އެ ޤައުމުތަކާވެސް ގުޅުން އިތުރަށް ބަދަހިވެގެންދާ މަންޒަރެވެ.

ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެކި ދާއިރާތަކުން ދުނިޔޭގެ އެކި ޤައުމުތަކާ ގެންދަވަނީ ގުޅުން ބަދަހިކުރައްވަމުންނެވެ. ދިފާޢީ ދާއިރާ އާއި ޞިއްޙީ ދާއިރާ އާއި ޓެކްނޮލޮޖީ އަދި ދީނީ ގޮތުން ބެލިކަމުގައިވިނަމަވެސް މީގެ ކުރިން ރާއްޖެއާ އެހާ ގާތް ގުޅުމެއް ނެތް ޤައުމުތަކާވެސް ރާއްޖޭގެ ގުޅުން މިހާރު ދަނީ އިތުރަށް ބަދަހިވަމުންނެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު އިސްލާމީ ޤައުމުތަކާ އޮތް ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެކެވެ. މިއަދު އެ ގުޅުންތައްވެސް ކުރިއާ އަޅާބަލާއިރު އިތުރަށް ހަރުދަނާވެފައިވާކަމީ ހަގީގަތެކެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ޙައްޖުގެ އަޅުކަން އަދާކުރަންދާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމަށް ސަޢުދީން ފަށާފައިވާ "މައްކާ ރޫޓް އިނީޝިއޭޓިވް"ގައި ހިމެނި މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމެވެ.

އާބާދީގެ ގޮތުން ރާއްޖެ ކުޑަވެފައި އެހެން ޤައުމުތަކަށްވުރެ ރާއްޖެއަށް ދޭ ޙައްޖު ކޯޓާ މަދުވިނަމަވެސް އެފަދަ މުހިންމު ކަމެއްގައި ރާއްޖެ ހިމެނުމަކީ ސައުދީ އަރަބިއްޔާއިންވެސް މި ޤައުމުގެ ސިޔާސަތުތަކަށް އިހުތިރާމްކުރާ މިންވަރު ދައްކުވައިދޭ ކަމެކެވެ.

އެހެނިހެން އިސްލާމީ ޤައުމުތަކުގެ ތެރެއިން މެލޭޝިއާ އާއި ޕާކިސްތާނާއެކު އޮތް ގުޅުންވެސް މި ދައުރުގެ ތެރޭގައި ވަނީ އިތުރަށް ކުރިއަރާފައެވެ. އެ ދެ ޤައުމުންވެސް އެމަނިކުފާނު ޤައުމުގެ ތަރައްގީއާއި ރައްޔިތުންނަށް ކޮށްދެއްވަމުންގެންދަވާ މަސައްކަތްތަކުގެ އަގުވަޒަން ކުރީ އެ ދެ ޤައުމުގެ އިސްލާމީ ޔުނިވަރސިޓީތަކުން އޮނަރަރީ ޑޮކްޓަރޭޓް އަރުވައެވެ.

މެލޭޝިއާގެ އައިއައިޔޫއެމުން ބުނެފައިވާ ގޮތުގައި އެ ޔުނިވަރސިޓީން ރައީސުލްޖުމްހޫރިއްޔާއަށް އެ ޝަރަފު އެރުވީ ޒަމާނީ އުކުޅުތަކާއި އިސްލާމީ ހަމަތަކުގެ މަތިން ސިޔާސަތުތައް ކަނޑައެޅުއްވުމާއި އަރބަން ޕްލޭނިންގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅަކަށް އެމަނިކުފާނު ވާތީއެވެ. އަދި އެމަނިކުފާނަކީ ދުރުވިސްނޭ، ކާމިޔާބު ލީޑަރެއްކަމަށް އެ ޔުނިވަރސިޓީން ވަނީ ފާހަގަކޮށްފައެވެ.

ޕާކިސްތާނުގެ އިސްލާމިކް ޔުނިވަރިސޓީން އެމަނިކުފާނަށް ޝަރަފު އެރުވީ އެމަނިކުފާނު ރާއްޖޭގެ އާންމު ޚިދުމަތް ކުރިއެރުވުމަށް ކޮށްދެއްވާފައިވާ މަސައްކަތާއި، އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން އިދާރާތައް ތަރައްޤީކޮށްދެއްވާފައިވާ މަސައްކަތުގެ އިތުރަށް ހިންގުމުގެ ދައިރާގައި ހޯދާފައިވާ ކުރިއެރުންތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

މިއިން ދޭހަކޮށްދެނީ އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތްތައް މިއަދު ބައިނަލްއަގުވާމީ މުޖުތަމަޢުން، ޚާއްސަކޮށް އިސްލާމީ ޤައުމުތަކުން ބަލައިގެންފައިވާ މިންވަރެވެ. އެކި ޤައުމުތަކުން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުން އެނގެނީ ބައިނަލްއަގުވާމީ މުޖުތަމަޢުގައި އަމިއްލަ އަޑު އިއްވަން ރާއްޖެއަށް ވަކި ޤައުމަކަށް ބަރޯސާވެފައިވާ ޚާރިޖީ ސިޔާސަތެއް ގެންގުޅެން ނުޖެހޭ ކަމެވެ. އަމިއްލަވަންތަކަމުގެ އުސޫލުތަކާއެކުވެސް މުޅި ދުނިޔޭގެ އިޙްތިރާމު ލިބޭނެކަމެވެ.