އުއްމީދާއި ތަރައްޤީ

ސަރުކާރަށް 3 އަހަރު - ބްރިޖުގެ މަޝްރޫޢު ޝަޢުޤުވެރި ހިސާބެއްގައި


މާލެއާއި ހުޅުލެއާ ދެމެދު ބްރިޖެއް އަޅުއްވާ ވެރިކަންކުރާ ރަށް މާލެއާއި އިގްތިޞާދީ މައި ދޮރާށި، ހުޅުލޭ އެއަރޕޯޓާއި، ދިވެހިންގެ އުންމީދުތަކާ ގުޅިފައިވާ ހުޅުމާލެ އެއްގަމު މަގުން ގުޅުވާލުމަކީ ރައީސް ޔާމީންގެ ރިޔާސީ ވަޢުދެެކެވެ. ވެރިކަމަށް ވަޑައިގެންނުވުމަށްފަހު އެންމެ އިސްކަން ދެއްވައިގެން ފެއްޓެވި މަޝްރޫޢަކީވެސް ބްރިޖް މަޝްރޫޢުއެވެ. ޗައިނާ ސަރުކާރުގެ ބޮޑު އެހީތެރިކަމާއެކު ބްރިޖްގެ ޢަމަލީ މަސައްކަތް ފައްޓަވާ، ސަރުކާރަށް ތިން އަހަރު ފުރުނުއިރު، ބްރިޖް މަޝްރޫޢު މިހާރު އޮތީ ވަރަށް ޝައުޤުވެރި ހިސާބެއްގައެވެ.

ފުން ކަނޑެއް ހުރަސްކޮށް ބްރިޖެއް އަޅާ އިޖްތިޞާދީ ސަރަޙައްދުތައް އެއްގަމު މަގުން ގުޅުވާލުމުގެ ޢަމަލީ މަސައްކަތް ފެށުން ވެގެންދިޔައީ ރައްޔިތުންގެ އުންމީދުތައް އާވެގެންދިޔަ ކަމަކަށެވެ. މިކަމުގެ ސަބަބުން ބްރިޖް އެޅުމަކީ ނުވާނެ ކަމެއް ކަމަށް ބުނަމުންދިޔަ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ވާހަކަތައް ހުއްޓި، ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދިޔައެވެ. ބްރިޖްގެ އެޅުމަށް ސަރުކާރަށް ލިބުނު ބާރަކަށްވީ ޗައިނާ ސަރުކާރުން ދެއްވި ދީލަތި އެހީ. މާލީގޮތުންނާއި، ފަންނީގޮތުން ބްރިޖް މަޝްރޫއަށް އެއްބާރުލުން ދިނުމަށް ޗައިނާ ސަރުކާރުން ނިންމާ، ބްރިޖް މަޝްރޫއަށް ހޭދަވާ ފައިސާގެ ބޮޑު ބައެއް ދެއްވާނެކަން ހާމަކުރެއްވިއެވެ. އަދި ބްރިޖްގެ ޑިޒައިންގެ މަސައްކަތްވެސް ކޮށްދިނީ ޗައިނާ ސަރުކާރުންނެވެ. 

img:http://s3.psmnews.mv/images/660x400/8893.jpg|ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ކުރެހުމެއް / ފޮޓޯ: ޕީއެސްއެމް ފައިލް

ބްރިޖްގެ ޑިޒައިން އާންމުންނަށް ދައްކާލާފައިވަނީ 2015 ވަނަ އަހަރުގެ އޮގަސްޓްމަހުގެތެރޭގައެވެ. ދެން ފެނިގެންދިޔައީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު، ބްރިޖްގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި ޗައިނާގެ ސީސީސީސީ ސެކަންޑް ހަބަރ އިންޖިނިއަރިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށް ބްރިޖްގެ ޢަމަލީ މަސައްކަތް ފެށި މަންޒަރެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވަނީ ބްރިޖް މަޝްރޫއުން ރައްޔިތުންގެ އުންމީދުތައް އާކޮށްދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ބްރިޖްގެ ޢަމަލީ މަސައްކަތް ފެށިގެންދިއުމަކީ އުންމީދުތަކެއް ގެނުވައިދޭނެ ކަމެއް ކަމަށާއި، މިއީ ދިވެހިރާއްޖޭގެ ލޭންޑްސްކޭޕް ބަދަލުކޮށްލާވަރުގެ ބިޔަ މަޝްރޫއެއް ކަމަށެވެ. މި ސަރުކާރުން މި ގެނެސްދޭ ބްރިޖަކީ ޒުވާނުންނަށް އޮތް އުންމީދުތަކެއް ކަމަށް އެމަނިކުފާނު އެރޭގެ ރަސްމިއްޔާތުގައި ވިދާޅުވިއެވެ.

ބްރިޖްގެ މަޝްރޫއަކީ މުޅި ޤައުމުގެ އިގްތިޞާދީ ފާލަމަށް ވެގެންދާއިރު، މިއީ ޚާރިޖީ ގުޅުންތަކުގެ ތެރެއިން ޗައިނާއާ ދެމެދުވެސް އެޅިގެންދިޔަ ފާލަމެކެވެ. އެހެންކަމުން ބްރިޖްގެ ނަމެއްގެ ގޮތުގައި " ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ ހަމަޖެއްސިއެވެ. ކޮންމެއަކަަސް ބްރިޖް މަޝްރޫޢު ފެށިގެން އެއް އަހަރު ފުރިހަމަ ނުވަނީސް މިއަދު މި ފެނިގެންދަނީ ބްރިޖްގެ ތަނބުތައް ލޮނުގަނޑު މަތިން އަރާ އުންމީދުތަކުގައި ކުލަ ޖެހެމުންދާ މަންޒަރެވެ.

img:http://s1.psmnews.mv/images/660x400/14787188860632.jpg|ޗައިނާ މޯލްޑިވް ފްރެންޑްޝިޕް ބްރިޖްގެ، މައިގަނޑު ފަސްތަނބުގެ ތެރެއިން ފުރަތަމަ ތަނބުގެ ކޮންކްރީޓް މަސައްކަތް - ފޮޓޯ: ޕީއެސްއެމް / ޙުސައިން ސަޢީދު

ބްރިޖްގެ ތިން ސައިޓްވެސް ފެނިގެންދަނީ ވަރަށް ބިޒީކޮށެވެ. ބްރިޖްގެ މަސައްކަތުގައި 1000 ކައިރިކުރާ އަދަދަކަށް މަސައްކަތްތެރިން ހަރަކާތްތެރިވެއެވެ. ލޮނުޒިޔާރަތްކޮޅުގައި ޤާއިމްވެފައިވާ މާލޭ ސައިޓަށް ބަލާލާއިރު، ބްރިޖްގެ ބޮޑެތި މަސައްކަތްތައް ރެއާ ދުވާލު އެތަނުގައި ކުރަމުންދެއެވެ. ތަޙްލީލް ކުރުމަށް ހޮޅި ޖެހުމާއި، ކޮންކްރީޓަށް ބޭނުންވާ މަސައްކަތްތައްވެސް ޝެޑިއުލަށްވުރެ ބާރަށް ކުރިއަށްދެއެވެ.

ބްރިޖްގެ މަސައްކަތް ކުރުމަށް މިހާތަނަށް ރާއްޖެ ގެނެވުނު އެންމެ ބިޔަ ކްރޭންތައް އޮޕަރޭޓް ކުރަމުންދަނީ ގާދޫ ކޮލުގައެވެ. ބްރިޖްގެ މަސައްކަތް ފެށުމަށް މާލޭ ކޮޅުންނާއި ހުޅުލޭ ކޮޅުގައި ހަދަމުންދާ ވަގުތީ ބްރިޖްތަކުގެ މަސައްކަތް ނިމިފައިވާއިރު، ކަނޑުމެދުގައި ޖަހާފައިވާ ޕްލެޓްފޯމްތަކުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. ބްރިޖްގައި މައި ފަސް ތަނބު ހިމެނޭއިރު، އެތަނބުތަކުގައި ހިމެނޭ 35 ޕައިލްގެ ފުރަތަމަ ތަނބުގެ ޕައިލް ކޮންކްރިޓިން ވަނީ ފަށާފައެވެ. ޑިސެމްބަރު މަހުގެ ނިޔަލަށް ފުރަތަމަ ތަނބުގެ ޕައިލް ކޮންކްރިޓިން ނިމޭނެއެވެ.

ބްރިޖްގެ މަސައްކަތްތައް ކުރިއަށްދަނީ ޝެޑިއުލަށްވުރެ މާކުރިއަށް ކަމަށް ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ބްރިޖްގެ ސްޕަރސްޓްރަކްޗަރ ޗައިނާގައި ހަދައިގެން ރާއްޖެ ގެނައުމަށް ވަނީ ނިންމަވާފައެވެ. ކުރިން މިކަން ކުރަން އޮތީ ހުޅުމާލޭ ސައިޓްގައެވެ. ނަމަވެސް މަސައްކަތް ޗައިނާގައި ކުރުމަށް ނިންމީ މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށްޓަކައި ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން ބްރިޖްގެ މާލޭ ކޮޅާއި ހުޅުލޭ ކޮޅުގައި ޖެހުމަށް ބޭނުންވާ އެކްރޮޕޮޑްސް ނުވަތަ ބިޔަ ގާތައް ހެދުމުގެ މަސައްކަތްވެސް ފެށިގެންދަނީ ކުރިއަށެވެ. މިއީވެސް ޝެޑިއުލަށްވުރެ ކުރީގައި އޮތް ކަމެއްގެ ގޮތުގައި ހައުސިން މިނިސްޓްރީން ފާހަގަކުރައްވައެވެ. 

img:http://s1.psmnews.mv/images/660x400/14787190589347.jpg|ޗައިނާ މޯލްޑިވް ފްރެންޑްޝިޕް ބްރިޖްގެ، މައިގަނޑު ފަސްތަނބުގެ ތެރެއިން ފުރަތަމަ ތަނބުގެ ކޮންކްރީޓް މަސައްކަތް - ފޮޓޯ: ޕީއެސްއެމް / ޙުސައިން ސަޢީދު

ޗައިނާ ސަރުކާރުގެ ބޮޑު އެހީތެރިކަމެއް މި މަޝްރޫއަށް ލިބިގެންދާއިރު، މި މަޝްރޫޢު ކުރިއަށްދަނީވެސް ޗައިނާ ސަރުކާރުގެ ބެލުމުގެ ދަށުންނެވެ. ބްރިޖް އެޅުމަށް 210 މިލިއަން ޑޮލަރު ޚަރަދުވެއެވެ. އޭގެތެރެއިން 124 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެކެވެ. ބާކީ 12.6 މިލިއަން ޑޮލަރަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ކުރައްވާ ހޭދައެވެ. މި ހިނގާ 2016 ވަނަ އަހަރުވަނީ ބްރިޖް މަޝްރޫއަށް ދިވެހި ސަރުކާރުންދައްކަވަންޖެހޭ ފައިސާ ދައްކަވާފައެވެ.

ޗައިނާ ސަރުކާރުން ދިން 124 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ އިތުރަށްވެސް ޗައިނާ ސަރުކާރުން ލުއި ލޯނުގެ ގޮތުގައި މާލީ އެހީތެރިކަން ލިބިދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ބްރިޖްގެ ޢަމަލީ މަސައްކަތް ނިންމުމަށްފަހުވެސް، 3 އަހަރު ވަންދެން ބްރިޖްގެ މެއިންޓަނަންސްގެ ހުރިހާ ކަމެއްވެސް ކުރުމަށް ހަމެޖެހިފައިވަނީ ޗައިނާ ސަރުކާރުގެ ފަރާތުންނެވެ.

ބްރިޖްގެ މަސައްކަތްތައް މިހިސާބަށް ދިޔައިރު، ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބްރިޖްގެ އަމަލީ މަސައްކަތް ނިންމުމުންނެވެ. ބްރިޖްގެ މަޝްރޫއު ވެފައިވަނީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އިންޖިނިއަރިންގެ އެންމެ ބޮޑު މަސައްކަތަށެވެ.