އުއްމީދާއި ތަރައްޤީ

މަސައްކަތް ކުރައްވަނީ ރައްޔިތުންގެ މައްސަލަތަކަށް ޙައްލު ހޯދުމަށް


ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވަމުން ގެންދެވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދެއްވުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު ކުރިމަތިލައްވަނީ ޤައުމަށް ދިމާވެފައި ހުރި މައްސަލަތަކަށް ޙައްލު ކޮށްދެއްވުމަށް ކަމަށާއި، އަމާޒަކީ މައްސަލަތައް ޙައްލުކުރައްވައި ރައްޔިތުންނަށް އުފާ ފާގަތި ދިރިއުޅުމެއް ހޯއްދަވައިދެއްވުން ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 3 އަހަރަކީ އެމަނިކުފާނުގެ މަސައްކަތްޕުޅުގައި ކާމިޔާބީތަކެއް ޙާޞިލްވެގެންދިޔަ އަހަރެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް 2013 ވަނަ އަހަރު ރިޔާސީ ކެންޕެއިން ކުރެއްވިއިރު އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ 2013 އަކީ ބަދަލުތަކެއް އަންނަންޖެހޭ އަހަރެއް ކަމަށެވެ. އަދި 2013 ވަނަ އަހަރު އަލަށް އަންނަ ވެރިޔަކީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކާ ކެރިގެން ކުރިމަތިލާން ކެރިވަޑައިގަންނަވާ ވެރިއަކަށް ވާންޖެހޭނެ ކަމަށް ރިޔާސީ ކެންޕެއިންގެ ތެރޭގައި އެމަނިކުފާނު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. އެގޮތުން ވެރިކަމާ ޙަވާލުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ބޭނުން ޖެހިފައިވާ އެތައް ކަމެއް، އެއްކަމަކަށްފަހު އަނެއް ކަމެއް ފުރިހަމަ ކޮށްދެއްވަމުން ގެންދެވިއެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ އެމަނިކުފާނުގެ ވާދަކުރައްވަނީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކާ ކަމަށެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދިވެހިރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ޙައްލުކޮށްދެއްވި އަވަސްކަމެވެ. ޑޮލަރުގެ މައްސަލައަކީ ކުރީގެ 2 ރައީސުންނަށްވެސް ޙައްލު ނުކުރެއްވުނު މައްސަލައެކެވެ.

މިކަމުން ހާމަވެގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިޤްތިޞާދީ ޞިޔާސަތުގެ ފުރިހަމަ ކަމާއި، ހަރުދަނާކަމެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ ދިވެހިރާއްޖެއަކީ އިޤްތިޞާދީގޮތުން ފުދުންތެރި ޤައުމަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ. ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިރާއްޖެއަކީ އިޤްތިޞާދީ ގޮތުން އެކަހެރިވެފައިވާ ޤައުމަކަށް ވިޔަނުދެއްވާނެ ކަމަށާއި، ދުނިޔޭގެ އެހެން ޤައުމުތަކާ ފައިހަމަ ކުރެވޭ ވަރުގެ އިޤްތިޞާދެއް ދިވެހިރާއްޖޭގައި ޤާއިމު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ބޭނުންވަނީ އިޤްތިޞާދީ ޙައްލެކެވެ.

އިޖްތިމާއީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކޮށްދެއްވައި ދިވެހި ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީންގެ ސިޔާސަތެކެވެ. މިދާއިރާއިން ވޭތުވެދިޔަ 3 އަހަރު ބޮޑެތި ކާމިޔާބީތަކެއް ޙާޞިލް ކުރައްވާފައި ވާއިރު، އެމަނިކުފާނުގެ ވާހަކަފުޅުތަކުން އެމަނިކުފާނު ދިވެހިރާއްޖޭގައި އަމާން އިޖްތިމާޢީ ވެއްޓެއް ޤާއިމު ކޮށްދެއްވުމަށް ދެއްވާ އިސްކަން ހާމަވެގެންދެއެވެ.

ޒުވާނުންގެ ސަރުކާރެއް ޤާއިމު ކުރައްވާނެ ކަމަށާއި، ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ތަނަވަސް ކޮށްދެއްވުމުގެ ވަޢުދާއެކު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ސަރުކާރުގެ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރެއްވިއެވެ. ރިޔާސީ ކެންޕެއިން ތެރޭގައި ރައީސް ޔާމީން ވިދާޅުވަމުން ގެންދެވީ، ޒުވާނުންނަށް އެންމެ ބޮޑަށް ބޭނުންވަނީ ޒުވާނުންނަކީ މުޖުތަމަޢުގައި އިޙްތިރާމް ލިބިފައިވާ ބައެއް ކަމުގައި ވުން ކަމަށެވެ. މިކަން ފުރިހަމަ ކޮށްދެއްވުމަށްޓަކައި، ޒުވާނުންނަށް ވަޒީފާގެ އެތައް ފުރުޞަތުތަކެއް ތަނަވަސް ކޮށްދެއްވިއެވެ. ދިވެހި ޒުވާނުންނަށް އެންމެ ބޭނުންޖެހޭ ދުވަހު ސަރުކާރުން އެ ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޝުޢޫރު ޒުވާނުންގެ މެދުގައި އާލާކޮށްދެއްވިއެވެ. ޒުވާނުންނާ ގާތުން ވެރިކަން ކުރައްވައި ޒުވާނުންނަކީ ޙަޤީޤަތުގައިވެސް މުޖުތަމަޢުގައި އިޙްތިރާމް ލިބިގެންވާ ބައެއް ކަމުގައި ހެއްދެވިއެވެ. މީގެ ކުރިން ސަރުކާރަކުން ޒުވާނުންގެ ވާހަކަ ނުދައްކާހާ ގިނައިން ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން ގެންދަވަނީ ޒުވާނުންނަށް ހުރި ފުރުޞަތުތަކުގެ ވާހަކަތައް ދައްކަވައި، ޒުވާނުންގެ އުންމީދު އާކޮށްދެއްވަމުންނެވެ.

ޢުމްރާނީ ތަރައްޤީގެ ދާއިރާއަށް ބަލާއިރު ދިވެހިރާއްޖެ ދުވަހަކު ނުދެކޭހާ ގިނަ މަޝްރޫޢުތައް ފެއްޓެވި، ސިއްޙީ ދާއިރާއިން މީގެކުރިން ދުވަހަކުވެސް ހޯއްދަވާފައި ނުވާވަރުގެ ބޮޑެތި ކުރިއެރުންތަކެއް ޙާޞިލްކުރެއްވިއެވެ. ރައީސް ޔާމީންގެ ތަޢުލީމީ ޞިޔާސަތުގެ ދަށުން ތަޢުލީމީ ދާއިރާއަށް ބޮޑު އިންޤިލާބެއް ގެންނަވައި، އެއްވެސް ކުއްޖަކު ބާކީ ނުކުރާ ތަޢުލީމީ ނިޒާމެއް ޤާއިމު ކޮށްދެއްވިއެވެ. ދިވެހިރާއްޖޭގެ ދާޚިލީ ކަންކަން ނިންމާނީ ދިވެހިން އަމިއްލައަށް ކަމަށް ވިދާޅުވެ، ދިވެހި ދައުލަތުގެ މިނިވަންކަމާ ޞިޔާދަތު ކަށަވަރު ކުރެއްވުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އިތުރަށް ވަރުގަދަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން ގެންދަވަނީ ދިރުން އޮންނަ ތަނެއްވިއްޔާ ޢުންމީދެއް އޮންނާނެ ކަމަށެވެ. ކަންކަން ޙާޞިލް ކުރެއްވުމަށް ކަންކަމަށް އުންމީދު ކުރުމާއި ހުވަފެން ދެކެންޖެހޭ ކަމަށް ވިދާޅުވެ ދިވެހިޤައުމާމެދު ގެއްލިފައިވާ ޢުއްމީދު އައުކޮށްދެއްވިއެވެ. އުންމީދު ކުރެއްވުމާއި، ޤައުމުގެ ތަރައްޤީގެ ހުވަފެން ބެއްލެވުމަށް ޒުވާނުންނަށް އެމަނިކުފާނު އިލްތިމާސް ކުރައްވައެވެ. އެމަނިކުފާނުގެ އުންމީދަކީ، އެމަނިކުފާނުގެ ހުވަފެންޕުޅަކީ ދިވެހި ރައްޔިތުންގެ އުންމީދުތައް ހަޤީޤަތަކަށް ހައްދަވައިދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.