އުއްމީދާއި ތަރައްޤީ

ސަރުކާރަށް 3 އަހަރު - ޒުވާނުންގެ ތަރައްޤީއަށް 600 މިލިއަން ރުފިޔާ


ސަރުކާރުން ޒުވާނުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދައިދިނުމުގެ އަސާސްތައް ގުޅިފައިވަނީ، ޤައުމުގެ އިޤްތިޞާދު ހަރުދަނާވުމާއި، ތަނަވަސްކަމާއި ފުދުންތެރިކަން އިތުރުކުރުމުގެ މައްޗަށެވެ. އަދި، އިޖުތިމާޢީ ހަމަޖެހުމާއި، އަމާން މުޖުތަމަޢެއް ބިނާވެ، ޒުވާނުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ފޯރުކޮށްދިނުމުގެ މައްޗަށެވެ. ސަރުކާރުން ޒުވާނުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ރިޔާސީ ދައުރުގައި ފުއްދައިދެއްވާނޭ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ، މިސަރުކާރުން ފުރަތަމަ ފާހަގަކުރެއްވި ޒުވާނުންގެ ދުވަހުގައި ދެއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ފާއިތުވެދިޔަ 3 އަހަރަކީ ދިވެހި ޒުވާނުންނަށް މިހާތަނަށް ލިބިފައިނުވާވަރުގެ ތަރައްޤީއާއި ކުރިއެރުމާއި އުފާފާގަތިކަން ގެނެސްދިން އުންމީދީ 3 އަހަރެވެ. ކުޅިވަރުގެ ދާއިރާއަށާއި ޒުވާނުންގެ މުސްތަޤުބަލަށް އިންޤިލާބުގެނުވި މި ދުވަސްތަކަކީ ޒުވާނުންނަށް އުފާވެރިކަން ގެނެސްދިން ދުވަސްތަކެއްގެ ގޮތުގައި ޔޫތު މިނިސްޓަރވެސް ވަނީ ފާހަގަކުރައްވާފައެވެ. ޔޫތު އެންޑް ސްޕޯރޓްސް މިނިސްޓަރ ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގެ ކަންކޮޅުތަކުގައި ކުޅިވަރުގެ ވަޞީލަތްތައް ތަރައްޤީކުރެއްވުމާއި ޒުވާނުން ބިނާކުރުމަށާއި ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމާއި ކެރިއަރ ގައިޑެންސްފަދަ މުހިންމު ޕްރޮގުރާމްތައް ހިންގެވުމަށް ފާއިތުވެދިޔަ 3 އަހަރުގައި 600 މިލިޔަނަށްވުރެ ގިނަ ދިވެހި ރުފިޔާ މިނިސްޓްރީގެ ބަޖެޓުން ޚަރަދު ކުރައްވާފައިވެއެވެ. ޕީ.އެސް.އެމްއަށް ދެއްވި ބަސްދީގަތުމުގައި ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ސަރުކާރުން ޒުވާނުންގެ ދާއިރާއިން ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި، 2018 ގެ ކުރިން ހުރިހައި ވަޢުދެއް ފުއްދައި ނިމޭނޭ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ޒުވާނުންގެ ސަރުކާރެއްގެ ގޮތުގައި، މިސަރުކާރު ފާހަގަ ކުރައްވަމުންދާއިރު އެންމެ ބޮޑު އަމާޒަކީ ޒުވާނުން ބާރުވެރިކުރެއްވުމެވެ. ޒުވާނުން ބާރުވެރިކުރެއްވުމަށް މިސަރުކާރުގެ ހިންގާވާ ޕްރޮގްރާމުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ޒުވާނުން ވިޔަފާރި ދާއިރާއަށް ނުކުތުމަށް ހުޅުވާލި ގެޓްސެޓް ލޯނެކެވެ. ޒުވާނުންނަށް ސަރުކާރުން ފަހިކޮށްދިން މި ކާމިޔާބު މި ޕްރޮގްރާމާއެކު ގިނަ ޒުވާނުން ވިޔަފާރި ފަށާ އަމިއްލަ ފައިމައްޗަށް ތެދުވެ ނަފާ ހޯދަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. ހަމައެކަނި މިއަހަރުވެސް ތިރީސް ހަތަރު ލޯނެއް ސަރުކާރުން ވަނީ ޒުވާނުންނަށް ދޫކުރައްވާފައެވެ.

ސަރުކާރުން ޒުވާނުން ބާރުވެރިކުރުމުގެ ގޮތުން ޒުވާނުންނަށް އެންމެ އަހައްމިއްޔަތުކަމެއް ދެއްވައިގެން ދެން ކުރިޔަށް ގެންދަވާ އެއް މަސައްކަތަކީ ވަޒީފާގެ ފުރުޞަތު ހޯދައިދެއްވުމެވެ. ޒުވާނުންނަކީ ވާޒީފާ އަދާކުރާ ޒިންމާދާރު ބަޔަކަށް ހެއްދެވުމަށް ސަރުކާރުގެ މުވައްސަސާތަކުން ގުޅިވަޑައިގެން ފާއިތުވެދިޔަ ދުވަސްތަކުގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާއިރު ޒުވާނުންނަށް އަމާޒުކުރައްވައިގެން ޚާއްޞަ އިންޓާންޝިޕް އަދި އެފްރެންޓިޝް ޕްރޮގްރާމްތައް ހިންގެވުމާއި، ޖޮބްފެއަރތަކާއި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކުރުވުމަށް މުހިންމު ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން ފާއިތުވީ ތިންއަހަރުގެ ތެރޭގައި ނުވަދިހަ ހަތަރުހާހަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ވަނީ ޒުވާނުންނަށް ފަހިކޮށްދެއްވާފައެވެ.