އުއްމީދާއި ތަރައްޤީ

ސަރުކާރަށް 3 އަހަރު - ބޮޑެތި ކާމިޔާބީތަކެއް ހާޞިލްކުރެއްވިއްޖެ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރަށް 3 އަހަރު ފުރުނުއިރު، ސަރުކާރުގެ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ބޮޑު ބައެއް ވަނީ ޙާޞިލްކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ މައިގަނޑު 3 ވަޢުދުގެ ތެރޭގައި ޒުވާނުންނަށް ފަހި ފުރުޞަތުތައް ހޯއްދަވައިދެއްވުމާއި، ދިވެހިރާއްޖޭގެ އިޤްތިޞާދު އާ އުސްމިންތަކަކަށް ވާޞިލުކޮށްދެއްވުމާއި، ދިވެހިރާއްޖޭގައި އަމާން އިޖްތިމާއީ ވެއްޓެއް ޤާއިމުކޮށްދެއްވުން ހިމެނެއެވެ. 

މި ހުރިހާ ދާއިރާތަކުން ސަރުކާރުން ހޯދާފައިވާ ކުރިއެރުންތައް މިއަދު ފާހަގަކުރަމުންދާއިރު، ސަރުކާރުގެ 3 އަހަރުގެތެރޭގައި ކުރައްވާފައިވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޕީއެސްއެމްގެ ޗެނަލްތަކުން ގެންދަވަނީ ގެނެސްދެމުންނެވެ. އެގޮތުން އެކިއެކި ދާއިރާތަކުން ހޯއްދަވާފައިވާ ކާމިޔާބީތަކާއި، ސަރުކާރުގެ ތަޞައްވުރު ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން މެދުވެރިކުރައްވައި ޕީއެސްއެމްގެ ޗެނަލްތަކުން މިއަދު ގެނެސްދޭނެއެވެ. ސަރުކާރަށް ތިންއަހަރުދުވަހުގެ ތެރޭގައި ޙާޞިލްވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު މީޑިއާމެދުވެރިކޮށް ޢާއްމުރައްޔިތުންނަށް ހާމަކުރެއްވުމާއި، ތިން އަހަރުގެ ކާމިޔާބީއާ ގުޅޭ މައުލޫމާތު ޢާންމުންނަށް ފޯރުކޮށްދެއްވުމަށް އެހެނިހެން ޕްރޮގްރާމްތައް ހިންގަވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ސަރުކާރަށް ތިންއަހަރު ފުރުން ފާހަގަކުރެއްވުމަށް 10 ދުވަހުގެ މުއްދަތަށް ޙަރަކާތްތައް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާއިރު، އެންމެ ޚާއްޞަ ކަމަކަށް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު ބާއްވަވާ ޖަލްސާއެވެ. މި ޙަރަކާތްތަކުގެ ތެރޭގައި ހިމަނުއްވައިގެން ޒުވާނުންނަށް ޚާއްޞަ ކުޅިވަރު ފެސްޓިވަލެއް ބޭއްވެވުމަށްވެސް ވަނީ ނިންމަވާފައެވެ.

ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމެންވާއިރަށް ޙާޞިލްކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ގިނަ ލަނޑުދަނޑިތަކެއް 3 އަހަރުގެ ތެރޭގައި ޙާޞިލްކުރައްވާފައިވާކަމަށް ވަޒީރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެގޮތުން ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް މީގެ ކުރިން އެއްފަހަރާ ދުވަހަކުވެސް ކުރިއަށް ނުގެންދަވާ ވަރަށް މާލެއާއި އަތޮޅުތެރޭގައި ގެންދަވަނީ ހިންގަވަމުންނެވެ. އިޖްތިމާޢީ ދާއިރާއިން ހޯއްދަވާފައިވާ ކުރިއެރުންތަކަށް ބަލާލާއިރު، 3 އަހަރު ކުރިން ނުރައްކަލުގެ ތެރޭގައި އޮތް ދިވެހިރާއްޖޭގެ އިޖްތިމާޢީ ވެށި އަމާންކޮށްދެއްވިއެވެ. މަގުމަތިވެފައިވާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވައި ޢާމްދަނީ ހޯދޭނެ މަގު ތަނަވަސްކޮށްދެއްވި. ދިވެހިރާއްޖެ ބޭރުގެ އިންވެސްޓަރުންނަށް ހުޅުއްވާލެއްވި، އަދި މީގެ ކުރިން ރާއްޖެ ދެކެފައިނުވާފަދަ އިޤްތިޞާދީ މަޝްރޫޢުތައް ފަށްޓަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ 3 އަހަރު ފާހަގަކުރެވިގެންދިޔައީ ކާމިޔާބު އަދި ޤައުމު ބިނާކުރުމުގެ ތިން އަހަރުގެ ގޮތުގައެވެ. މި ކާމިޔާބީ ފާހަގަކުރެއްވުމަށް ސަރުކާރުން ހިންގަވާ ޙަރަކާތައް ހިންގެވުމަށް ނިންމަވާފައިވަނީ އެއްވެސް ބަޔަކު އިސްތިސްނާ ނުކުރައްވައި ޤައުމުގެ ހުރިހާ ރައްޔިތުން ބައިވެރިވާ ޤައުމީ ޙަރަކާތްތަކެއްގެ ގޮތުގައެވެ.