ރިޕޯޓް

"ކާމިޔާބީގެ އަސްލަކީ ހިންގުމުގެ ވައްޓަފާޅިއަށް އައި ބަދަލު"


ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު މިވީ 3 އަހަރުގެ ތެރޭގައި މުޅި ދައުލަތް ހިންގެވުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާކަމަށާއި، ސަރުކާރުން ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ އެބަދަލުތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރޭ ރ. ދުވާފަރުގައި އޮތް ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ޕީޕީއެމުން ރ. ދުވާފަރުގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ 3 އަހަރުގެ ތެރޭގައި ދައުލަތް ހިންގެވުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، ދައުލަތުގެ ކަންކަން ކުރިއަށްދާ މިންވަރު އެތައް ގުނައެއް އަވަސްކުރައްވާފައިވާކަމަށެވެ. ރައްޔިތުން ބޭނުންވާ އިޖްތިމާއީ އިޤްތިޞާދީ ކަންކަން، ރައްޔިތުން ބޭނުންވާ މިންވަރަށް، ރައްޔިތުން އެދޭ އަވަސްކަން މަތީގައި ފޯރުކޮށްދެވެނީ ދައުލަތް ހިންގެވުމުގެ ވައްޓަފާޅިއަށް ގެންނެވި މި ބަދަލުތަކުގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ އުންމީދަކީ ސަރުކާރުގެވެސް އުންމީދުކަމަށާއި، ސަރުކާރުން ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ހުވަފެންތައް ހަޤީޤަތަކަށް ހައްދަވައިދެއްވުމުގެ މަސައްކަތްކަމަށެވެ. 

"އަޅުގަނޑުމެންގެ މަސައްކަތުގެ ވައްޓަފާޅިއަށް އައިސްފައި އޮތް ބަދަލުގެ ނަތީޖާއަކީ އެތައް މަޝްރޫޢެއް ކުރުގަޅުވާލާފައި އެއްއަހަރު ދެއަހަރު އަދި ދިގުވެގެން ފަސް އަހަރުގެ ޕްލޭނިންގ މަޝްރޫއަކަށް ފައްތަމުން. އުންމީދުކުރުމަކީ ހުވަފެން ދެކުމަކީ އަޅުގަނޑުގެ ސަރުކާރެއްގައި ކުށެއްނޫން. އަދި ކީއްތޯ އެއީ ކުރަންޖެހޭކަމަށް. އުންމީދާއެކީގައި އަޅުގަނޑުމެން ކުރިއަށްދާނީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ދިވެހި ދައުލަތާއި ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ފަރުވާއެއް ހޯއްދަވައިދެއްވައި ދެއްވުން ކަމަށާއި، ރިޔާސީ ވަކި ދައުރެއްގެ ތެރޭގައި ވަކި މުއްދަތަކަށް ޚިދުމަތް ކުރުމަކީ ސަރުކާރުގެ އަމާޒު ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

"ސިޔާސީ މީހުންގެ ވިސްނުން ހުންނަކީ ފަސް އަހަރަށް. އެހެންނަމަވެސް އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތް ކުރާމީހުންގެ ވިސްނުން ފަސް އަހަރަކަށް ނުހުއްޓޭ. އަޅުގަނޑުމެން މަސައްކަތް ކުރަނީ އެއަށްވުރެ ދުރަށް. މިރާއްޖެއަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ޒުވާނުންނަށް ހިތްހަމަޖެހޭ ދިވެހިރާއްޖެއަކަށް ހެދުމަށް ކުރާ މަސައްކަތް. މިރާއްޖޭގެ ޒުވާނުންނަކީ އުންމީދުތަކެއް ލިބިފައިތިބޭ ޒުވާނުންތަކަކަށް ހެދުމަށް ކުރާ މަސައްކަތް." ރައީސް ޔާމީން ވިދާޅުވިއެވެ. 

ބަވަނަވަމުންދާ ދުނިޔެއާ ފައިތިލަ ހަމަކުރުމަކީ ސަރުކާރުގެ އުންމީދުކަމަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި އަވަސްކުރައްވައި މަޝްރޫޢަކަށްފަހު މަޝްރޫޢެއް މެދުކެނޑުމެއްނެތި، ހުއްޓުމެއްނެތި ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ބޭނުމެއްނުވޭ ބަވަނަވެފައިވާ ދުނިޔެއިން ހޯދަމުންދާ ތަރައްޤީން ބާކީވާ ބަޔަކަށް ވާކަމަށް. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންނަކީ ކުޑަ ނަމަވެސް، މުސްތަޤިއްލު އަދި ފަޚުރުވެރި ޤައުމަކަށްވާތީ އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ އިޤްތިޞާދަކީވެސް އަޅުގަނޑުމެންގެ ވިސްނުމާ ފައިތިލަ ހަމަކުރާވަރުގެ އިޤްތިޞާދަކަށް ހަދަން." ރައީސް ޔާމީން ވިދާޅުވުިއެވެ. 

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ސަރުކާރަށް ދެއްވުމަށް ގޮވާލައްވާފައެވެ. ރައްޔިތުންނަށް ދަތިވާނެގޮތަށް، ރައްޔިތުންނަށް ގެއްލުން ލިބޭގޮތަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.