ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށްރަށުގެ ބިންބޮޑުކުރުމާއި އާބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، އާބަން ސެންޓަރުތައް ތަރައްޤީކޮށް ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ބިން ހިއްކުމާއި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުތަކަށް 603.2 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.
ހިނގަމުންމިދާ 2016 ވަނަ އަހަރު ބިން ހިއްކުމުގެ މަޝްރޫޢުތަކަށް 306.2 މިލިއަން ރުފިޔާ އަދި މަގު ހެދުމުގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވަނީ 199.5 މިލިއަން ރުފިޔާއެވެ. ބަޖެޓްގައި ވިޔަފާރީގެ ބޭނުމަށް 10 ހެކްޓަރަށްވުރެ ބޮޑު 20 ފަޅެއް ހިއްކުމަށް ބަޖެޓްކޮށްފައިވާއިރު، ދަޢުލަތުގެ އާންމު ބަޖެޓުން ޚަރަދުކޮށްގެން ރާއްޖޭގެ 19 ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުވެސް ބަޖެޓްގެ މިބައިގެ ތެރޭގައި ވަނީ ހިމަނާފައެވެ. މީގެތެރޭގައި މިހާރު ފަށައިގެން ކުރިއަށްދާ ލ.އަތޮޅު ލިންކް ރޯޑް ރަނގަޅު ފެންވަރަކަށް ހަދާ ނިންމުމުގެ މަޝްރޫޢުވެސް ހިމެނެއެވެ.
img:http://s4.psmnews.mv/images/660x400/14691100157507.jpg|ހިންމަފުށީ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައި
ދައުލަތުން ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިމެނޭ ޕަބްލިކް ސެކްޓަރ އިންވެސްޓްރ ޕްރޮގްރާމް، ޕީއެސްއައިޕީ ބަޖެޓްގައި 704 މަޝްރޫޢު ވަނީ ހިމަނާފައެވެ. މީގެތެރެއިން އަލަށް ފަށާ 293 މަޝްރޫޢަށް 2.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުން މަޖިލީހަށް ހުށަހެޅި ބަޖެޓަކީ 26.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދަޢުލަތުގެ ބަޖެޓުން ޕީ.އެސް.އައި.ޕީ އަށް 8.0 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ޕީ.އެސް.އައި.ޕީގެ މައިގަނޑު އަމާޒަކީ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމާއި އިޤްތިސާދީ ނަފާ ލިބެނިވި މަސައްކަތްތަކަށް މަގުފަހިކުރާ މަޝްރޫޢުތަކެއް ފެށުމާއި މިހާރު ކުރިއަށްދާ މަޝްރޫޢުތައް ނިންމުމެވެ.