ޓުއަރިޒަމް

މޯލްޑިވްސް-ޓީވީގެ ބްރޭންޑް ރަސްމީކޮށް ލޯޯންޗުކޮށްފި


ޕަބްލިކް ސަރވިސް މީޑިއާއިން ފެށުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އިންޓަރނޭޝަނަލް ޓީވީ ޗެނަލް "މޯލްޑިވްސް ޗެނަލް"ގެ ބްރޭންޑް ރަސްމީކޮށް ލޯންޗްކޮށްފިއެވެ. 

"މޯލްޑިވްސް ޗެނަލް"ގެ ބްރޭންޑް ރަސްމީގޮތުން ލޯންޗްކޮށްފައިވަނީ ލަންޑަނުގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް ފެއަރގެ ތެރޭގައެވެ. ދިވެހިރާއްޖޭގެ ފުރަތަމަ އިންޓަރނޭޝަނަލް ޓީވީ ޗެނަލް "މޯލްޑިވްސް ޗެނަލް"ގެ ބްރޭންޑް ރަސްމީގޮތުން ލޯންޗްކޮށްދެއްވީ ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޢާނެވެ. "މޯލްޑިވްސް ޗެނަލް"ގެ ބްރޭންޑް ލޯންޗްކޮށްފައިވަނީ ލަންޑަނުގައި މިހާރު ކުރިއަށްދާ 37 ވަނަ ޑަބްލިޔު.ޓީ.އެމް ފެއަރގައި ރާއްޖޭގެ ފަރާތުން ބައިވެރިކޮށްފައިވާ ސްޑޭންޑުގައި ކުރިއަށްދިޔަ ޚާއްސަ ރަސްމިއްޔާތެއްގައެވެ."މޯލްޑިވްސް ޗެނަލް"ގެ ބްރޭންޑް ރަސްމީކޮށް ލޯންޗްކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ދިވެހިރާއްޖޭން  އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޢާން ވިދާޅުވީ، މިއީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި އިޝްތިހާރު ކުރުމަށް ހުޅުވިގެންދިޔަ އިތުރު ދޮރެއްކަމަށެވެ. އަދި މިފަދަ ޗެނަލެއްގެ ސަބަބުން ރާއްޖެއާއި ގުޅޭ އެންމެ ތެދުމަޢުލޫމާތު ފަތުރުވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަން ބޭނުންވެފައިތިބި ފަރާތްތަކަށް ފޯރުކޮށްދެވިގެންދާނެކަމަށެވެ.

އިނގިރޭސިބަހުން ހުރިހާ ކޮންޓެންޓެއް ގެނެސްދޭ މޯލްޑިވްސް ޓީވީއަކީ ހައިޑެފިނިޝަންގައި މުޅިދުނިޔެއަށް ޚިދުމަތް ލިބިދެވޭ ޗެނަލެކެވެ. މި ޗެނަލާއެކު، ވެބްސައިޓަކާއި، މޯބައިލް އެޕްލިކޭޝަނެއް ތަރައްޤީކުރުމުގެ މަސައްކަތް ޕީ.އެސް.އެމުން މިހާރު އަންނަނީ ކުރަމުންނެވެ. ޕީ.އެސް.އެމްގެ އަމާޒަކީ މި ޗެނަލްގެ ޚިދުމަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފޯރުކޮށްދިނުމެވެ.މޯލްޑިވްސް ޓީވީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން އެކިކަހަލަ ކޮންޓެންޓްތައް އުފައްދާ، އާއްމުންނާއި ހަމައަށް ގެނެސްދޭ ޓީވީ ޗެނަލެކެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި، ޓުއަރ އޮޕަރޭޓަރުން އަދި ޓުއަރ އޭޖެންޓުން މިޗެނަލް މެދުވެރިކޮށް އެމް.އެމް.ޕީ.އާރ.ސީއާއި ގުޅިގެން އިޝްތިހާރުކުރުމުގެ މަސައްކަތް ޕީ.އެސް.އެމުން ކުރާނެ. ހަމައެހެންމެ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ އިންޓަރނޭޝަނަލް ބްރޭންޑްތަކާއި، ކުންފުނިތަކުގެ އިތުރުން، މިދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތައްވެސް މި ޗެނަލް މެދުވެރިކޮށް ޕްރޮމޯޓް ކުރުމަށް ވަނީ ހަމަޖެހިފައި. މީގެ އިތުރުން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ތާރީޚާއި ސަޤާފަތާއި ގުޅުންހުރި ތަފާތު ކަންކަންވެސް މި ޗެނަލް މެދުވެރިކޮށް ޕީ.އެސް.އެމުން ގެނެސްދޭނެއެވެ. 

އިންޓަރނޭޝަނަލް ޓީވީ ޗެނަލެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ޕީއެސްއެމުން ކުރަމުން އަންނައިރު، ޕީއެސްއެމުން މީގެ ކުރިން ވަނީ އިންޓަރނޭޝަނަލް ފްރެންޗައިޒް ޓީވީ ޝޯއެއް ކަމަށްވާ އައިޑަލް ރާއްޖެ ގެނެސް، މޯލްޑިވިއަން އައިޑަލްގެ ނަމުގައި ކާމިޔާބުކަމާއެކު އެޝޯވގެ ފުރަތަމަ ސީޒަން ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. 

ޕީއެސްއެމްގެ މަސައްކަތްތައް ދުވަހެއް ދުވަހަކަށް ފުޅާކުރަމުން ގެންދާއިރު މިހާތަނަށް ކުންފުނިން ވުޖޫދަށް ގެނެސްފައިވާ ރޭޑިޔޯއާއި ޓީވީ ޗެނަލްތަކާއި އެހެނިހެން މީޑިޔާގެ ވަޞީލަތްތައް ވަނީ އިތުރުކުރެވިފައެއެވެ. 

މަޖިލިސް ޓީވީ، ޔެސްޓީވީ، ދީނުގެ އަޑު، ޕީ.އެސް.އެމް ނިއުސްގެ ވެބްސައިޓް، އަދި މާލްދީބް ހަފްތާ މަޖައްލާ މިއީ އެގޮތުން ފާހަގަކޮށްލެވޭ ވަޞީލަތްތަކެވެ. މީގެ އިތުރުން 24 ގަޑިއިރު ޙަބަރާއި މަޢުލޫމާތު ފޯރުކޮށްދޭ ޗެނަލަކާއި، ދީނީޗެނަލަކާއި، ތަޢުލީމީ ދާއިރާއަށް ޚާއްޞަ ޗެނަލެއް ޢާންމުންނާއި ހަމައަށް ގެނެސްދިނުމަށްވެސް ޕީއެސްއެމުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ޕީއެސްއެމްއިން މިހާރުވެސް 3 ޓީވީ ޗެނަލާއި 3 ރޭޑިއޯ ޗެނަލައާއި ހަފްތާ މަޖައްލާއެއްގެ އިތުރުން އޮންލައިން ވެބްސައިޓެއް އަންނަނީ ހިންގަމުންނެވެ.