ޓުއަރިޒަމް

ޑަބް.ލިޔު.ޓީ.އެމް 2016، ލަންޑަންގައި ފަށައިފި


ވޯލްޑް ޓްރެވަލް މާކެޓް 2016 ލަންޑަންގައި މިއަދު ފަށައިފިއެވެ. 

ފަތުރުވެރިކަމުގެ މިފެއަރ ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 9 ވަނަ ދުވަހާއި ހަމައަށް އިނގިރޭސިވިލާތުގެ ލަންޑަނުގެ "އެކްސެލް ލަންޑަން" ކޮންވެންޝަން ސެންޓަރުގައެވެ. މިއަހަރުގެ ފެއަރގައި ރާއްޖޭގެ ފަރާތުން 66 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. "ވޯލްޑް ޓްރެވަލް މާކެޓް" ނުވަތަ ޑަބްލިޔު.ޓީ.އެމްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ފެއަރއެވެ. އަދި މިއީ އައި.ޓީ.ބީ ފެއަރއަށްފަހު ރާއްޖޭގެ ފަރާތުން ދެވަނައަށް ބައިވެރިވާ އެންމެ ބޮޑު ފެއަރވެސްމެއެވެ. މިއީ މިފެއަރ ބާއްވާ 37 ވަނަ އަހަރެވެ. މިފެއަރ އިންތިޒާމްކޮށްފައި ވަނީ އިވެންޓް އޯގަނައިޒްކުރުމުގައި ދުނިޔޭގެ ލީޑިން ކުންފުންޏެއްކަމަށްވާ "ރީޑް އެގްޒިހިބިޝަން" ގެ ފަރާތުންނެވެ. މިއަހަރުގެ ފެއަރގެ އޮފިޝަލް ޕްރިމިއަރ ޕާޓްނަރަކީ އިންޑިޔާއެވެ.

މިއަހަރުގެ ފެއަރގައި ޖުމްލަ 182 ޤައުމަކުން 5000 އަށްވުރެ ގިނަ އެގްޒިހިބާޓަރުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި، އޭޝިޔާ، ދެކުނު އޭޝިޔާ، އެފްރިކާ، އެމެރިކާ، ޔޫރަޕް އަދި މެދުއިރުމަތީގެ ޤައުމުތައް ހިމެނެއެވެ.

img:http://s3.psmnews.mv/images/660x400/14785218489151.jpg|ޑަބްލިޔުޓީއެމް 2016ގެ ތެރެއިން

ޑަބްލިޔު.ޓީ.އެމް އަށް ރާއްޖޭގެ ފަރާތުން ތައްޔާރުކޮށްފައިވާ ސްޑޭންޑް ފަރުމާކޮށްފައިވަނީ މިއަހަރު ފާހަގަކުރަމުން އަންނަ "ވިޒިޑް މޯލްޑިވްސް އިޔަރ" މޮޓޯއާއި ގުޅުވައިގެނެވެ. އެގޮތުން ރާއްޖޭގެ ސްޑޭންޑުގައި ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި، މުއްސަނދިކަން ދައްކުވައިދޭ ތަފާތު މަންޒަރުތައް ބޭނުންކޮށްފައިވެއެވެ. ހަމައެހެންމެ، ރާއްޖޭގެ ފަރާތުން މިއަހަރުގެ ފެއަރގައި ބައިވެރިވެފައިވާ ފަރާތްތައް ދައްކުވައިދޭ ޕްރޮމޯޝަނަލް ވީޑިއޯ ކްލިޕްތައް ސްޓޭންޑުގެ ކުރިމަތިން ފެންނާނެހެން ލެޑް ސްކްރީން ވަނީ ބަހައްޓާފައެވެ. މިއީ އެހެން ފަހަރުތަކާއި ޚިލާފަށް މިއަހަރު އަލަށް ފެށިކަމެއް ކަމަށް އެމް.އެމް.ޕީ.އާރ.ސީއިން ވިދާޅުވެއެވެ.

މިއަހަރުގެ ފެއަރގައި ރާއްޖެ ތަމްސީލްކުރުމުގައި އެމް.އެމް.ޕީ.އާރު.ސީން އިސްކޮށް ހަރަކާތްތެރިވަމުންދާއިރު، ރާއްޖޭގެ 66 ކުންފުންޏަކުން 168 މަންދޫބުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ޓްރެވަލް އެޖެންޓުންނާއި، ޓޫރިސްޓް ރިސޯޓްތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން، ދަތުރުފަތުރު ކުރުމުގެދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ބޮޑެތި ކުންފުނިތައް ހިމެނެއެވެ.

img:http://s2.psmnews.mv/images/660x400/14785219028318.jpg|ޑަބްލިޔުޓީއެމް 2016ގެ ތެރެއިން

ޑަބްލިޔު.ޓީ.އެމް ފެއަރއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތަކާއި، އޭޖެންޓުން އެއް ތަނަކުން ބައްދަލުވެ، ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށް ހުޅުވާލެވިގެންދާ އަގުހުރި ފުރުޞަތެއްކަމުން، މި ފެއަރއިން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ދުނިޔޭގެ މާކެޓްތަކުގައި އިޝްތިރާހުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެމް.އެމް.ޕީ.އާރު.ސީން ވިދާޅުވެއެވެ.